
މި ބިލް ބަލައިގަތުމަށް 68 މެންބަރަކު ވޯޓުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރެވެ. ބިލުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމްކުރުމަށްޓަކައި ޓްރޭޑްމާކް ރެޖިސްޓްރީ ކުރުމާއި ގުޅޭ ނިޒާމެއް ގާއިމްކޮށް ކަމާއި ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމެވެ. އަދި ރެޖިސްޓްރީ ކުރެވޭ ޓްރޭޑްމާކާއި ގުޅިގެން ޓްރޭޑްމާކްގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ހައްގުތަކުގެ ދާއިރާތައް ބަޔާންކޮށް ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ އަމަލުތަކާއި ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔަންކުރުން ކަމަށްވެސް ބިލްގައި ބަޔާންކޮށްފައިވެއެވެ.
ބިލްގައި ވާގޮތުން ޓްރޭޑްމާކްއަކީ އެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތައް އަނެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތަކާއި ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ނިޝާނެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޓްރޭޑް މާކް ގާނޫނުގެ ދަށުން މާކެއް ރެޖިސްޓްރީ ކުރެވޭނީ އެ މާކެއް ރެޖިސްޓްރީ ކުރުމަށްޓަކައި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސައްހަ ހުށަހެޅުމެއް އެންމެ ފުރަތަމަ ފުރިހަމަ ކުރާ ފަރާތަކަށްކަމަށް ބިލްގައި ވެއެވެ. މީގެއިތުރުން ޓްރޭޑްމާކްއާއި ގުޅިގެން އެކްސްކްލޫސިވް ހައްގު ލިބިދެވޭނީ މާކް ރެޖިސްޓްރީ ކުރުމުން ކަމަށްވެސް ބިލްގައި ބަޔާންކޮށްފައިވެއެވެ.