
މި ސަރަހައްދުތަކުގެ ގިނައީ އެމެރިކާ އަދި އިސްރާއީލުން ބާރުދޭ ގައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ ދަށުން ހިންގާ އެހީގެ ޕޮއިންޓްތައް ކަމަށް އދ. އިން ފާހަގަކޮށްފައިވެއެވެ.
އދ. ގެ ރިޕޯޓުން ދައްކާގޮތުގައި މަރުވި 875 މީހުންގެ ތެރެއިން 674 މީހުން މަރުވެފައިވަނީ ޖީއެޗްއެފްގެ އެހީ ބަހާ ސަރަހައްދުތަކުގައެވެ. އަދި 201 މީހުން މަރުވެފައިވަނީ އދ. އަދި އެހެނިހެން އޭޖެންސީތަކުން ހިންގާ އެހީގެ ގާފިލާތައް ދަތުރުކުރާ މަގުތަކުގައެވެ. ޖީއެޗްއެފްގެ އެހީ ބެހުމުގެ މޮޑެލް އަކީ "އަސްލުގައިވެސް ރައްކާތެރިކަން ނެތް" އަދި އިންސާނިއްޔަތަށް ބުރޫއަރާ ކަމެއް ކަމަށްވެސް އދ. އިން ފާހަގަކޮށްފައިވެއެވެ. މި ސަރަހައްދުތަކުގައި ބޮޑެތި ހަލަބޮލިކަމާއި އަނިޔާވެރިކަން ހިނގާކަމަށް އެ އދ އިން ބުނެފައިވެއެވެ.
ގިނަ ފަހަރަށް އިސްރާއީލު ފަރާތުން ބުނަނީ މިފަދަ ހާދިސާތަކުގައި "ޝައްކުވާ މީހުން" ކަނޑައެޅިފައިވާ މަގުތަކުން ބޭރުވާތީ ބަޑީގެ ވަޒަން އަމާޒުކުރަންޖެހޭ ކަމަށެވެ. މި ހާދިސާތަކަކީ ހަނގުރާމައިގެ ކުށްތަކެއްކަމަށް ބެލެވޭތީ މިނިވަން ތަހުގީގެއް ބާއްވައި މިކަން ބެލުމަށް އދ. އިން ގޮވާލާފައިވެއެވެ.