
"އެކްސް" މެދުވެރިކޮށް މިނިސްޓަރު ވިދާޅުވީ މި ބިލަކީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުގުވެރިކަން ހޯދަން ފަސޭހަވެގެންދާނެ މުހިންމު ބިލެއް ކަމަށެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، ޓްރޭޑްމާކް ރަޖިސްޓްރީ ކުރެވޭނީ ދިހަ އަހަރުދުވަހުގެ މުއްދަތަށް ކަމަށާއި، އިތުރު ދިހަ އަހަރަށް މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ރާއްޖޭގައި ކައުންޓަފީޓް މުދާ އުފެއްދުމާއި، އެތެރެކުރުމާއި، ވިއްކުމާއި، ބޭރުކުރުން މަނާކޮށް، އެފަދަ ކަމެއް ކޮށްފިނަމަ 100,000 ރުފިޔާއިން ފެށިގެން 2,000,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މި ބިލަކީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް މުހައްމަދު މުއިއްޒުގެ ވިޝަން ހަގީގަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ބިލު މިހާރު އޮތީ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިގުތިސޯދީ ކޮމެޓީއަށް ފޮނުވާފައެވެ. ބިލް ފާސްވުމުން، މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް އަލުން ރަޖިސްޓްރީކުރުމަށް 12 މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ.