
އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި މިހާރު ކުރިއަށްދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. މި މައްސަލައިގައި މޭރީގެ ފިރިމީހާ މާވިން އަދި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބެލެވޭ ލަމްހާގެ އަޑުއެހުންތައް ވަކިވަކިން ތާވަލުކޮށްފައިވާއިރު، ކުއްލި ގޮތަކަށް ކޯޓުގެ އިންޓަނެޓު ކެނޑުމުގެ ސަބަބުން އަޑުއެހުންތައް ކެންސަލްކުރަން ޖެހުނީއެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި، މާވިން އަދި ލަމްހާ ގުޅިގެން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މޭރީ މަރާލާފައިވަނީ ދުރާލާ ރާވައިގެންނެވެ. މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. ކޯޓު މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ އިންޓަނެޓު މައްސަލަ ހައްލު ނުކުރެވުމުގެ ސަބަބުން ދެ ފަރާތުގެ އަޑުއެހުންތައް ކެންސަލްކުރަން ޖެހުނީ ކަމަށެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި، މާވިން އަދި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން ދިޔައިރު، މޭރީއަށް މިކަން އެނގިގެން ދެބަސްވުންތަކެއް ހިނގިއެވެ. ފިލިޕީންސްގެ ގާނޫނު އޮންނަ ގޮތުން މާވިންއަށް މޭރީއާ ވަރިވެވެން ނެތުމުން، ދެމީހުން ދިވެހިރާއްޖޭގައި ކައިވެނި ކުރުމަށް މަޝްވަރާކުރި ކަމަށާއި، އިންޖެކްޝަން ޖަހާނެ ގޮތާއި ގުޅޭގޮތުން ވާހަކަދެއްކި ކަމަށްވެސް ދައުލަތުން ތުހުމަތުކުރެއެވެ. މާވިން އަދި މޭރީގެ 5 އަހަރުގެ އަންހެން ދަރިއެއް ހުންނަ ކަމަށްވެސް ދައުލަތުން ބުނެއެވެ.