
ކަރީމްބެއަށް ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އަރުވަނީ
ކަރީމްބެ އަކީ ނަމޫނާ ޝަހްސިއްޔަތެއް: ރައީސް
މުހައްމަދު އާދަމް އަހްމަދު
17 ޖުލައި 2025 - 13:44:01
ސިއްހީ ހިދުމަތް ފޯރުކޮށްދެއްވުމުގައި 47 އަހަރަށް ވުރެން ގިނަ ދުވަސް ހޭދަކުރެއްވި, އަބްދުލްކަރީމް އާދަމް (ކަރީމްބެ) ނަމޫނާ ޝަހުސިއްޔަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުމުރުން ދުވަސްވުމުގެ ސަބަބުން ބަލިވެ އުޅުއްވުމަށްފަހު ކަރީމްބެ އަވަހާރަވީ ރޭގެ ވަގުތެެއްގައެވެ. އަވަހާރަވިއިރު އުމުރު ފުޅަކީ 80 އަހަރެވެ.
ކަރީމްބެ އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަރީމްބެ އަކީ އެތައް ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވި ހިދުމަތްތެރިޔެއްކަމަށެވެ. ރައީސް ވިދާޅުވީ ކަރީމްބެ އަވަހާރަވުމުން އެ ގެއްލިގެން ދިޔައީ ނަމޫނާ ޝަހްސިއްޔަތެކެވެ.
" ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާއަށް މި ގެއްލުނީ، އެ ދާއިރާއަށް މި ވޭތުވި ބައި ގަރުނަށް ވުރެ ގިނަ ދުވަހު އައި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި، ތަޖްރިބާކާރު، އެންމެންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެން ހުންނެވި ނަމޫނާ ޝަޚްސިއްޔަތެއް. ދިވެހި ދައުލަތަށް ދިގު މުއްދަތަކު ހިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޝަރަފްވެރިއެއް. " ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި 2023 ވަނަ އަހަރު ވަނީ ކަރީމްބެއަށް ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވައިފައެވެ.
އަބްދުލްކަރީމް އާދަމް، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ، 18 ޖޫން 1961 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ސިއްހަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓުގެ (ލޭ ނެގުމާ ބެހޭ) ވަޒީފާއެވެ. 16 ޖުލައި 2009 ގައި އުމުރުން 65 އަހަރުވެގެން ރިޓަޔާ ކުރައްވަންދެން ހިދުމަތް ކުރައްވަމުން ގެންދެވީ ސިއްހީ ދާއިރާގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް