ads
ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކާ ބޮޗްވޭއާ ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ރައީސް ކޮމަންވެލްތުގެ އެސްޖީ އާއިއެކު މުހިންމު ދާއިރާތަކުން މަޝްވަރާކުރައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝާލީ އަޔޯކޯ ބޮޗްވޭއާ މިއަދު ބައްދަލުކުރައްވައި މުހިންމު ދާއިރާތަކާ ގުޅޭ މަޝްވަރާކުރައްވައިފި އެވެ.
Advertisement

ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދެ ބޭފުޅުން މިއަދު ބައްދަލު ކުރައްވައި، ކޮމަންވެލްތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކޮށް، އިސްކަންދޭ ދާއިރާތަކުން ކުރިއަށް ދިއުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ރައީސްގެ ވާހަކަފުޅުގައި، ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި އެއް ލަނޑުދަނޑިތައް ކުރިއެރުވުމުގައި، ރާއްޖޭގެ ދައުރު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.

އަދި 2040 ވަނަ އަހަރާ ހަމައަށް ކުރިއަރާފައިވާ ގައުމުތަކާއި އާ ހަމަ ކުރުމުގެ ގައުމީ ތަސައްވުރު ތަފްސީލުކޮށް ދެއްވައި، މިކަން ހާސިލުކުރެއްވުމަށް ކޮމަންވެލްތާއި ގުޅިގެން ކުރިއަށްގެންދަވާ މަސައްކަތްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންނެވެ. 

މީގެ އިތުރުން ދެ ބޭފުޅުން ޑިމޮކްރަސީއާއި ހެޔޮވެރިކަމާއި، ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ އިތުރުން މަސްވެރިކަމާއި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން ފަދަ ކަންކަމާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުވުމަކީ ރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަަމަށެވެ.

ރައީސް މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ އެކިއެކި އިސްވެރިންނާއެކު މަތީފަންތީގެ ބައްދަލުކުރެއްވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ ތެރެއިން އިނގިރޭސިވިލާތުގެ ރަސްގެފާނާ ބައްދަލުކުރެއްވިއިރު، ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފައި ވެސް ވެއެވެ.

ރައީސް އިނގިރޭސިވިލާތަށް ދަތުރުފުޅެއް މި ކުރައްވަނީ ރާއްޖޭގެ މިނިވަން ކަމަށް މި މަހު 26 ގައި 60 އަހަރު ފުރޭ މުނާސަބަތުގެ އިތުރުން ރާއްޖެ އާއި އެ ގައުމާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމް ކުރިތާ ވެސް 60 އަހަރު ފުރުމާ ދިމާކޮށެވެ.

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި ގުޅުން ގާއިމްކުރީ ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހު 26 ޖުލައި 1965 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް