
ހައުސިން މިނިސްޓްރީން ކުރިން އިއުލާންކޮށްފައިވާ ގޮތުގައި، ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި، ބިންވެރިޔާ ސްކީމުން އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އެކަމަކު، އެކަން ކެންސަލްކޮށް، މިހާރު ނިންމާފައިވަނީ ކުރިންވެސް އޮތް ގޮތަށް ކުރިއަށްދާށެވެ.
ހައުސިން މިނިސްޓްރީން ރޭ ބުނީ، އެކަމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށްވާތީ، އަދި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ފޭސް-3 އާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދާތީ އާއި ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ވަގުތު ނަގާނެތީ ކުރީގެ އިއުލާނަށް އަމަލު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުން އަންނަ ހޯމަ ދުވަހު ފަށާ ގޮތަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ވަނީ ނިންމާފައެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިއުލާން ކުރި ލިސްޓާ ގުޅިގެން، ފްލެޓު ނަންބަރު ގުރުއަތު ނަގައި އަދި ލިބޭ ފްލެޓު ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން، ބިންވެރިޔާ ސްކީމުން އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައެއް ނުވާނެ އެވެ.
އެފްޑީސީން ބުނީ، 4،000 ފްލެޓު ހަވާލު ކުރަނީ ފިނިޝިންގެ މަސައްކަތްތައް ނިންމާފައި ކަމަށެވެ. ފަންކާ އާއި ކުޑަދޮރާއި ދޮރު ހަރުކޮށް ޓައިލްސް ޖަހާފައި ހުރުމުގެ އިތުރުން މުޅި ފްލެޓުގައި ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށި ވެސް ހުންނާނީ ހަރުކޮށްފައި ކަމަށް އެފްޑީސީން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައެޅިއަސް، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެ އެވެ. ގިނަ ޝަކުވާތަކަކާ ގުޅިގެން މި ސަރުކާރުން އެ ލިސްޓު އަލުން ރިވިއުކުރި ނަމަވެސް މިހާރު ނިންމާފައި ވަނީ އިތުރު ލިސްޓެއް އެކުލަވާނުލައި އޭރުގެ ލިސްޓަށް ފްލެޓްތައް ދޫކުރުމަށެވެ.