ads
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ބައެއް ޓަވަރުތައް
ގެދޮރުވެރިޔާ ފްލެޓަށް ދައްކަން ޖެހޭ 25،000ރ.ގެ ޑައުންޕޭމަންޓް މައާފުކޮށްދޭން ގޮވާލައިފި
'ގެދޮރުވެރިޔާ' ސްކީމުގެ ފްލެޓުތަކަށް ދައްކަން ޖެހޭ 25،000ރގެ ޑައުންޕޭމަންޓް މައާފުކޮށްދިނުމާ އެކު، ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް، ފުލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ފަހި ޔޫނިއަންއިން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
Advertisement

ފަހި ޔޫނިއަނުން މިއަދު ނެރުނު ބަޔާނުގައި ވަނީ އެ ޔޫނިއަނާއި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ދެމެދު ކުރެވުނުު މުއާމަލާތްތަކުގައި، މިއީ އެހެން ސޯޝަލް ސްކީމްތަކާ ތަފާތު ސްކީމެއްކަމަށް އެ ކޯޕަރޭޝަނުން ބުނާކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އެ ޔުނީިއަނުން ބުނީ، އެ ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި 4،000 ފްލެޓަކީ "ކުއްޔަށް ދޭ އުސޫލުން" ދޫކުރާ ފްލެޓްތަކެއް ކަމަށެވެ. އެއީ އެހެން "ހިޔާ ފްލެޓް" ފަދަ އެހެން ސޯޝަލް ސްކީމްތަކާ ޚިލާފު ސްކީމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނާ ކަމަށް ޔޫނިއަނުން ބުންޏެވެ.

އަދި މިއީ އެހެން ރިއަލްއެސްޓޭޓް ކުންފުނިތަކަށް ވެސް ދިގުމުއްދަތަށް ކުލި ދައްކައި އަގު ޚަލާސްކުރުމުން މިލްކުކުރެވޭ އުސޫލުން، އެފްޑީސީއަށް 25 އަހަރުގެ މުއްދަތަކަށް އަގު ދައްކައި ޚަލާސްކުރުމުން ދޫކުރެވޭ އެޕާޓްމަންޓުތަކެއް ކަމަށް އެ ކޯޕަރޭޝަނުން ބުނާ ކަމަށް ޔޫނިއަނުން ބުންޏެވެ.

އެ ޔޫނިއަނުން ބުނީ، ކުރީގެ އެހެން ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓް ލިބުމުން އެއްބަސްވުމުގައި ސޮއިކުރި ހިސާބުން އެ ތަނަކީ އަމިއްލަ މިލްކަކަށްވެ، ޑައުންޕޭމަންޓް ދައްކަން ނުޖެހި، ސޮއިކުރާ ހިސާބުން ތަޅުދަނޑި ލިބޭ ކަމަށެވެ.

ފުލެޓާއި ގޯތީގެ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާ "ފަހި ޔޫނިއަން" އިން ބުނީ ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުން ޑައުންޕޭމަންޓުގެ ގޮތުގައި 25،000ރ. ދައްކަން ޖެހޭނެ ކަމަށާއި ދަޅުގަނޑި ހަވާލުކުރާނީ އެ ފައިސާ ދެއްކުމުން ކަމަށް އެފްޑީސީން އެ ޖަމިއްޔާ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ނުދައްކައިފި ނަމަ މަހު ކުއްޔަށް 7،000ރ. ދައްކާ ދެ ކޮޓަރީގެ ފްލެޓްތައް 15،000ރ. ގެ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހޭ ކަމަށާއި މަހު ކުއްޔަށް 9،000ރ. ދައްކާ ތިން ކޮޓަރީގެ ފްލެޓްތައް 25،000ރ. ގެ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހޭ ކަމަށް، އެ ފްލެޓްތަކާ ހަވާލުވުމަށް ހަދާ އެއްބަސްވުމުގައި އެފްޑީސީން ހިމަނާފައިވާ ކަމަށް ފަހި ޔޫނިއަނުން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމަށް ހާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެފްޑީސީން ހުޅުމާލޭގައި އަޅާ 4،000 ފްލެޓު ލިބޭ މީހުންނާ އެކު މާދަމާއިން ފެށިގެން އެއްބަސްވުމުގައި ސޮއިކުރަން ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް