
ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދީފައިވާ މި މައްސަލައަކީ، މީގެ 25 އަހަރު ކުރިން އައްޑު އަތޮޅު ހިތަދޫ ކޯޓުން ނިންމި މައްސަލައެކެވެ. 2000 ވަނަ އަހަރު، ނިންމި މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނީ، އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި އެ މައްސަލަ ހުށަހެޅިފައި ނުވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ބުއްދީގެ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށްވެފައި، އެ ހާލަތު އަދިވެސް އެހެން އޮތުމުގެ ފުރުސަތު އޮތުމުން ކަމަށް ހުއްދަދިން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
2000 ވަނަ އަހަރު، އައްޑު އަތޮޅު ހިތަދޫ ކޯޓުން މި މައްސަލަ ނިންމާފައިވަނީ މައްސަލަ ރައްދުވާ ފަރާތުގެ ގައިރު ހާޒިރުގައިކަން، ހައިކޯޓަށް މި މައްސަލަ ހުށަހަޅަން ހުއްދަ ދިން ރިޕޯޓުން އެނގެ އެވެ. މި މައްސަލައަކީ ކޮން ބާވަތެއްގެ މައްސަލައެއް ކަމެއް ނޭނގެ އެވެ. އެކަމަކު މިއީ އަންހެނަކާއި ފިރިހެނަކާ ދެމެދު އޮތް މަދަނީ މައްސަލަ އެކެވެ.
މީގެ 25 އަހަރު ކުރިން ނިންމާފައިވާ މި މައްސަލަ އިސްތިއުނާފު ކުރަން ހުއްދަ ދީފައި މިވަނީ ހައިކޯޓުގައި ހުއްދައިގެ މައްސަލަ ނިންމި ބެންޗުގެ އިއްތިފާގުންނެވެ. އެއީ، ފަނޑިޔާރު ހުސައިން މަޒީދު، ހުޒައިފާ މުހައްމަދު އަދި ދީބާނާޒް ފަހްމީއެވެ.