
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ "ނަހޫ" ގެ އެންމެ ފަހުގެ ޑައިރެކްޝަނެވެ. ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ނަންވިދާ ގިނަ ތަރީންތަކެއް ހިމެނޭހެން ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ނަހޫ ބުނީ މި ހުކުރު އަދި ހޮނިހިރު ދުވަހު އަޅުވަން ހަމަޖެހިފައި ވަނީ "ސޮރީ" ގެ އެންމެ ފަހު ހަފުތާ ބަންދު ޝޯ ކަމަށެވެ.
މިއަށްފަހު ދެން އޮލިމްޕަހުގައި އަޅުވާނީ ފިލްމުގެ ވަދާއީ ޝޯއެވެ. ފިލްމު އަޅުވަން އޮލިމްޕަސް ނެގި ތާރީހު ތިން ފަހަރަށް އިތުރު ކޮށްފައިވާއިރު، ފިލްމު އޮލިމްޕަހުން ނަގަން ނިންމީ ދެން އިތުރު ތާރީހެއް ނުލިބުމުން ކަމަށްވެސް ނަހޫ ބުންޏެވެ. މިދިޔަ މަހު 17 ގައި ދައްކަން ފެށި "ސޮރީ" ވަނީ ލަންކާ އަދި ތައިލެންޑުގައިވެސް އަޅުވާފައެވެ.
"ސޮރީ" ފިލްމު ބަލަން ދިޔަ އެންމެންވެސް ވަނީ މި ފިލްމަށް ވަރަށް ތައުރީފު ކޮށްފައެވެ. ނަހޫ މިފަހަރުވެސް ގެނެސްދީފައިވަނީ ހަމަ ވަރަށް އަސަރުގަދަ، ލޮލުން ކަރުނަ އޮއްސާލާ ފަދަ ފިލްމެއް ކަމަށް މި ފިލްމު ބަލަން ދިޔަ ގިނަ ބަޔަކު ވަނީ ބުނެފައެވެ. ރާއްޖޭގެ ގިނަ ރަށްތަކެއްގައިވެސް ދައްކާފައިވާ މި ފިލްމު ސްކްރީނުން ބަލައިލަން ބޭނުން ނަމަ މިއީ އެންމެ ފަހުގެ ފުރުސަތެވެ.
މި ޝޯތަކުގެ ޓިކެޓު މިހާރު އޮލިމްޕަހުގެ ހޮޓްލައިން ނަންބަރު 7844422 އަށް ގުޅައިގެން ގަނެވޭނެއެވެ.