ads
ނޭނގި ހިތް ގެއްލުނީ - 10 ވަނަ ބައި
އެޕިސޯޑް 10
Advertisement

ކުއްލިޔަކަށް ޝައްޔާންގެ ހިނިގަނޑު ފަޅައިގެންދިޔައީ ކޮންޓްރޯލް ނުވެގެންނެވެ. 

"ނޫން.. ނޫން.. އަހަރެން ކަންފަތް ބޭނުން.. މި ނާޒުކު ކަންފަތަށް ސިއްހީ ގެއްލުމެއް ލިބުމުގެ ދެރަ ތަހަންމަލްކުރުމުގެ ޝައުގުވެރިކަމެއް ނެތް!" ޝައްޔާންގެ ޖުމުލައާއެކު އަމާރާގެ މޭދަށުގައި ދެއަތް ހުރަސްކޮށް، ދެކޯ ފުއްޕާލާފައި ލޯ އަޅައިލި އެވެ.

"ހޫމްމމމ... ނަން ބަދަލުކުރަންޖެހޭ..! އެކަށީގެންވާ ފުރިހަމަ ނަމަކަށް އަހަރެން ބަދަލުކޮށްލާނަން..!" ވިސްނާލާފަދަ ގޮތެއް ޝައްޔާންގެ ދެ ލޮލާއި މޫނުން ދައްކާލި އެވެ. 

"ފުށްގުޑި.. ޕަރފެކްޓް! އެއަށްވުރެން ފުރިހަމަ ނަމެއް އަމާރާއަކަށް ނުލިބޭނެ..!"ވިސްނާލުމަށްފަހު ޝައްޔާން ބުނެލި އެވެ. އޭނާގެ ނިންމުމާއެކު އަމާރާގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައީ ބާރުގަދަ ރޯޅިއެއްގެ ގޮތުގަ އެވެ.

ލިބުނު ޝޮކްގައި ދެ ލޯ ބޮޑުވެ، ތައްމިނަށް އަނގަހުޅުވިގެން ދިޔަ އެވެ.

"ފުށްގުޑި..!؟ ދުވަހަކުވެސް އަޑެއްވެސް ނާހަން..! ކޮން ފާޑެއްގެ ނަމެއް ތިއީ؟" ޝައްޔާންއާއި ދިމާއަށް އެނބުރިފައި އަމާރާ ސުވާލުކުރީ ރުޅިއަންނަ ގޮތް ދައްކާލާފަ އެވެ.

"އޭގެ މާނައަކީ، ހުރިހައި މާނައެއްގައިވެސް އެހެން މީހުންގެ ހުށައެޅުންތަކާއި އެމީހުންގެ އިހްސާސްތަކަށް ކަނުލޮލެއްދީ ނޭގޭކަމަށް ހަދައިގެން ހުރުމާއި، އެހެން މީހުން ހިތް ތެޅުވުން..! އަދި ރެއާއި ދުވާލުގެ ކޮންމެ ފަދަ ވަގުތެއްގައިވެސް އަންނަ ނާންނަ ތަނެއް ނޭގި، ފޫބުޑުގައި ތަތްކޮށްފައި ތިބޭމީހުންނަށް ކިޔާ އެއްޗެއް" ގަސްތުގައި އަމާރާ ރުޅިއަރުވާލުމަށް ޝައްޔާން ބުނެލލީ ވަރަށް ހަމަޖެހިލާފަ އެވެ.

"ހޫމްމމމ... އައްޓަމަސް! ތިޔަ ބުނި އެއްޗެއް ސާފު ސީދާ އިބާރަތުން އައިސް ލައްވަނީ އަހަރެން ގައިގައިތޯ ނުވަތަ ޝައްޔާން ގައިގައިތޯ ބަލަންޖެހޭ..! ތިޔަށް ވުރެން ތަތްގަދަ އައްޓަމަހެއް ވުޖޫދުގައި ލެއްވިކަމެއްވެސް ނޭގެ..! މާކުރިން ތިނަން އަހަރެން ޝައްޔާންއަށް އިހްތިޔާރުކޮށްފިން..!" ލިބުނީ ކާމިޔާބެއްކަން ދައްކާލުމަށް ވައްތަރުޖައްސާލާފައި އަމާރާ ބުނެލި އެވެ. 

ވާނުވާ ނޭގިފައި ޝައްޔާން ބަލައިލީ ނިއްކުރިއަށް ރޫ އަރުވާލާފަ އެވެ. 'ފުށްގުޑި'އަކީ ކޯންޗެއްކަން ޝައްޔާންއަށް އެނގެ އެވެ. އެ ނަން އަމާރާއަށް ދިނީ ވާނުވާ ނޭގިއެއް ނޫނެވެ. ގޮތްނޭގޭ ބަރުގަދަ ޖަޒްބާތަކުން ޝައްޔާންގެ ހަށިގަނޑުގައި އަށަގަންނަމުންދިޔަ އިހްސާސްތައް ޝައްޔާންގެ ދުލާއި ހަމައަށް އައީ އެވެ.

"ވަޓް؟ އަށްޓަމަސް..؟ ސީރިއަސްލީ..؟ ނުކިޔާތި..! ތިވަރުގެ ނަމެއް، ސްޕަރސްޓާރަކަށް ކިޔަން ހެޔޮވެސް ނުވާނެއއްނުން!" ޑްރާމާގޮތަކަށް ޝައްޔާން ބުނެލި އެވެ.

"ނޫން.. އައްޓަމަހުގެ އެންމެ ފުރިހަމަ މާނައިގައި ދައްކާލެވޭނެ މިސާލަކީ ތިއީ، އަންނަ ނާންނަދިމާލެއް ނޭގި، ކުއްލިޔަކަށް އައިސް ހުންނަނީ ތަތްކޮށްލާފައި..! ހުރިހައި ގޮތަކުންވެސް ވަރަށް ތަފާތު..! ބަލާލަން ހިއްގައިމު، ވަރަށް ފުރިހަމަ..!"

ބިއްލޫރިގަނޑުން ބޭރުބަލަން އިނދެގެން އަމާރާއަށް ބުނެވުނީ ކިހައިވަރެއްގެ އެއްޗެއްކަން އޭނާއަށް އިހްސާސެއް ނުވި އެވެ. ޝައްޔާންގެ ލޮލާއި ތުންފަތްމަތީން ފެނުނު ތަފާތު ހިނިތުންވުން، އަމާރާގެ ލޮލުގެ ކެމެރާއިން ކައްސާލައިފި އެވެ.

"މަންމަ ފަރާތު މާމަ، އަހަރެން ކުޑައިރު އެންމެ ލޯބިން ގޮވާލާނީ 'ފުށްގުޑި'އޭކިޔާފައި..! އެހެން ކިޔަނީ ކީއްވެކަމެއް އޭރަކު ނޭގެ.. އެކަން އިހްސާސްވީ ދާދި މިދާކަށްދުވަހު.." ކަނދުރާ މައްޗަށް ދޫކޮށްލާފައި އޮތް ފަށުވި އިސްތަށިގަނޑުން ފެށިގެން އަމާރާގެ ލޮލާއި އޭނާގެ މުޅި ހަށިގަނޑަށް ނަޒަރުހިންގާލަމުން ޝައްޔާން ބުނެލިއިރު އޭނާގެ އަޑާއި ރާގު ބަދަލުވެއްޖެ އެވެ.

"ކްރީމްކޮޅެއްފަދަ ހަމުގެ ކުލައާއި، މޫނާއި، ކޯތާފަތުގެ އޮމާންކަމާއި، ތާޒާ ފިނިފެންމަލެއްފަދަ ފަނޑުނުވާ ތާޒާކަމުގެ އުފަލުގައި 'ފުށްގުޑި'އަށް ވުރެން އެކަށީގެންވާ އެހެން ނަމެއް އަހަރެންގެ ހިތާއި ދުލަކަށް ނާދޭ..!" ހުވަފެނީ ގޮތަކަށް ޝައްޔާން ބުނެލލި އެވެ.

އެ ޖަޒްބާތާއި އެ ރާގާއި، ބުނެލުމުގައި ފޮރުވިފައި މާނަ އަމާރާއަށް ފަހުމު ނުވުމަކީ ޝައްޔާންގެ މައްސަލައެއް ނޫނެވެ. ނުވަތަ އެ ބުނި އިބާރާތްތަކާއި ފެނުނު ކުލަވަރާއި އެކުވި އިހްސާސްގެ ޖަޒްބާތު ނޭގޭކަމަށް ހެދުމަކީ ވަގުތާއި ހާލަތުގެ މައްސަލައެއްވެސް ނޫނެވެ.

އާންމުކޮށް، އާދައިގެ ނުވަތަ މެދުފަންތީގެ މީހުން ވަދެނޫޅޭ 'ލަގްޒަރީ ރެސްޓޯރެންޓެއްގެ' ތެރެއަށް ޝައްޔާންއާއެކު އަމާރާ ވަދެގެން ދިޔައީ އެހެން މީހުންގެ ލޯތަކުން ސަލާމަތްވެގެންނެވެ. 

ޝައްޔާންގެ މޫނުމަތީގެ މާސްކާއި ލޮލުގައި އަޅާފައިވާ ކަޅު އައިނާ އަދި ކަނދުރާއާއެކު ބޮލާއި ނިއްކުރި ފޮރުވިފައިވާ ހޫޑީގެ ސަބަބުން އެއްވެސް މީހަކަށް ޝައްޔާން ވަކިކުރާކަށް ނޭގޭނެ އެވެ. ޑިއުޓީ މެނޭޖަރުގެ އެހީއާއެކު އަމާރާ ގޮވައިގެން ޝައްޔާންވަނީ ކަޅު ބިއްލޫރި ޖަހާފައިވާ 'ޕްރައިވެޓް ރޫމް'އަށެވެ. މިފަދަ އަމާން ތަނެއް ޝައްޔާން އިހްތިޔާރުކުރީ ހިމޭން މާހައުލެއްގެ ހިތްހަމަޖެހުން ބޭނުންވީތީ އެވެ.

އެތެރެއަށް ވަދެ އިށީނުމާއެކު އަމާރާގެ ސުވާލުތައް ފުނިޖަހާލި އެވެ.

"ކީއްވެ މިވަރުގެ ތަނަކަށް އަހަރެން ގޮވައިގެން ތިޔައައީ..؟ 

ކުއްލިޔަކަށް ކޮންމެހެން ކޮފީއަކަށް އަންނަން ޖެހުނީ ކީއްވެ..؟

ރީތިކަމާއި ފަރިކަމާއި ނަލަކަމުން ފުރިފައި ތިބި އަންހެންކުދިންގެ ބޮޑެތި ވަފުދުތައް ޝައްޔާންގެ އިޝާރާތަކަށް އިންތިޒާރުގައި ތިއްބައި އަހަރެން ކަހަލަ މީހަކުގޮވައިގެން ތި އައީ ކީއްވެ..؟

އަހަރެން ގޮވައިގެން މިވަރުގެ ތަނަކަށް ޝައްޔާން އައިކަން މީހަކަށް އެނގިއްޖެއްޔާ ދެން ވާނެގޮތް އެނގޭތަ..؟

ޑިޒައިނަރ ޑްރެސްލައިގެން، ފުށްޖަހައި މޭކަޕްކޮށްގެން އެތަށް ކުދިންނެއް ސިގުނަލް ދެނިކޮށް، ވަރުބަލިވެ، ތާޒާކަމެއްނެތް އަހަރެން ކަހަލަ މީހަކާއެކު ކޮފީއަކަށް އައީ ކީއްކުރަން..؟" އަމާރާގެ ސުވާލުތަކަށް ނިމުމެއް ނައި އެވެ.

"އެއީ އަމާރާ ރުޅި އަރުވާލުމަކީ އަހަރެންގެ ރެއާއި ދުވާލުގެ އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފާކަމަށްވާތީ!" ޖެހިލުމެއްނެތި ޝައްޔާން ބުނެލީ އިށީންދެގެން އިން ގޮނޑި، މޭޒާއި ގާތަށް ދަމައިލަމުންނެވެ.

ދެލޮލުގެ ކަޅި އަނބުރާލާފައި އަމާރާ މައިތިރިވި އެވެ.

"އެއްބަސްވާކަންވެސް އެއީ ނަސީބެއް..!" އަމިއްލަ ކަންފަތަށް އިވޭވަރަށްކަމަށް ހީކޮށް އަމާރާ ބުނެލި ޖުމުލައިގެ ސާފުކަން ފުރާނައިލީ ޝައްޔާންގެ ކަންފަތުގެ ހިނދުރިންނެވެ. އެއްމިޔަކަނުން ހިނިއައިސް، އެއްޗެއް ބުނަން ޝައްޔާން އަނގަހުޅުވާލި ވަގުތު ދޮރުހުޅުވާލާފައި ވަނީ ވެއިޓަރެވެ.

ބަސް ހުއްޓި، އެސްފިޔަޖަހާލަން ނޭގިފައި ހުރި ވެއިޓަރުގެ ހާލަތު ޝައްޔާންއަށް ފެނުމުން ހިނިއައި އެވެ. އުނދަގުލުން ނަމަވެސް ވެއިޓަރގެ ރަސްމީ ސުވާލު އޭނާކުރީ ވަޒީފާގެ ހައްގުގައި އެވެ. 

ޝައްޔާންގެ 'ކޮފީ' އޯޑަރުކުރުމަށްފަހު އަމާރާއާއި ދިމާއަށް ބަލައިލާފައި ބުމައިން އިޝާރާތްކޮށްލި އެވެ.

"އެންޑް ފޯ ޔޫ، ފުށްގުޑި؟" މަޑުމަޑުން ޝައްޔާން ސުވާލުކޮށްލީ އަމާރާއާއި ދިމާއަށް ގުދުވެލާފަ އެވެ.

"ފުރަތަމަ ކަމަކަށް، ތިނަމުން އަހަންނާއި މުހާތަބްކުރުން ހުއްޓާލާ..! ދެވަނަ ކަމަކަށް، ކަޕަޗިނޯ..!" ޝައުގުވވެރިކަމެއް ނެތި އަމާރާ ބުންޏެވެ.

"ވަން ކަޕަޗިނޯ ފޯ މައި ގްރަމްޕީ ޑޮކްޓަރ!" އޯޑަރލިބުމުން، ހިތާއި ދެކޮޅަށްނަމަވެސް ވެއިޓަރ އެތަނުން ނިކުމެގެން ހިގައްޖެ އެވެ.

"މިތަނަށް އާދެވުނު މޮޔަ ހިތަށް އަރައިފި!" ވަރުބަލި ކަމާއެކު ލޯ މަރައިލަމުން އަމާރާ ބުންޏެވެ.

ލާނެއް ހިނިތުންވުމަކާއެކު ޝައްޔާން ގުދުވެލާފައި މޭޒުމަތީގައި އުޅަނބޮށި ވިއްދާލި އެވެ. 

"ދޮގު..! ސިއްރު ސިއްރުން އަހަރެންގެ މި ހަރަކާތްތަކާއި ދެމީހުންގެ މި ވަގުތުގެ ހިތްހަމަޖެހުން ވަރަށް ފުރިހަމައަށް ލިބިގަންނަމުން ތިދަނީ.." ޔަގީންކަމާއެކު ޝައްޔާން ބުނެލި އެވެ.

"އިން ޔޯ ޑްރީމްސް، އައްޓަމަސް..!" އަމާރާ ބުނެލި އެވެ.

އޯޑަރާއެކު ވެއިޓަރ، ދޮރުހުޅުވާލުމުން ކޮފީގެ ހިތްގައިމު ވަހުން މާހައުލު މުޅިން ބަދަލުވެއްޖެ އެވެ. އަމާރާގެ ހިނިތުންވުމާއި މޫނު މަތީގެ އަމާންކަން، އެނާގެ 'ހަގީގަތެއް ނެތް' ބަސްތަކަށްވުރެން ބާރުގަދަވެއްޖެ އެވެ.

 ހިމޭން މާހައުލެކެވެ. އަމާން ވަގުތެކެވެ. ހުރަސްއަޅާނެ ލޮލެއް ނުވަތަ ސަމާލުވާންވީ ސަބަބެއް މާހައުލުގައި ނެތެވެ.

ޝައްޔާންއާއި ދިމާއަށް ސިއްރުގޮތަކަށް ބަލައިލަމުން ކޮފީތަށިން އެދިފޮދެއް އަމާރާ ބޯލި އެވެ. ޝައްޔާންގެ ސީދާ ނަޒަރު ހުއްޓިފައިވަނީ އަމާރާއަށެވެ.

އެއީ އަމާރާއަށް މާނަ ނޭގުނު ބެލުމެކެވެ. ތަރުޖަމާކުރާން ނޭގުނު ބަސްތަކަކުން ޝައްޔާންގެ ލޮލުގެ ކަޅި ބަބުޅާލި އެވެ.

"ވަޓް..؟" އެއްބުމަ މައްޗަށް ހިއްލާލަމުން އަމާރާ ސުވާލުކުރީ ހިމޭންކަމާއެކު އެވެ.

"ނަތިންގ..! ކަންކަން ވެގެން މިދާގޮތާއިމެދުގައި ހަމަވިސްނާލީ..! އަހަރެންގެ ހަޔާތުގައި ތިފަދަ އަންހެނަކާއި ދުވަހަކުވެސް ބައްދަލުނުވޭ..! އަހަރެންގެ ޖާދޫގެ އެއްވެސް އަސަރެއް ހަގީގަތުގައިވެސް އަމާރާއަށް ނުކުރޭ!" ޝައްޔާން ބުނީ އެއްމިޔަކަނުން ހިނިއައިސްފައި އިނދެގެންނެވެ. 

"ފަހަރެއްގައި ވެދާނެ އަހަންނަށް ފެންނަނީ ހަގީގީ ޝައްޔާންކަމަށްވެފައި އެހެން މީހުންނަށް ފެންނަނީ ސްޕަރސްޓަރ ޝައްޔާންކަމަށް" އަމާރާއަށް ހީވާ ރައުޔުއެއް ދިނެވެ. 

ޝައްޔާންގެ މޫނުމަތީގެ ލާނެއްކަން ފިލައިގޮސް، މަޑުމައިތިރިކަމާއެކު ހިމޭންވެއްޖެ އެވެ. (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް