
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ، ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެއްވި ޖޮއިންޓު ސްޓޭޓްމަންޓުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ ދިނުމަށް ލަންކާ ސަރުކާރުން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އިތުރަށް ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމުގައި ގިނަ ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ.
އެ ދާއިރާތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ވިޔަފާރިއާއި، ތައުލީމާއި، ދިފާއީ ދާއިރާއާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާ ގުޅުން ހުރި ކަންކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއެވެ.
އޭގެ އިތުރުން މެރިޓައިމް ސެކިއުރިޓީ އާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވެސް ގުޅިގެން މަސައްކަތް ކުރަން މިއަދު ވަނީ މަޝްވަރާކޮށްފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވުނު އެއްބަސްވުންތަކާއި މަޝްވަރާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރަން އެ ގައުމުގެ ރައީސް އަނޫރާ ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ވަނީ ތައުރީފުކުރައްވާފަ އެވެ.
ސްރީލަންކާ އަކީ ދިވެހީން އެންމެ ގިނަ އަދަދަކަށް ގޮސް އުޅޭ އެއް ގައުމެވެ. ބޭސްފަރުވާގެ ބޭނުން ނޫނަސް، ފަތުރުވެރިންގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ދިވެހީން އެ ގައުމަށް ކޮންމެ އަހަރަކު ޒިޔާރަތް ކުރެ އެވެ. އޭގެ އިތުރުން ސްރީލަންކާ އަކީ އެންމެ ގިނަ ދިވެހީން ދިރިއުޅޭ ވެސް އެއް ގައުމެވެ.
ރާއްޖެ އާއި ސްރީ ލަންކާގެ ހާރިޖީ ގުޅުމަށް މިއަހަރު 60 އަހަރު ވަނީ ފުރިފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރީ ރާއްޖޭގެ މިނިވަން ދުވަހު، 26 ޖުލައި 1965 ގައެވެ
މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޑިސަނަޔަކަ ރާއްޖޭގައި ހުންނަވާނެ އެވެ.