
މި ކާމިޔާބީގެ ފަހުން އެ ދަރިވަރުން މިއަދު މެލޭޝިއާއަށް ވަނީ ފުރައިފައެވެ.
ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީ (ސިގްސް) އިން ކުރިއަށް ގެންދިޔަ މުބާރާތެއްގައި ހިރާ ސްކޫލުގެ ތިން ދަރިވަރުން "ވާނަ" ޓީމުގެ ނަމުގައި ބައިވެރިވެ އެންމެ އުފެއްދުންތެރި އެވޯޑް (ޓޮޕް އިނޮވޭޓިވް އެވޯޑް) ހޯދިއެވެ. އެ އެވޯޑް ލިބުމާ ގުޅިގެން އިނާމެއްގެ ގޮތުން އެ ދަރިވަރުންނަށް ލިބުނީ މެލޭޝިއާގައި ބާއްވާ ސައިންސް އެގްޒަބިޝަނެއް ބަލާލުމުގެ ފުރުސަތެވެ.
"ވާނަ" ޓީމުން ތައްޔާރުކުރީ ވާނާފަތް (ދިއްގާފަތް) ބޭނުންކޮށްގެން ކާން ބޭނުން ކުރެވިދާނެ ތައްޓެކެވެ. މި އެވޯޑްގެ އިތުރުން ކޮސްޓް ސޭވަރސް އެވޯޑާއި ފޭން ފޭވަރިޓް އެވޯޑާއި ޕްރޮބްލަމް ސޯލްވަރސް އެވޯޑްވެސް އެ ޓީމުން ހޯދާފައިވެއެވެ.
ިދިވެހި ދަރިވަރުން ދިއްގާ ފަތުން އުފައްދާފައިވާ ބަތްކާތަށި
މި މުބާރާތަކީ ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރާނެ އާއެއްޗެއް ތައްޔާރު ކުރުމަށް ހުޅުވާލި މުބާރާތެކެވެ. 10 އަހަރާއި 16 ދެމެދުގެ ކުދިންނަށް މި މުބާރާތުގައި ބައިވެރިވާން ހުޅުވާލުމުން، ބައިވެރިވީ ހަތް ޓީމެކެވެ. މީގެ ތެރެއިން ފައިނަލް ސްޓޭޖަށް ދިޔައީ ހަތަރު ގުރޫޕަކުން ތައްޔާރު ކުރި އުފެއްދުންތަކެވެ. މި މުބާރާތުން ސަސްޓެއިނަބަލް އެވޯޑް ލިބުނީ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގެ ތިން ދަރިވަރުން ހިމެނޭ "ކޮކޯހަސްކް" ޓީމަށެވެ. ޕްލާސްޓިކް ކުނި މަދުކުރުން ފަދަ ތިމާވެށީގެ ކަންކަމުގައި ކުޑަކުދިންނާއި ޒުވާނުން އަމަލީގޮތުން ބައިވެރިކުރުމަކީ އާ ޚިޔާލުތަކެއް އުފެއްދުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ސިގްސް އިން ބުންޏެވެ.