
އެޕާޓީން މިހެން ބުނީ 4،000 ފުލެޓުތަކުގެ މަސައްކަތްތަކެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެއްބަސްވުމުން އުނިކޮށްފައިވާކަމަށް ބުނެ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ދެއްކެވި ވާހަކައަށް ރައްދީދީ ނެރުނު ބަޔާނެއްގައެވެ.
ހަމްދާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުން ރާވާފައިވާ ގޮތުން ފެން، ކަރަންޓު އަދި އިންޓަނެޓް ހިދުމަތް ދޭނެ ގޮތެއް ވެސް ކުރީގެ ސަރުކާރުން ރާވައިފައެއް ނެތްކަމަށެވެ. އަދި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާގެ ވަސީލަތްތައް ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕޮން ނެޓްވޯކް އަދި ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކަހަލަ މުހިންމު ވަސީލަތްތައް މިދިޔަ ސަރުކާރުން އެއްބަަސްވުމުން އުނިކޮށްފައިވާކަމަށެވެ.
މި ވާހަކަތަކަށް ރައްދުދީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ ފުލެޓުތަކަށް ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކާއި ފޯނު ލައިނާއި ޓީވީ ކޭބަލާއި އިންޓަނެޓް ކޭބަލް ގުޅުމާ އެއްކޮށް ޒަމާނީ ފެންވަރަށް އޭރު ފަރުމާކޮށްފައިވާނެ ކަމަށެވެ. އަދި އެކަން ކުރަން ނިންމާފައި ވާނީ އިމާރާތުގެ މަސައްކަތްތައް ކޮންޓްރެކްޓަރު ނިންމުމުން ސަރުކާރާއި އެފްޑީސީންކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްދީޕީން ބުނީ އެއްބަސްވުމުން އުނިކުރިކަމަށްް ބުނާ ކަންކަކަމަކީ އިމާރާތްތަކުގެ މަސައްކަތް ކޮންޓްރެކްޓަރުން ނިންމުމުން ސަރުކާރާއި އެފްޑީސީ ގުޅިގެން ކުރަންޖެހޭ ކަންކަން ކަމަށެވެ. އަދި އެއްބަސްވުމުން ކަމެއް އުނިކުރެވޭނީ އެ ކަމެއް އެއްބަސްވުމުގައި ހިމަނާފައިވާ ނަމަ އެކަމެއްކަމަށްވެސް އެމްޑީޕީން ބުނެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ އިމާރާތް ކަމަށްވާ 4،000 ފްލެޓުގެ މަޝްރޫއު ހިންގާފައި ވަނީ ސައްތައިން ސައްތަ ސަރުކާރުގެ ކުންފުންޏެއްކަމަށްވާ އެފްޑީސީ މެދުވެރިކޮށް ކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން ޖުމްލަ 32 ޓަވަރުގައި ތިން ކޮޓަރީގެ 2،800 ޔުނިޓާއި ދެ ކޮޓަރީގެ 1،200 ޔުނިޓުގެ މަސައްކަތް އިންޑިއާގެ ދެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ފަށާފައިވަނީ މުޅި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ހަމަޖައްސައިގެންކަމަށްވެސް އެމްޑީޕީން ބުނެއެވެ.