
އެމްޑީޕީން ގައުމީ އެއާލައިން މޯލްޑިވިއަނުން ކުރި ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ދައްކާފައިނުވާތީ އެ ޕާޓީއާއި ދެކޮޅަށް ސިވިލް ކޯޓަށް އެ ކުންފުނިން މައްސަލަ ހުށައެޅީ މދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ.
އެއާއި އެކު ދެ ފަރާތުން ވަނީ އަހަރުތަކަކަށް ބަހާލައިގެން ދަރަނި ދެއްކުމަށް ދެ ފަރާތުގެ ދެމެދު ސެޓަލްމަންޓް އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން މިހާތަނަށް އެމްޑީޕީން 2 މިލިއަން ރުފިޔާ ވަނީ ދައްކާވެސްފައެވެ.
އެއްބަސްވުމުގައިވާ ގޮތުން މިމަހުގެ އެއްވަނަ ދުވަހުގެ ކުރިން އެމްޑީޕީން އިތުރު އެއް މިލިއަން ދައްކަންޖެހެއެވެ. އެހެންނަމަވެސް އެ ފައިސާ ދައްކާ ނުވުމުން މޯލްޑިވިއަނުން އަލުން ވަނީ ކޯޓަށް މައްސަލަ ވައްދާފައެވެ.
މި މައްސަލަ ނިންމާ ސިވިލްކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ސެޓަލްމަންޓް އެގުރިމަންޓްގައި ބުނާ ތާވަލުގައިވާ ތާރީހަށް ފައިސާ ނުދެއްކިއްޖެ ނަމަ ވަގުތުން އެ އެއްބަސްވުން ނިމުމަކަށް އަންނާނެކަމަށް ބުނާކަމަށެވެ. އަދި މުއްދަތު ހަމަވުން އިތުރު އެއްބަސްވުމަކަށް މޯލްޑިވިއަނުން ދާން ބޭނުން ނޫންނަމަށް އެއް ފަހަރާ ފައިސާ ދައްކާ ހަލާސްކުރަން ޖެހޭނެކަމަށްވެސް އެ ހުކުމުގައިވެއެވެ.
އެހެންކަމުން މިހާރު ދައްކާފައިވާ ދެ މިލިއަން އުނިކުރުމަށްފަހު ދެން ބާކީ އޮތް 3.6 މިލިއަން ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި އެމްޑީޕީން ދައްކާ ހަލާސްކުރުމަށް އިއްޔެ ސިވިލްކޯޓުން ކުރި ހުކުމުގައިވެއެވެ.
މި މައްސަލާގައި ޖަވާބުދާރީވަމުން އެމްޑީޕީން ބުނީ ފައިސާގެ ތިންވަނަ ބައި ނުދެއްކި ލަސްވަނީ ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާ ދޫކުރުމުގައި ލަސްތަކެއް އުޅޭތީކަމަށެވެ.