
ޖޭއެސްސީން މިއަދު ބުނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ލ.މ ާވަށް ނަލަމަލަ، އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ އަދި ޏ. ފުވައްމުލައް ދޫޑިގަން. ގޯލްޑަންގޭޓް، އަލްއުސްތާޛު މުޙައްމަދު ޝަހީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް 2025 ޖުލައި 30 ވަނަ ދުވަހުގެ ރޭ ބޭއްވުނު މި ކޮމިޝަންގެ 27 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން، ޝަހީދު އަދި ޖަމީލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ނިންމީ، ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލީ 18 މީހުންގެ ތެރެއިންނެވެ.
ހައިކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ނިންމި ޝަހީދުއަކީ، މި ހިނގާ ޖުލައި މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ޝަހީދުގެ ފޭސްބުކްގައި، އެ ދުވަހު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ވަކިވެވަޑައިގެންނެވި ކަން ޝަހީދު ހާމަ ކުރައްވާފައިވެއެވެ. ހައިކޯޓަށް ފަނޑިޔާރުން ހޯދަން ޖޭއެސްސީން އިއުލާން ކުރީ އެ ދުވަހުއެވެ.
އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ގާޒީގެ މަގާމް އަދާކުރައްވާފައިވެ އެވެ. ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމަށްފަހު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފަ އެވެ.
ހަނީ ވެލްޑްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ޖުލައި 30 ވަނަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 23 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު ޝަހީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވާފަ އެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން އަލްއުސްތާޛު މުހައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ކަމަށް ޖޭއެސްސީން ބުންޏެވެ.