މި އެލާޓް ދެމިއޮންނާނީ ހެނދުނު 11:30 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށެވެ. މި ވަގުތުގައި ވިއްސާރައާއި ގުގުރުމާއެކު ގަދަ ވައި ޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ދިން މައުލޫމާތުގައިވާ ގޮތުން، މި ސަރަހައްދުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
މިއަދު ހަވީރު 18:00 އާ ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތުގައި، ރާއްޖޭގެ މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. ރާއްޖޭގެ ބޮޑު ބަޔަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުންނެވެ.