
ވެލާނާ އެއަޕޯޓުގެ އާ ޓާމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދޭން ނިންމާފައިވަނީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓަށެވެ. އަދި އެހެން އެއާލައިންތަކަށް ސެޕްޓެމްބަރުމަހުގެ ނިޔަލަށްދާއިރު ޓާމިނަލް ހުޅުވާލުމަށް އެމްއޭސީއެލްއިން ދަނީ މަސައްކަތްކުރައްވަމުންނެވެ.
އެމްއޭސީއެލުން ބުނީ އާ ޓާމިނަލުން މިހާތަނަށް މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ހިދުމަތް ދީފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 2,410 ފަސިންޖަރުންނަށް ވަނީ ހިދުމަތްދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 956 ފަސިންޖަރަކާއި ރާއްޖެ އައި 1,454 ފަސިންޖަރެކެވެ.
ވީއައިއޭގެ ޓާމިނަލް 1 އަށް ބައިނަލްއަގުވާމީ ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިން ކަމަށާއި އެކަން ކުރާނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެން ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އެ ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެއް ބަދަލުކުރަމުން ގޮސް, މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރާނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ އަހަރު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.