
ބީއެމްއެލްއިން ވަނީ އާސަންދައިގެ ހަރަދުގައި ބޭސްފަރުވާއަށް ފުރާ މީހުންނަށާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީގައި ބޭސް ފަރުވާއަށް ދާ މީހުންނަށް ލިބޭ ޑޮލަރުގެ އަދަދު 2000 ޑޮލަރަށް ބޮޑުކޮށް، އަމިއްލަ ހަރަދުގައި ދާ މީހުންނަށް 1000 ޑޮލަރު މިއަދުން ފެށިގެން ލިބޭނެ ގޮތް ހަމަޖައްސާފަ އެވެ.
އާސަންދަ އާއި އެންސްޕާގެ ހަރަދުގައި ބޭސް ފަރުވާއަށް ފުރާ މީހުން ޑޮލަރު ހޯދަން ހުށަހަޅަން ޖެހެނީ އާސަންދަ ނޫނީ އެންސްޕާގެ އެޕްރޫވަލް ލިޔުމާއި ބަލި މީހާ އާއި އެހީތެރިޔާގެ ޕާސްޕޯޓު ކޮޕީއަކާއި ޓިކެޓު ކޮޕީއެކެވެ.
އަދި އަމިއްލަ ހަރަދުގައި ބޭސް ފަރުވާއަށް ފުރާ މީހުން، ބޭރުން ފަރުވާ ހޯދަން ޑޮކްޓަރު ލަފާ ދީފައިވާ ލިޔުމާއި އޭނާގެ މެޑިކަލް ހިސްޓްރީ އެނގޭނެ ލިޔުންތަކާއި ބޭރުން ފަރުވާ ހޯދާ ޑޮކްޓަރާ އެކީ އެޕޮއިންޓްމަންޓް ޔަގީންވެފައިވާ ކަމުގެ ލިޔުމެއް ވެސް، ޓިކެޓާއި ޕާސްޕޯޓާ އެކީ ހުށަހަޅަން ޖެހެ އެވެ.
ސަރުކާރުން ގެންދަވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު މަހެއްގެ މައްޗަށް 1200 ޑޮލަރުގެ ލިބޭނެއެވެ. އަދި މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށްދިޔަ ކޮންމެ ހައްޖުވެރިއެއްގެ ޑެބިޓް ކާޑަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓްވެސް ސަރުކާރުން ވަނީ ދީފަ އެވެ.
މިއަދުން ފެށިގެން ބޭސް ފަރުވާއަށް ފުރާ މީހުންނަށް ލިބޭ ޑޮލަރުގެ އަދަދު އިތުރުވާއިރު، ޑޮލަރު ތާށިކަމުގެ މައްސަލަ އަދި ވެސް ބޮޑެވެ. ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20ރ. އިން މަތީގައި އެވެ.