
ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ކުންފުނި، އެމްޓީސީސީން އިއްޔެ އާންމުކުރި އެ ކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން 490.3 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު %17.7 އިތުރު އަދަދެކެވެ. ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 418.4 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ.
އާމްދަނީ އިތުރުވުމާއެކު ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ވަނީ ޖުމްލަ ފައިދާގެގޮތުގައި 72.7 މިލިޔަން ރުފިޔާ ލިބިފައެވެ. އަދި ކުންފުނި ހިންގައިގެން ވަނީ 49.7 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ކުންފުނި ހިންގައިގެން ވަނީ 1.3 މިލިޔަން ރުފިޔާގެ ގެއްލުމެއް ލިބިފަ އެވެ.
އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރަތްކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކުންނެވެ. އެގޮތުން ދެވަނަވަނަ ކުއާޓަރގައި މި ދާއިރާއިން ކުންފުންޏަށްވަނީ 498.9 މިލިޔަން ރުފިޔާ ލިބިފަ އެވެ.
މިއަހަރުގެ ދެވަނަ ކުއާޓާގައި އެމްޓީސީސީން ވަނީ 313 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްގެންގޮސްފަ އެވެ. އޭގެތެރެއިން 9 މަޝްރޫއެއްގެ މަސައްކަތްވަނީ އެކުއާޓާގެތެރޭގައި ނިމިފަ އެވެ. އަދި އެ ކުއާޓަރުގެތެރޭގައި 64 މަޝްރޫއެއްގެ މަސައްކަތްވަނީ އަލަށް ފަށާފަ އެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 2ރ. ބަހަން އެންމެ ފަހުން އެ ކުންފުނިން ބޭއްވި ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފަ އެވެ. އަހަަރީ އާންމު ޖަލްސާގައި ފާސްކުރީ މޫނުމަތީ އަގު 5ރ.ގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖުމްލަ 5.5 މިލިއަން ރުފިޔާ ބެހުމަށެވެ. އެއީ ހިއްސާއަކަށް 2ރ. އެވެ.
އެމްޓީސީސީއަކީ ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ، ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން، ޑްރެޖިންގ، ލޮޖިސްޓިކްސް އަދި ޓްރާންސްޕޯޓް ހިމެނެ އެވެ.