
ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލެއްވި 18 ބޭފުޅުންގެ ތެރެއިން ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރަން ޖޭއެސްސީން ނިންމީ މިދިޔަ މަހު 30 ގައެވެ.
އެކަމަކު، އެ ނިންމުމާ އެކު ޝަހީދަކީ މި ފަހާ ޖެހެންދެން ވެސް މި ސަރުކާރުގެ ސިޔާސީ މަގަމެއްގައި ހުންނެވި ބޭފުޅެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އޭނާ ވަކިވީ މިދިޔަ މަހު 10 ވަނަ ދުވަހު، ފަނޑިޔާރުކަމަށް ކުރިމަތިލައްވާށެވެ. ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލީ އެ ދުވަހެވެ.
ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމަށް ފޮނުއްވި ސިޓީގައި ޝަހީދު ވިދާޅުވީ، އޭނާގެ އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދިވަޑައިގަތީ، އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.
ޝަހީދު ވަނީ ހައި ކޯޓަށް އޭނާ އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރަން މިރޭ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވެސް ޖޭއެސްސީ އަށް އަންގަވައިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ހައި ކޯޓު ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ޝަހީދު ވިދާޅުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.