
ފްލެޓް ލިބޭ މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފެށީ މި މަހުގެ 21 ވަނަ ދުވަހެވެ. މިނިވަން ދުވަހުގެ ބަންދަށް ހުއްޓާލުމަށް ފަހު ސަރުކާރު ހުޅުވުމުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވަނީ އަލުން ފަށައިފަ އެވެ.
އެކަމަކު، ފްލެޓް އެއްބަސްވުމުގައި މިއަދު ސޮއިކުރަން ހަމަޖައްސާފައި އޮތް އެކެއްގެ ސޮއިކުރުން މަޑުޖައްސާލިކަން އެފްޑީސީން ވަނީ އޭނާ އަށް އަންގައިފަ އެވެ. އެފްޑީސީން އޭނާއަށް ފޮނުވި މި މެސެޖާއެކު، ސޮއިކުރުން ހުއްޓާލިކަމަށް ބައެއް މީޑީއާތަކުގައި ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
އެފްޑީސީން ބުނި ގޮތުގައި، ނިމިދިޔަ ހަފްތާގެ ނިޔަލަށް ޖުމްލަ 232 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި އެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.
މިދިޔަ ސަރުކާރުގެ ފްލެޓު ލިސްޓު މި ސަރުކާރުން މުރާޖައާކުރަން ފުރަތަމަ ނިންމި ނަމަވެސް، އަމާޒުވި ބޮޑެތި ފާޑުކިއުންތަކާ އެކު ކުރީގެ ލިސްޓަށް ފްލެޓުދޭން މިހާރު އޮތީ ނިންމާފަ އެވެ.
ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތްނިންމާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް އެފްޑީސީން ވަނީ އަމާޒު ހިފާފަ އެވެ.