
މެންދަމުން އަލިވެ ތިނެއްޖަހައިގެން ހިގައްޖެ އެވެ. އިވެމުންދިޔަ ގަދަފަދަ އަޑު އަމާރާގެ ސިކުނޑިއަށް ތުރާކޮށްފި އެވެ. ބަރު އެސްފިޔަތަށް ދުރުކޮށްލާފައި ބަލައިލީ އަނދިރީގެ ތެރެއިން ދިއްލެމުންދިޔަ ދިމާއަށެވެ. ގަދައަޑުން ރިންގުވަމުންދިޔައީ އަމާރާގެ ފޯނެވެ. ދާދިގާތުގައި ހުރި ސައިޑްޓޭބަލްމަތީން ފޯނު ނަގާފައި ސްކްރީނަށް ބަލައިލި އެވެ.
'އައްޓަމަސް' ފެނުމާއެކު ކަރު އެލުވާލެވުނެވެ.
"ޝައްޔާން؟" މަޑުމަޑުން ކިޔާލެވުނީ ޝައްޔާންގެ ނަމެވެ. އުފެދުނީ ސުވާލެކެވެ.
"މިގަޑީގައި ތި ގުޅަނީ، ކިހިނެއްވީ؟" ހާސްވެ ކަންބޮޑުވެފައި އަމާރާ ސުވާލުކުރި އެވެ.
ކަންފަތުގައި ފޯނުޖައްސައިގެން ހަމަޖެހިލި އެވެ. ހިމޭންކަމާއެކު އަމާރާގެ އަޑު އިވުމުން އިހްސާސްވީ އަމާންކަމެވެ.
އަމާރާގެ އަޑު ނުވަތަ އަމާރާގެ މެންދަމުގެ ފަނޑު ނޭވާގެ އަޑު އަހަމުންދިޔަ ޝައްޔާން، އޭނާގެ އަޑުވެސް އިއްވާލި އެވެ.
"ލޮލަކަށް ނިންޖެއް ނައި" ހަސްކީ އަޑަކުން ޝައްޔާން ބުނެލި އެވެ.
އަމާރާގެ ހަތަރެސްފައިގެ ހިމަ ލޯލިތައް ކޮޅަށްޖެހިގެން ދިޔައީ އޭނާގެ ކޯތާފަތުން ހޫނުކަން ހިލުވާލާފަ އެވެ..
ކުރެވުނު އިހްސާސްތަކާއި ހިތަށްވެރިވި ޖަޒްބާތުތައް އެއްފަރާތްކޮށްފައި އަމާރާ ހިންދިރުވާލި އެވެ.
"އަހަރެންގެ އަރާމު ނިންޖަށް ގޯނާކުރުމަކީ، ޝައްޔާންގެ ނިންޖަށް ލިބެން އޮތް ހައްލު ކަމަށް ހީވީ ކީއްވެގެންބާ؟" އަމާރާގެ ރާގާއި އޭނާގެ އަޑުގައި ހުރި ތަފާތު އޭނާ ދެނެގަންނާނެގޮތެއް އަމިއްލަ ސިކުނޑިއަށް ވިސްނައިނުދެވުނެވެ.
"އަހަރެން ބޭނުންވީ އަމާރާގެ އަޑު އަހައިލާން، އެވަރުވެސް މިވަގުތަށް ފުދޭ" ޝައްޔާންގެ ބުނެލުމާއެކު އަމާރާގެ ހިތުގެ ފުނުން ވިންދެއް ޖަހައިލި އެވެ.
ދެލޮލުގައިވީ ބަރު ނިދި ފިލައިގޮސް، ސިކުނޑިވެސް ހޭލައިފި އެވެ. ބޯއަޅައިގެން އޮތް ބާލީހުން ތެދުވެ، ދެފައި ވައްކޮއްފައި އެނދުމަތީގައި އިށީނެވެ.
"ޝައްޔާން..؟ އާރ ޔޫ އޯ-ކޭ؟" ފިކުރުބޮޑުވެފައި އަމާރާ ސުވާލުކުރި އެވެ.
ފަނޑުގޮތަކަށް ހިނިތުންވަމުން ޝައްޔާން ޗޮކެއް ކަނޑައިލި އެވެ.
"އޯލް އޯ-ކޭ! ... ޖަސްޓް ތިންކިންގ ޓޫ މަޗް" ފިރިހެންވަންތަކަމުން ފުރިގެންވީ ބުނެލުމެކެވެ.
"އޯވަރ ވަޓް!؟"
ޝައްޔާން އެވަރަށް ވިސްނަންޖެހޭނީ ކޮންކަމަކާތޯ އަމާރާ ސުވާލު އުފެއްދި އެވެ. އަމާރާގެ އެ ސުވާލު ޝައްޔާންގެ ހިނދުރިއަށް އުފުލޭވަރަށްވުރެން މާ ބުރަ އެވެ.
ދެފަރާތުގެ ދެމެދުގައި އުފެދުނީ ހިމޭން ވަގުތުކޮޅެކެވެ. ބަސްމޮށުންތެރިކަމެއް ނެތް، ދަހިވެތި ޖަޒްބާތެކެވެ. އެކަކު އަނެކަކަށްޓަކައި ހިތް ތެޅިފޮޅެއް ފަށައިފި އެވެ. ދުލުން ހާމަކުރާނެ އިބާރާތެއް ނެތެވެ. ނަމަވެސް ޝައްޔާންގެ ދެ ލޯ މަރައިލީ ހިމޭނން ވައިގެތެރޭގައި އޭނާގެ ހިތު ވިނދުގެ އަޑު އިއްވާލުމަށެވެ.
"ޔޫ!"
އަމާރާގެ ކަރުގައި ނޭވާ ތާށިވެއްޖެ އެވެ. ބުނާނެ ލަފްޒެއް ނެތެވެ. އިވުނު އަޑުގެ ޖަޒްބާތީ އަސަރު ފޮރުވޭނެ ގޮތެއް ނެތެވެ.
ވަގުތާއި ހާލަތުގެ ނާޒުކުކަން ދެނެގަތީ ޝައްޔާން އެވެ. ބުނަން ނުޖެހޭ އިބާރާތްތަކެއް އޭނާގެ އިހްސާސްތަކަށް ބޭވަފާތެރިވެއްޖެ އެވެ. އެކަން ފޫބެއްދުން ނޫން އެހެން އެއްގޮތެއްވެސް ނެތެވެ. ކެތްތެރިކަމާއި ހަނގުރާމަކުރުމަކީ އިންސާނުންނަށް މާ ފަސޭހަކަންކަމެއް ނޫނެވެ. ނަމަވެސް ޝައްޔާންއަށް ކުރެވެމުންދާ އުއްމީދަށް ފަނޑުކަމެއް އައުމަށް އޭނާ ނޭދެ އެވެ. ބުނެވުނު އެއްޗެއްގެ މިސްރާބް ބަދަލުކުރަން މަޖުބޫރެވެ.
"އަހަރެން އަސްލު ބުނަން މިއުޅޭ އެއްޗަކީ، އަމާރާއަކީ ކިހައިވަރެއްގެ ބޯރިންގ ކުއްޖެއްކަން އަހަރެން ނޫން އެހެން އެއްވެސް މީހަކަށް އިނގޭނެ ބާއޭ..؟ ރެއާއިދުވާލުގެ ހަތަރުދަމު، އަހަރެންގެ އަގުހުރި ވަގުތުތަކުގައި އަމާރާއާއިމެދު މި ވަރަށް ވިސްނާކަމަށްޓަކައި، ޝުކުރުވެރިވާން ވާނެ ދޯ.. އަދި ހާއްސަކޮށް މެންދަމުގެ ނިދިން މަހުރޫމްވެގެން ފޯނު ބިލް ބޮޑުވިޔަސް ހެޔޮކަމަށް މިހެން ގުޅައިގެން ހާލުއަހުވާލު ބެލުމަކީ އަގުވަޒަންކުރަންޖެހޭވަރުގެ ބޮޑުކަމެއް.. ނޫންތަ؟"
ޝައްޔާންގެ ރާގާއި އޭނާގެ ޖުމުލައިގެ ހަގީގީ މާނައާއި މަގުސަދަށް ވިސްނާނެ ފުރުސަތެއް އަމާރާގެ ނަފުސަށް ނުލިބުނެވެ. އޭނާގެ ހިތާއި ސިކުނޑި އެކަމަށް ހުއްދަ ދިނުމުގެކުރިން، މޫނާއި ލޯ އެކަމަށް އިސްނަގައިފި އެވެ.
ލޮލުގެ ކަޅި އަނބުރާލެވުނުއިރު ތުންފަތްމަތީން ދުވެލީ އަމާރާއަށް ބޭވަފާތެރި ހިނިތުންވުމެކެވެ. އަޑުގައި ހުރި އެ އުފާވެރިކަން އެކުލެވިދާނެކަމަށް އޭނާއަށް ހީވެސްނުކުރެވުނީ އެވެ. ތުންފަތް ހަރަކާތްކުރީ އެކަމަށް އަމާރާގެ ނަފުސު އެއްބަސްވެގެން ނޫނެވެ.
ލިބުނު ޝަރަފާއި ފަހުރަށް ހަގީގަތުގައިވެސް އަމާރާގެ ހިތް އުފަލުން ފޮޅިއްޖެ އެވެ. އެކަން ދުލުން ހާމަނުކުރރިއަސް، އަމާރާގެ އަޑާއި ރާގާއި އެ ޖަޒްބާތުތަށް ޝައްޔާންއާއި ހަމައަށް ދަތުރުކޮށްލީ ސިކުންތެއްގެ ތެރޭގަ އެވެ.
"ވައޮ..!! ވަޓް އެން އޮނަރ..! ނައު ލެޓް މީ ސްލީޕް!" ބޭނުންވި ރާގާއި އިހްސާސް ބަދަލުވެ، ލޯބީގެ ހިމޭން ރޯޅި ޖެހިލައިފި އެވެ.
"ނޮޕް!"
"ޝައްޔާން!"
"ފަސްމިނެޓެއްހާއިރު އަހަންނާއި ވާހަކަދައްކާލަން މަޑުކޮށްލަދިބަ، ޕްލީޒް! އޭގެ ފަހުން އަމާރާގެ އަރާމު ނިންޖަށް އަހަރެން އެއްވެސް އުނދަގުލެއް ނުކުރާނަން!" އާދޭހާއެކު އެދުނު އެދުމެކެވެ.
ފުރަގަސްދީ، ހަރުކަށިކަމާއި ރުޅި މޫނު ދައްކާންޖެހޭ ސަބަބެއް އަމާރާއަކަށް ނުވިސްނުނެވެ. އެއްބަސްވީ، އެކަމަށް ހިތްރުހިގެންނެވެ.
"އެންމެ ރަގަޅު..! ޝައްޔާން ވާހަކަދައްކާން ބޭނުންވަނީ ކޮންކަމަކާ ބެހޭގޮތުން؟" ގާތްގޮތަކަށް އަމާރާ ސުވާލުކޮށްލި އެވެ.
އެއްމިޔަކަނުން ހިނިއައިސް ޝައްޔާންއަށް ލިބުނު ކާމިޔާބު އޭނާ ފާހަގަކުރީ ލޯބިގޮތަކަށެވެ. ސަމާސާ މިޒާޖުގައި ވާހަކަދައްކާލުމަށް ޝައްޔާން ހަމަޖެހިލި އެވެ. ބުރަކަށި ދަށަށް ކުށަން ލައްވާލާފައި ސޯފާގައި ހަމަޖެހިލި އެވެ. މޫނުމަތީގެ ސަކަމިޒާޖު ހިނދުކޮޅަކަށްވެސް ފަނޑު ނުވެ އެވެ.
"ލައިގެން ތިހުރީ ކޯންޗެއް؟"
ޝައްޔާންގެ ސުވާލާއެކު އަމާރާގެ އަނގަހުޅުވި ދެ ލޯ، ދެ ކާށި ވަރަށް ބޮޑުވެއްޖެ އެވެ.
"ޝައްޔާން ޔޫސުފް ރައިޒާދް، އައި ވިލް މާޑަރ ޔޫ!" ދަތްކުނޑިވިކާލާފައި އަމާރާބުނެލި އެވެ.
ޝައްޔާންގެ ހިތްގައިމު ހިނިގަނޑު ފަޅައިގެން ދިޔަވަގުތު އަމާރާގެ އެސްފިޔަތައް ލެއްޕިގެން ދިޔައީ ފަނޑު ހިނިތުންވުމަކާއެކު އެވެ. ކަންފަތާއި ސިކުނޑީގައި އެ އުފާވެރި އަޑު ހަރުލައިފި އެވެ. މުޅިހަށިގަނޑުގެ އެންމެ ހިމަ ސެލްވެސް ނަށާލައިފި އެވެ.
"އައި ލަވް ޓީސިންގ ޔޫ!" މައިތިރިނުކުރެވިގެން އުޅުނު ހިނިގަނޑުގެ ތެރެއިން ޝައްޔާން ބުންޏެވެ.
"ގުޑްނައިޓް، އިޑިއަޓް!" ލޯބިގޮތަކަށް އަމާރާ ބުނެލީ ލަދުވެތިކަމާއެކު އެސްފިޔަ ތިރިކޮށްލަމުންނނެވެ. އަތުގައި އޮތް ކުށަންވެސް އެއްފަރާތަކަށް އަމާރާ ހޫރާލި އެވެ.
"ގުޑްނައިޓް، ފުށްގުޑި!"
ލޮބުވެތިކަމާއެކު މަޑުމަޑުން ޝައްޔާން ބުނެލި ބުނެލުމުން އަމާރާގެ ބަނޑުގައި ކޮކާތައް ފިޔަޖަހާލައިފި އެވެ. ދެ ކޯތާފަތް ރަތްވެ، މޫނުމަތީގައި ބާލީސްއަޅައި ފޮރުވާލި އެވެ.
ފޯނުކަނޑާލުމާއެކު އަމާރާގެ ފޯނު، އޭނާގެ މޭގައި ޖައްސައި ބާރުކޮށްލި އެވެ.
ސީލިންއަށް ބަލަހައްޓައިގެން އިނދެ، މޮޔައެއް ފަދައިން އަމާރާ ހިނިތުންވަމުންދިޔަ އެވެ. އޭނާއަށް އަންނަމުންދިޔަ ބަދަލު އަމިއްލަ ނަފުސަށް ދެނެގަތުމުގައިވެސް އަމާރާއަށް ކުރިއެއް ނުލިބުނެވެ.
ދެމީހުންގެ ދެމެދުގައި ބަދަލުވަމުންދިޔަ އޮއެވަރުގެ ހަގީގީ މިސްރާބެއްގެ ހިލަމެއްވެސް އަމާރާއަށް ނުވި އެވެ. ވިސްނާވިސްނާވެސް ކޮޅެއްމެދެއް ނުފެނުނީ އެންމެ ކަމެއްގަ އެވެ.
އުފެދި ކުރިލައި ހެދެމުންދިޔަ އިހްސާސްތަކުގައި އޮބިއަޅައި މައިތިރިކުރާނީ ތޯ ނުވަތަ ނޫންތޯ އަމާރާކައަށް ނުނިންމުނެވެ. ބާރު ސްޕީޑުގައި ދެމެމުންދިޔަ ފެންއާރުގެ ތާޒާކަމުން އަމާރާގެ ބަގީޗާގައި ފޮޅެމުންދިޔަ ގުލްދާސްތާގެ މީރުވަސް، އޭނާގެ ސިކުނޑީގެ އެންމެ ހިމަނާރާއި ހަމައަށް ފޯރައިފި އެވެ.
ހުވަފެނީ ދުނިޔޭގައި ދިރިއުޅުމަކީ އަމާރާގެ މިޒާޖެއް ނޫނެވެ. އިހްސާސަކީ ޖަޒްބާތުގެ އޮއެގައިޖެހި ބެހިގެން ދިޔުމަކީ، އަމާރާގެ އުސޫލުތަކާއި ހިލާފްކަމެކެވެ.
ހާއްސަކޮށް ޝައްޔާން ޔޫސުފް ރައިޒާދުފަދަ މީހަކަށްޓަކައި އަމާރާގެ އުސޫލުތަށް އޮޔާދިޔުމަށް ދޫކޮށްލަން އޭނާގެ ޒަމީރު އެއްބަހެއް ނުވި އެވެ. ޝައްޔާންއަކީ އަމިއްލަ ބޭނުމަށް ނުވަތަ އޭނާގެ އިއްޒަތާއި ޝަރަފަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެއްކަން އަމާރާގެ ސިކުނޑިއަށް އޭނާ ވިސްނައިދިނެވެ. ސައިސަމްސަލެއްގެ މިންވަރަށްވެސް ޖަޒްބާތާއި އިހްސާސްގެ ރަހަ ޝައްޔާންގެ ކިބައިން އަމާރާ ބޭނުމެއް ނޫނެވެ. ދެމީހުންގެ ދުނިޔެ، އުޑާއި ބިމާހާއި ތަފާތެވެ!
އެކަމަކު ގަބޫލުކުރާން މަޖުބޫރުކުރުވާ ހަގީގަތަކީ، ޝައްޔާން ބޭނުންވި ކޮންމެ ރާގަކަށް އަމާރާގެ ވަނާތައް އެއްހަމަކޮށްލާކަމެވެ. ޝައްޔާންގެ ކުޑަ-ބޮޑު ކޮންމެ ހަރަކާތެއް އަމާރާއަށް ފާހަގަކުރެވެންފެށިކަމެވެ.
.............
ރެއާއި ދުވާލުގެ ދިގުވަގުތުތަށް ޝައްޔާން ހޭދަކުރަމުންދިޔައީ އޭނާގެ ބުރަ މަސައްކަތުގަ އެވެ. އުނދަގޫ ދަތި ހާލަތްތަކުގައި ނުރައްކާތެރި މަންޒަރުތަކުގެ ޝޫޓިން ހިނގަމުންދިޔައީ ހިންދެމިލާނެ ހުސްވަގުތުކޮޅެއް ނުލިބި، ވަރަށް 'ބިޒީ ޝެޑިއުލެއްގަ' އެވެ. ގަޑިން ގަޑިއަށް ނުކެވުމާއި އަރާމު ނިދި ނުލިބުމުގެ ސަބަބުން ޝައްޔާންގެ ހަށިގަނޑާއި ސިކުނޑިވަނީ އިންތިހާއަށް ވަރުބަލިވެ ލޮޑުވެފަ އެވެ.
މަހެއްހައި ދުވަހުގެ އުނދަގޫ ބުރަ ޝޫޓިންގ ނިންމާލުމަށްފަހު މިރޭ ޝައްޔާންއަށް ހިންދެމިލެވިއްޖެ އެވެ. (ނުނިމޭ)