
ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. އޭނާ ވެއްޓުނީ ހ. ފެންޓޯނިއާގެ ނުވަވަނަ ބުރިންނެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު އޭނާއަށް މިހާރު ފަރުވާދެނީ މެލޭޝިއާގައެވެ. އެ ގައޔމުގެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.
ޔުމްނު ވެއްޓުނު މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން މަޖިލީހަށް ހާޒިރު ކޮށް ސުވާލުކުރަން ހުށައެޅީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މެމްބަރު ކުޑޫގެ ސުވާލުގައިވަނީ ޔުމްނުގެ މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަމުންދޭތޯއެވެ. އަދި އެ ތަހުގީގު ގޮސްފައިވާ ހިސާބަކީ ކޮބައިތޯ ބެލުމަށްވެސް ކޫޑޫ ވަނީ އެދިފައެވެ. މީގެއިތުރުން ޔުމްނު ވެއްޓުނު މައްސަލަ ތަހުގީހުގައި ފުލުހުންގެ އިހުމާލުތައް ހުރި ކަމަށް ފާހަގަ ކޮށްފައިވާތީ އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯވެސް ކުޑޫ މިނިސްޓަރާއި ކުރާ ސުވާލުތަކުގައިވެއެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ އެ މައްސަލަ ބަލާ ނިންމާ ރިިޕޯޓް އާއްމުކޮށްފައެވެ. އެ ރިޕޯޓަށްވެސް ޔުމްނުގެ ބަޔާން ލިބިފައެއް ނުވެ އެވެ. ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި ބަޔާން ނެގުމަށް އާއިލާގެ އެއްބާރުލުން ލިބިފައެއް ނުވެއެވެ.
ފުލުހުން މިއަދު ބުނީ ޔުމްނުގެ ބަޔާން ނަގަން ކުރި މަސައްކަތުން އަދިވެސް ބަޔާން ނުލިބޭކަމަށެވެ. އެހެންނަމަވެސް ޔުމްނުގެ ބަޔާން އަދިވެސް ނުނެގެނީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.
ކޮމިޝަނުން ނެރުނު ރިޕޯޓްގައި ބުނީ ހައްވާ ޔުމްނު ރަޝީދުގެ ވަނީ ގަސްދުގައި ވައްޓާލާފައި ކަމަށް ނޫނީ އޭނާ އަމިއްލަ އިހްތިޔާރުގައި ފުންމާލާފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އެހެންނަމަވެސް ބުރަވެވެނީ ޔުމްނު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީކަމަށްކަމަށް އެ ރިޕޯޓްގައިވެއެވެ.