
ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ގެސްޓް ހައުސްގެ ވިޔަފާރިކުރާ މާފުށީގައި ޓޫރިސްޓް ހޮޓަލެއް އަޅަން ނިންމާ އެކަން ކޮށްދޭނެ ބަޔަކު ހޯދުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އިއުލާންކޮށްފައެވެ.
ކޯޕަރޭޝަނުން ހޮޓާ އަޅަން އިއުލާންކޮށްފައި މިވަނީ ދިވެހިން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ކުންފުނިން ގެސްޓް ހައުސް ހިންގުން ފަދަ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުވެސް މީގެކުރިން ވިދާޅުވެފައިވަނިކޮށެވެ.
ކޯޕަރޭޝަނުން ޓޫރިޒަމް ހޮޓާ އެޅުމާއި އިސްލާމިކް މިނިސްޓަރު ޝަހީމްވެސް މިހާރު މިވަނީ ދެކޮޅު ކަން ހާމަކުރައްވާފައެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރިއަށް ވަދެ ހޮޓާ އަޅަން ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީއާ އެއްވެސް މަޝްވަރާކުރުމެތް ނެތިކަމަށެވެ. އަދި ކޯޕަރޭޝަންގެ އެ ނިންމުމާއި ދެކޮޅު ކަންވެސް މިނިސްޓަރު ޝަހީމް މިއަދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު ކޯޕަރޭޝަނުގެ ހަރަދުތަކަށް ސަރުކާރަށް ލުޔެއް ހޯދާދިނުމާއި ދިވެހިން ހައްޖަށް ގެންދަން ނަގާ ފައިސާގެ އަދަދު ކުޑަކުރަން ޓޫރިޒަމް ވިޔަފާރިއަށް ވަންނަން ނިންމާ އެކަން އިއުލާން ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.
ކޯޕަރޭޝަންގެ ނިންމުމާއި ދެކޮޅުކަން ހާމަކުރައްވަމުން ޝަހީމް ވިދާޅުވީ އެފަދަ ވިޔަފާރިތަކުގެ ތެރެއަށް ނުވަދެ ފަންޑު މެނޭޖުކުރެވޭނެ ގޮތް ގޮތް އެ ކޯޕަރޭޝަނަށް ހުންނާނެކަމަށެވެ. އަދި ކޯޕަރޭޝަނުން ހޮޓާ އެޅުމުގެ ކަންކަން ދާގޮތެއް އެކަމުގެ ހަރަދާއި ގުޅޭ އެއްވެސް ކަމެއް އެނގިފައި ނުވާކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ހޮޓާ އަޅާނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.
އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.