
އެމްއެމްއޭ އިން ބުނީ ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދުކުރުމަށް، އޯއެމްއޯ ގެ ދަށުން ރިވާސް ރީޕަޗޭސް އޮޕަރޭޝަންސް މިދިޔަ މަހުގެ 23 ގައި ފަށާފައިވާ ކަމަށެވެ.
ރިވާސް ރީޕަޗޭސްގެ ފުރަތަމަ އޮޕަރޭޝަނުން ވަނީ ބޭންކިން ނިޒާމުގެ އެކްސެސް ލިކުއިޑިޓީގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މަދުކޮށްފަ އެވެ. އެމްއެމްއޭ އިން ބުނީ، އަމާޒަކީ ދައުރުވާ ފައިސާ 2-3 ބިލިއަން ރުފިޔާއަށް ދަށްކުރުން ކަމަށެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން އިގްތިސާދުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ ވަނީ 2020 ވަނަ އަހަރުން ފެށިގެން 178 ޕަސެންޓަށް އިތުރުވެފަ އެވެ.
އެމްއެމްއޭއިން ބުނީ ގޮތުގައި، ޕީބީއޭ އޯވަޑްރޯ ކުރަން ފެށުމާއެކު ރުފިޔާގެ ޑިޕޮސިޓްތައް ވަރަށް ބޮޑުތަނުން އިތުރުވެފައިވެ އެވެ. އަދި މިހާރުވެސް އިތުރުވަމުން ދާއިރު، 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިފަދަ ޑިޕޮސިޓްސް އަހަރުން އަހަރަށް ބަލާއިރު %18 އިތުރުވެފައިވެ އެވެ. ނަމަވެސް، 2022 ވަނަ އަހަރުން ފެށިގެން ބޭރު ފައިސާގެ ޑިޕޮސިޓްސް އިތުރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.
މީގެ އިތުރުން، އެ މުއްދަތުގައި ބޭރު ފައިސާއިން ދޫކުރާ ލޯނުގެ މިންވަރުވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެ އެވެ. ރުފިޔާގެ ޑިޕޮސިޓާއި ލޯނު އަދި އެކްސެސް ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާގެ ޑިޕޮސިޓް އަދި ލޯނު ދޫކުރާ މިންވަރު މަޑުޖެހުމުގެ ސަބަބުން، އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރުފިޔާގެ އެކްސްޗޭންޖު ރޭޓަށް ވެސް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ފާހަގަކުރައްވަ އެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ކުރިން ވިދާޅުވީ މި އޮޕަރޭޝަންގެ ތެރެއިން ފަސް ހަ ބިލިއަން ރުފިޔާ މަޑުމަޑުން އަނބުރާ އެމްއެމްއޭއަށް ވައްދަން ފެށުމުން ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އެކަމަކު މި އޮޕަރޭޝަންގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދުގައި ދައުރުވާން ނުޖެހޭ ދިވެހި ފައިސާގެ ނޫޓުތަކެއް ދައުރުވާތީ އެ ފައިސާ އަނބުރާ އެމްއެމްއޭއަށް ވެއްދުމަށް ކުރާ މަސައްކަތަކަށްވުމުން މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދަށް ފަހުން ނަމަވެސް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ހީނަރުކަން ކުރިމަތިވެ ދައުލަތް ހިންގުމަށްޓަކައި އޭރު ވަގުތުން ވަގުތަށް ފައިސާ ބޭނުންވާތީ އެ ފައިސާ އޯވާޑްރޯ ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އެކި ފަހަރު މަތިން 8.2 ބިލިއަން ރުފިޔާ ޗާޕްކޮށްފައި އިގްތިސާދަށް ދޫކޮށްލި އެވެ.
އެމްޑީޕީ ސަރުކާރުން އޭރު ފައިސާ ޗާޕް ކުރުމުން އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އޭރު އިދިކޮޅުގައި ތިބި އެކަމަކު މިއަދު ސަރުކާރު ހިންގާ ޕާޓީ -- ޕީއެންސީ އިން ބުންޏެވެ. ނަމަވެސް އޭރު ފައިސާ ޗާޕް ކުރަންޖެހުނީ ސަރުކާރަށް ފައިސާ ލިބޭނެ މާގިނަ ގޮތްތަކެއް ނެތުމުން ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށް އެމްޑީޕީގެ ސަރުކާރުން އޭރު ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި، އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު ރާއްޖޭގެ ބާޒާރުގެ އަގުތައް ބޮޑަށް ބިނާ ވަނީ ބޭރުގެ ބާޒާރުގެ މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ކުއްލި ބަދަލުތަކާއި ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކަށެވެ.
ޑޮލަރާ އަޅާބަލާއިރު ރުފިޔާގެ އަގު ވެއްޓި ޑޮލަރެއް މިހާރު ލިބެނީ 20ރ. އަށެވެ. އަދި އެކަމާ ގުޅިގެން ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވުން އުފެދި، އެމްއެމްއޭއަށް ވަނީ ފާޑުކިޔުން ވެސް އަމާޒުވެފަ އެވެ.