
ފަލަސްތީނުގެ ގާޒާ ސިޓީ އެއްކޮށް ހިފުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އެ ގައުމުގެ ސަލާމަތީ ކެބިނެޓުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން، ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މައިގަނޑު ފަސް ކަމެއް އިޒްރޭލުން ކުރާނެ އެވެ. އެއީ ހަމާސް ޖަމާއަތަކީ ހަތިޔާރު ނުގެންގުޅޭ ބަޔަކަށް ހެދުމާއި ފަލަސްތީނުގެ ޖަމާއަތްތަކުން އަސީރުކޮށްފައިވާ އިޒްރޭލު އެންމެން، މަރުވި މީހުންގެ ހަށިތައް ވެސް ހިމެނޭ ގޮތަށް، އަނބުރާ ހޯދުމާއި ގާޒާ "ޑިމިލިޓަރައިޒް" ކުރުމާއި މުޅި ގާޒާ އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ ދަށަށް ގެންދިއުމާއި ހަމާސް އަދި ފަލަސްތީން އޮތޯރިޓީ (ޕީއޭ) ނުހިމެނޭ އާ މަދަނީ ވެރިކަމެއްގެ ދަށަށް ގާޒާ ގެންދިއުން ހިމެނެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ދެންމެ ވިދާޅުވީ ގާޒާގެ ކޮންޓްރޯލް ހޯދަން އިޒްރޭލުން ގެންގުޅޭ ޕްލޭން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު އަމަލަކަށްވާއިރު، މިއީ ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ހައްގަށް ބޮޑު އަރައިގަތުން ކަމަށެވެ.
މި ނިންމުމުގެ ސަބަބުން ފަލަސްޠީނު ރައްޔިތުންނަށް ވޭނާއި ތަކްލީފު އިތުރުވުމުގެ އިތުރަށް، މިއީ ދެމެހެއްޓެނިވި ސުލްޙައަށާއި ސަރަޙައްދީ ހަމަޖެހުމަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ފަލަސްތީނު ރައްޔިތުންނާއެކު ރާއްޖެ ދެމި އޮންނާނެ ކަމަށާއި ގާޒާގެ ކޮންޓްރޯލް ހޯދުމަށް ނުވަތަ ފަލަސްޠީނުގެ ސިޔާދަތަށް އުނިކަން ގެނައުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ރާއްޖެއިން ގަބޫލުނުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ވަނީ ގާޒާގައި މިހާަތަނަށް 62،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ގާޒާގެ އެކި ސަރަޙައްދުތަކުގައި ފަލަސްތީނުގެ 100 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
އިޒްރޭލުން ކަންކުރާ ގޮތުން ގާޒާގެ ބޮޑު ސަރަހައްދަކަށް ހައިހޫނުކަން އާންމުވެފައި ވާތީ އެހީ ފޯރުކޮށްދެވޭނެ ގޮތް ވަގުތުން ހަމަޖެއްސުމަށް 100 އަށް ވުރެ ގިނަ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ އެ ހައިހޫނުކަމަކީ ހަމާސްގެ އުފެއްދުމެއް ކަމަށެވެ.