ads
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަމުންދާ ފްލެޓްތައް
ގެދޮރުވެރިޔާ ސްކީމް: މިހާތަނަށް 640 ފަރާތަކާއެކު ފްލެޓު އެއްބަސްވުން ހަދައިފި
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ މީހުންނާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެއްބަސްވުން ހަދައިފި އެވެ.
Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު ބުނީ، އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ތާވަލުކޮށްފައި ވަނީ 667 މީހުންނާއެކުގައި ކަމަށާއި އޭގެތެރެއިން 640 މީހުންނާއެކު ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑަ އަޅަނީ ހައުސިން މިނިސްޓްރީން ކަމަށްވާ އިރު، މިހާތަނަށް 2665 މީހުންގެ ލިސްޓެއް އެ މިނިސްޓްރީން ފޮނުވާފައިވާ ކަމަށް އެފްޑީސީން ބުނެ އެވެ.

އެންމެ ގިނައިން ދިމާވާ މައްސަލަ ކަމަށް އެފްޑީސީން ބުނީ ސޮއިކުރަން ދާއިރު ޕޯޓަލަށް ފޮނުވާފައި ހުންނަ މައުލޫމާތު ފުރިހަމަނުވުމެވެ. އޭގެ ތެރޭގައި އައިޑީކާޑުފަދަ ލިޔުންތައް ސާފު ނުވުމުގެ މައްސަލަ ހިމެނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގަ އެވެ. ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތް ނިންމާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް އަމާޒު ހިފާފައިވާކަމަށް އެފްޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ. 

ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 76 އިން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ. އެ މީހުންނަށް ފަހު 75 މާކްސް އިން މަތިން ލިބުނު މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް ފްލެޓު ދޭން ނިންމާ މީގެ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.

ފްލެޓު ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ފުލެޓްތައް ކަނޑައެޅުމަށް 16 ނޮވެންބަރު 2023ގައި ކުރިއަށް ގެންދިޔަ ގުރުއަތުގައި، 76އަށް ވުރެ މަތިން މާކްސް ލިބި، ފުލެޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައި ނުވާ ފަރާތްތަކެއް ހުރި ކަމަށް ފާހަގަވެފައިވާ ކަމަށް ބުނެފަ އެވެ

އަދި ފްލެޓު ލިބޭ މީހުންގެ މަސްލަހަތަށް އުނިކަން އަންނާނެހެން ފްލެޓުތަކުގެ ގުރު ނަގާފައިވާ ކަމަށް ބުނެ، "ގެދޮރުވެރިޔާ" ސްކީމާ ގުޅޭ މައްސަލައެއް ތަހުގީގު ކޮށްދިިނުމަށް ހައުސިން މިނިސްޓްރީން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަައެއް ވެސް މިހާރު ވަނީ ހުށަހަޅައިފި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް