
މި ފިލްމުގެ އެއް ސީންގައި އަހާން ޕަންޑޭ އަށް ރޮވޭވަރުން އޭނާ ހުއްޓުވަން ޝޫޓިން މަޑު ޖެހުނު ކަމަށް ވެސް މޯހިތް ބުންޏެވެ. އަދި އަހާން ހަމައެކަނި އެކްޓު ކުރަމުން ދިޔައީ ނޫން ކަމަށާއި، އޭނާއަށް އެ އިހުސާސްތައް ވަރަށް ފުންކޮށް އިހުސާސް ކުރެވުނު ކަމަށް ވެސް މޯހިތް ބުންޏެވެ.
މޯހިތު ގަބޫލުކުރާ ގޮތުގައި، މިހާރުގެ ޒުވާނުންނަށް ހަގީގީ ލޯބީގެ ތަޖުރިބާ ނުކުރެވެ އެވެ. އެހެންވެ، މި ފިލްމުގައި ހިމެނުނު އިހުސާސްތަކުން އަހާނަށް އަސަރުކޮށް، އޭނާގެ ހިތުގައި "ޖެހީ" ކަމަށް މޯހިތު ގަބޫލުކުރެ އެވެ.
އަހާންގެ ހަގީގީ އިހުސާސްތަކާއި ވަރުގަދަ އެކްޓިންއިން "ސައްޔާރާ" ފިލްމުގައި ފެނިގެން ދިޔައެވެ. އަދި އޭނާގެ ފުރަތަމަ ފިލްމުންވެސް އޭނާގެ ހުނަރުވެރިކަން މިވަނީ ރަނގަޅަށް ދައްކުވައިދީ މުޅި އިންޑިއާގައި އަދި ދުނިޔޭގެ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.
"އާޝިގީ 2" އާއި "އޭކް ވިލަން" ކަހަލަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ މޯހިތު ސޫރީ ޑައިރެކްޓުކޮށްފައިވާ "ސައްޔާރާ"އަކީ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.
"ސައްޔާރާ"އަށް ކްރިޓިކުންނާއި އާންމުންގެ ފަރާތުން ވެސް ގިނައިން ލިބިފައި ވަނީ ޕޮޒިޓިވް ރިވިއުތަކެވެ.
އަހާން ބޮލީވުޑަށް ތައާރަފުވި "ސައްޔާރާ"ގައި އޭނާއާ އެކު ލީޑު އެކްޓްރެސްގެ ރޯލު ކުޅެނީ އަނީތު ޕައްޑާ އެވެ. ކުރިން ވެބް ސީރީޒްތަކުގައި މަސައްކަތްކޮށްފައިވާ އަނީތުގެ ވެސް މިއީ ފުރަތަމަ ފިލްމެވެ.
އެ ފިލްމަށް ފުރަތަމަ ދުވަހު ވެސް ވަނީ ބޮކްސް އޮފީހުގައި 21 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ. އެއާއެކު، އެ ފިލްމު ވީ، މި އަހަރު ބޮލީވުޑަށް ތައާރަފުވި އާ އެކްޓަރުންގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެވަރުގެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަށެވެ.