
ފޮރިން މިނިސްޓަރު ހަލީލް މަޖިލިހަށް ހާޒިރުކުރަން ހުށައެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ. މީކާއިލް މަޖިލިހަށް މި މައްސަލަ ހުށައަޅާފައި މިވަނީ ރައީސް މުއިއްޒު ބައްދަލުކުރެއްވީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ 'ޕްރިންސް' އަކާ ނޫންކަމަށް ބުނެ އަޑު ފެތުރިފައިވަނިކޮށެވެ. އަދި ރައީސް މުއިއްޒު އެ 'ޕްރިންސް' ބައްދަލުކުރި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރި ހަބަރާއި އެކަމާއި ގުޅޭ ފޮޓޯތައް އެ ވެބްސައިޓުން ޑިލީޓްކޮށްފައި ވަނިކޮށެވެ.
"ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަންގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސައުދީ އަރަބިއްޔާ އިން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ދެ ގައުމުގެ މެދުގައި ފައިދާ ހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ،" އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމުގައިވެ އެވެ.
މީކާއިލް މިނިސްޓަރު ހަލީލާއި ކުރަން ހުށައެޅި ސުވާލުތައް
- ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މަހުގެ ފަސްވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާ 'ޕްރިންސް' ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ؟
- އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިނުވަނީ ކީއްވެގެންތޯ؟
- އެ ފަރާތަކީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ޚިލާފަށްނަމަ، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ؟
މި ސުވާލު ކުރުމަށް، ހަލީލް މަޖިލީހަށް ހާޒިރު ކުރުމަށް ކުރިންވެސް އެޖެންޑާ ކުރިއެވެ. އެކަމަކު ބިޒީ ވެގެން ކަމަށް ވިދާޅުވެ، ހަލީލް އެ ދުވަހު މަޖިލީހަށް ހާޒިރެއް ނުވިއެވެ.
ރައީސް މުއިއްޒާއި ސައުދީ އަރަބިއްޔާ ޕްރިންސް ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުން ބުނީ މޭ މަހު ފަސްވަނަ ދުވަހުއެވެ. އަދި އެ ހަބަރާއި އެ ބައްދަލުވުމުގެ ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓްގައި އެދުވަހު ޕަބްލިޝްވެސް ކުރިއެވެ. އެކަމަކު ފަހުންވަނީ އެ ހަބަރާ ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުން ނަގައިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޕްރިންސް ފަހަދް ސައުދު އަލްޝަލަން" އަކީ ސައުދީގެ ރަސްގެފާނު ސަލްމާން ނިސްބަތްވެޑައިގަންނަވާ "ސައުދު" އާއިލާގެ ސީދާ ބޭފުޅެއް ނޫނެވެ. އަލްޝަލަން އަކީ، އެނގިފައިވާ ގޮތުގައި، ސައުދު އާއިލާގެ އަންހެން ބޭކަނބަލަކަށް ލިބިވަޑައިގެންފައިވާ ދަރިކަލެކެވެ. އަލްޝަލަންގެ މަންމަ ގުޅެނީ ސައުދީގެ ރަސްގެފާނު ސަލްމާންގެ އެއްބަނޑުއެއްބަފާ ބޭބެއެއްގެ އަންހެންދަރިކަނބަލަކާ އެވެ. އެހެންކަމުން "ޕްރިންސް" ގެ ލަގަބުން މުހާތަބު ކުރިޔަސް، ރަސްކަމަށް އާދެވުމުގެ ފުރުސަތު ނޯންނާނެތީ އަލްޝަލަން އަށް "ހިޒް ރޯޔަލް ހައިނެސް" ނުކިޔޭނެ ކަމަށްވެއެވެ.