
މިފްކޯ އިން ބުނީ މި މަހުގެ ތެރޭގައި ފުވައްމުލަކުން މަސް ގަންނަން ފަށާނެ ކަމަށާއި، އޭގެ ފަހުން ދާއިމީކޮށް ފުވައްމުލަކުން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މި ޔަގީންކަން ދީފައިވަނީ މިފްކޯގެ ސީއީއޯ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހާތު ޝަހީރު މި ހަފްތާގެ ތެރޭގައި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށް މިފްކޯއިން ބުނެ އެވެ.
މީގެއިތުރުން، ފުވައްމުލަކުގެ އެއްގަމުގައި ހަދަން ފަށާފައިވާ މަސް ޕްރޮސެސްކުރާ މަރުކަޒު މި އަހަރުގެ ތެރޭގައި އޮޕަރޭޝަނަލައިޒްކޮށް، ފުވައްމުލަކު ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުރި މަސް ގަންނަން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަންވެސް މިފްކޯއިން ވަނީ ދީފަ އެވެ.
ފުވައްމުލަކު މަސް ޕްރޮސެސް ކުރާ މަރުކަޒު އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރަމުން އަންނައިރުމ އައްޑޫން ގަންނަ މަސް ހުވަދު އަތޮޅަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫން ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް މިފްކޯ އިން ވަނީ ކުރިން ބުނެފަ އެވެ.