ads
ނޭނގި ހިތް ގެއްލުނީ - 16 ވަނަ ބައި
އެޕިސޯޑް 16
Advertisement

އަތުގައި ހުރި ތަށީގެ މަތި ޝައްޔާން ހުޅުވާލި އެވެ. ކެޝޫނަޓް ބަތާއި، ހިކިކޮށް ކައްކާފައި ހުރި މުގުރިހައާއި ދެވައްތަރެއްގެ ތަރުކާރީގެ އިތުރުން މީރުކޮށް ހަދާލާފައި ހުރި ދެތިން މަސްފޮތިވެސް އޭގައި އޮތެވެ. ދުވަމުންދިޔަ މީރުވަހުން، ޝައްޔާންގެ ސިކުނޑީގެ އެންމެ ހިމަ ނާރުވެސް ހޭލައްވާލައިފި އެވެ.

ތަރުތީބުން ބައިބަޔަށް އަޅާފައިވާ ކާނާގެ ވައްތަރުތައް އަތުރާލާފައިވަނީ، އެ ފެނިފައިވެސް މީހެއްގެ ކުޅުދިޔާވާހައި ހިއްގައިމު ގޮތަކަށެވެ.

"އަމާރާ ތި ކެއްކީ އަހަންނަށްޓަކައިތަ؟ އަނެއްކާ... އަހަރެން ފިކުރު ބޮޑުވާންޖެހޭފަދަ ކަމެއް ދިމާވިތަ..؟"

ފުރަތަމަ ސުވާލުގެ އަޑުގައި ހުރި ޖަޒްބާތާއި ދެވަނަ ސުވާލުގައި ހުރި އިހްސާސް ދެނެގަންނާން ނޭގުނުނަމަ، މޮޔައިންގެ ލިސްޓެއްގައި އަމާރާގެ ނަން ހިމެނުން ހަމަ އެންމެ ރަގަޅުވާނެ އެވެ!

އިހްތިޔާރެއްނެތި ކޮށްލެވުނު ސުވާލު އަމާރާގެ ހިތާއި ހަމައަށް ފުރިހަމައަށް ވާސިލްވި އެވެ. ކެއްތެރިކަމެއް ނެތި އެދެމުންދިޔަ ލޯތްބާއި އޯގާތެރިކަމަށް ޝައްޔާން ދަހިވެތިވެފައިވާ މިންވަރު އަމާރާގެ ލޮލުގެ ކަޅިރަވައާއި ހަމައަށްވެސް ފޯރި އެވެ.

ނަމަވެސް އެ އިހްސާސާއި ޖަޒްބާތު، ހިމޭން ވައިރޯޅިއާއި ހަވާލުކުރުމަށް އަމާރާއަށް ހިތްވަރު ލިބުނީ ދެވަނަ ސުވާލުގައި ހުރި ސަމާސާ ރާގުންނެވެ.

އަމާރާގެ ދެއަތާއި ފަޔާއި މުޅި ހަށިގަނޑަށް ނަޒަރުހިންގާލަމުން ޝައްޔާން އެއް ލޯ މަރައިލި އެވެ.

"ބޭނުން ނޫނިއްޔާ ތި ތަށި ގެނޭ..! އަހަރެންގެ ގެ ކައިރީގައި އުޅޭ މަގުމަތީ ބުޅާތައް ތިބެނީ އަބަދު ބަނޑުހައިވެފައި.. ކާއެއްޗެއް ލިބުނީމައި އެ ސޮރުމެން ނުލާހިކު އުފާވާނެ!" ދެބުމަ ދޭތެރެއަށް ރޫ އަރުވާލާފައި އަމާރާ ބުނެލި އެވެ.

އުއްމީދު ނުކުރި ޖުމުލައެއް އަމާރާގެ ކިބައިން އިވުމާއެކު އަތުގައި ހުރި ތަށި، ދަހި ގޮތަކަށް ޝައްޔާންއާއި ގާތްކޮށްލި އެވެ. ބަނޑުހައިވެފައިވާ ކުޑަކުއްޖަކު ފަދައިން ބަސްއަހައިގެން ޝައްޔާން ކާންފެށީ ލޯބިގޮތަކަށެވެ.

"މަގުމަތީގައި ފެންނުވަރާ އުޅޭ ބުޅަލަކަށްވުރެން އަހަރެން މާ ލޯބި ނޫންތަ..؟" ޝައްޔާން ބުނެލީ ކާން އިން ތައްޓަށް ބަލަހައްޓައިގެން އިނދެ އެވެ.

"ލޯބި ތޯ ނޫންތޯ ބަރޯސާވެގެންދާނީ، ޝައްޔާންގެ އަމަލުތައް ހުންނަ ގޮތެއްގެ މައްޗަށް ބަލާފައި.." އެއްމިޔަކަނުން ހިނިއައިސްފައި އަމާރާ ބުނެލި އެވެ.

އަމާރާ ގެނައި އުލާއި ސަމްސަލަށް ބަލައިލާފައި ޝައްޔާން ނެގީ އުލެވެ.

ތައްޓަށް ބަލައިލުމަށްފަހު ފުރަތަމަ ސުވާ އަނގަޔަށް ލައިފި އެވެ.

ކާނާގެ މީރު ރަހައާއެކު ދެ ލޯ މެރިގެންދިޔަ އެވެ. އަނގައިން ނިކުތީ ލޯބި އާހެއްގެ އަޑެވެ.

"އޫމްމްމްމމ... ވަރަށް ވަރަށް މީރު.. ދިސް އިޒް އެކްޗުއަލީ، ރިއަލީ ގުޑް!" ޝުކުރުވެރިވަމުން ޝައްޔާން ބުންޏެވެ.

"ކާއެއްޗަކުން ވިހަ ކޮށްލުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް!" ހިނިއައިސްފައި އަމާރާ ބުންޏެވެ.

"ރެއާއި ދުވާލު، އަހަރެން ބުލީކުރާކުރުމަށް ބަލާފައި، އެވަރުގެ ކަމެއްވެސް ނުކުރާނެޔޭ ބުނެވޭކަށް ނެތް!" ހިނިއައިސްފައި ޝައްޔާން ބުންޏެވެ.

ބަސްއަހާ ކުޑަކުއްޖަކު ފަދައިން ޝައްޔާން ކަމުންދިޔަ އެވެ. ޝައުގުވެރިކަމާއެކު ޝައްޔާންގެ ކޮންމެ ހަރަކާތަކަށް އަމާރާގެ ލޮލުގެ މިސްރާބު ސީދާވެފައިވާކަން ޝައްޔާންއަށް ނުވެސް އެނގެ އެވެ.

އެންމެ ތަނަވަސް ގިންތީގެ ދިރިއުޅުން ޝައްޔާން އުޅެމުންގެންދިއަޔަސް، ގޭގައި ކައްކާލާފައި ހުންނަ މީރު ކާއެއްޗެއް ކާލުމުގެ ނަސީބެއް އޭނާގެ ހަޔާތުގައި ނުލިބޭތާ ވީ ދުވަހެއް ހަނދާނެއް ނެތެވެ. އެންމެ 'ފެންސީ' ކާނާއަށް އަނގަ ފަރިތަވެފައި ވިޔަސް، މިއަދު މިލިބުނު އުފަލުގެ އަގު ވަޒަންކުރާނެ ގޮތެއް ޝައްޔާންގެ ވިސްނުމަކަށް ނައި އެވެ. ލިބުނު ހިތްހަމަޖެހުމާއި ހަށިގަނޑަށް ލިބުނު އަރާމާއި އުފާ، އެހެން މީހަކަށް ބުނެދޭކަށް މިއަދު ޝައްޔާންއަކަށް ނެގެ އެވެ. ފެންކަޅިވެގެން ދިއުމުން، ލޮލުގެ ހިމަކޮޅުން ކަރުނައެއް ވެއްޓިދާނެކަމަށް އޭނާ ފަރުވާތެރިވި އެވެ.

ކެއުމުގެ މެދުތެރެއިން ޝައްޔާން ކުއްލިޔަކަށް ކެއުން ހުއްޓާލި އެވެ.

ޝައުގުވެރިކަމާއެކު ޝައްޔާންއަށް ބަލަން އިނދެފައި ވީގޮތެއް ނޭގުމުން އަމާރާ އިޝާރާތްކޮށްލީ ލޮލުގެ ހަރަކާތުންނެވެ.

ފުން ނަޒަރަކުން އަމާރާއަށް ޝައްޔާން ބަލައިލި އެވެ.

"މިހުރިހައި ކަމެއް ތި ކޮށްދެނީ ކީއްވެ؟" ކުއްލިޔަކަށް ޝައްޔާން ސުވާލުކުރި އެވެ.

"ކޮން.. ހުރިހައި ކަމެއް؟" ސުވާލުގެ ޖަވާބުގައި އަމާރާވެސް ކުރީ ސުވާލެކެވެ.

"ޓޭކިން ކެއަރ އޮފް މީ..! ކުކިންގ ފޯ މީ..! ރެއާއި ދުވާލު ބުރަ ޑިއުޓީއެއް އަދާކޮށްފައި، ލިބުނު ކޮންމެ ވަގުތެއްގައި އަހަރެންގެ ހާލު ބަލަން މިގެއަށް އައުމާއި.. ތިޔަ އިހްތިރާމާއި، އޯގާތެރިކަމާއި...!" ޝައްޔާންގެ އަޑު މަޑެވެ. ދިމާކުރުމެއް ނުވަތަ ސަމާސާކުރުމެއް ނެތް އިބާރާތްތަކެކެވެ. ދެ ލޮލުގައި ވިދާލީ ސީރިއަސްކަމެވެ.

ދޭނެ ޖަވާބެއް ދުލަކަށް ނައެވެ. އަމާރާއަށް ތެޅިގަނެވުނެވެ. ވަގުތުގެ ނާޒުކުކަން ހިތުގެ އެންމެ ހިމަނާރާއި ހަމައަށް ފޯރައިފި އެވެ. އަމާރާ ވިސްނާލި އެވެ.

"ކޮންމެވެސް މީހަކު އެކަންވެސް ކުރަންވާނެ ނުން..!" ބުނެވޭނެ އިތުރު އެއްޗެއް ނެތުމުން އަމާރާ ބުނެލި އެވެ.

ފުން ނަޒަރަކުން އަމާރާއި ދިމާއަށް ޝައްޔާން ބަލައިލި އެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުކުރުމަށް އަމާރާއަށް ކުޅަދާނަ ނުވުމުން ޝައްޔާން ގާތަށް އައީ ހިންޏެވެ.

"ސޯ..! އަހަންނަކީ އަމާރާއަށް ވަރަށް ހާއްސަ މީހެއް..!؟" ދެ ބުމަ މައްޗަށް ހިއްލާލާފައި ޝައްޔާން ސުވާލުކުރީ އެއްމިޔަކަނުން ހިނިއައިސްފައި އިނދެ އެވެ.

"އަމިއްލަ އަށް މާ ހާއްސަ މީހަކަށް ވާންއުޅުމަކީ ރަގަޅުކަމެއް ނޫން! ރަގަޅަށް ކައިގެން އަރާމްކޮށްލާ، އައްޓަމަސް!" ގޭގެ މައި ދޮރާއި ދިމާއަށް އަމާރާ މިސްރާބުޖެހީ، ލަދުވެތިކަމުގެ ހޫނުން އޭނާގެ ދޮން މޫނު ރަތްވެފައި ވަނިކޮށެވެ.

"ހެއި..! ފުށްގުޑި!" ކުއްލިޔަކަށް ޝައްޔާން ގޮވާލި އެވެ.

"ވަޓް؟" ފަސްއެނބުރި ބަލައިލާފައި އަމާރާ އަހައިލި އެވެ.

"ޔޫ'ރ އަ ޓެރިބަލް ލަޔަރ..!"

ދެލޮލުގެ ކަޅި އަނބުރާލާފައި އަމާރާ، ފަސްދިނެވެ. ހިތުގެ ތެޅުމުގެ ގަދަ އަޑު ޝައްޔާންއަށް އިވިދާނެތީވެސް އޭނާ ޖެހިލުންވި އެވެ. ޝައްޔާންގެ އެ ބުނުން ދޮގުކުރެވޭނެ ގޮތެއް ނެތެވެ. ތެދު ބުނާނެ ހިތްވަރެއް އަމާރާގެ ނެތެވެ. އިހްތިޔާރުގައި އޮތީ ދެގޮތެވެ.

އެއީ ތެދުބުނުމެވެ. ނުވަތަ ޖަވާބު ނުދީ ފަސްއެނބުރުމެވެ.

އަމާރާގެ ސޫރަ ލޯމަތީން ގެއްލެންދެން ޝައްޔާން ބަލަން އިނެވެ. މޫނު މަތީގެ ހިނިތުންވުމުގެ ސާފުކަމާއި ސާދާކަން އިންތިހާ އެވެ.

ހަޔާތުގައި ފުރަތަމަ ފަހަރަށް ޝައްޔާންއަށް ކަމެއް ޔަގީންވެއްޖެ އެވެ. މިއަދު އޭނާއަކީ 'އެކަނިވެރިއެއް ނޫނެވެ'.

.................

ޝައްޔާން ޔޫސުފް ރައިޒާދްއަކީ ފޮނިކަމާއި ކިބުރުވެރިކަމާއި ބޮޑާކަމާއި ގުދުރަތުގެ އެންމެ ފުރިހަމަ މިސާލެއްފަދަ ފުރިހަމަކަމާއި، ހައްދެއް ނެތް މިންވަރަށް އަމިއްލަ ނަފުސުގެ އިތުބާރު އަށަގެންފައިވާ މީހެއްކަމަށް، ލިޔުންތެރިޔަކު ސިފަކޮށްފާނެ އެވެ. ނަމަވެސް ދުވަހެއްގައިވެސް ލިޔުންތެރިއެއްގެ ގަލަމުން، އޭނާއަކީ 'ހަސަދަވެރިއެއް' ކަމުގައި ލިޔެވިގެން ދިއުމަކީ ނާދިރުކަމެކެވެ.

އެއީ ހަގީގަތެއް ނުވަތަ ނޫންކަމަށްވިޔަސް، އެއީ ޝައްޔާންގެ އަމިއްލަ ނަފުސު ގަބޫލުކުރާގޮތެވެ.

ކޮންމެ މިސްރާބެއްގައި ހަގީގަތް އޮތަސް، 'ޗެރިޓީ އިވެންޓެއް' ކުރިއަށްދިޔަ ވަގުތެއްގައި އެތަނުގެ އެއް ކަނެއްގައި ހުރެގެން ވަކި މިސްރާބަކަށް ޝައްޔާން ބަލަހައްޓައިގެން އެ ހުންނަ ސަބަބާއިމެދުގައި އެހެން މީހުން ސުވާލު ނުއުފައްދާނެ ހެއްޔެވެ؟ އަމާރާގެ ކޮންމެ ލަފްޒަކަށް  ޑޮކްޓަރ ޝާހް ހިނިތުންވަމުން، އަދި ބައެއް ފަހަރު އަޑުވީއްލައި ބާރަށް ހެމުން އެދާ މަންޒަރު ބަލަން، ދެބުމަ ދޭތެރެއަށް ރޫ އަރުވައިގެން ޝައްޔާން ފިލާ ހުންނާންޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

އަމާރާގެ ވާހަކަތަކަށް ނުވަތަ އަމާރާގެ ހަރަކާތްތަކަށް ޑޮކްޓަރ ޝާހްގެ ސަމާލުކަން ލިބުން ޝައްޔާންއަށް ކަމަކުނުދިޔަ އެވެ. އަމާރާ ލައިގެން ހުރީ ކަޅުކުލައިގެ ސެޓިންގ މިޑީއެކެވެ. ދެއްކުންތެރިކަމުގެ ވިދުވަރެއް އެ ހުދުމުގައި ނެތެވެ. މިނާފުކެއް ނުވަތަ ގޮށެއްގެ މިންވަރުވެސް އެ ހެދުމުގައި ބޭނުންކޮށްފައި ނުވެ އެވެ. 

ނަމަވެސް، ބައްޓަން ރީތި ހަށިގަނޑުގެ ވަނާތައް އެ ހެދުމުގެ ސަބަބުން ފާޅުވެ އެވެ. އަމާރާގެ ތީރި ހަށިގަނޑަށް ފަރުމާކޮށްފައިވާ ހެދުމުގެ ފުރިހަމަ ތަފްސީލީ ފޮޓޯ ޝައްޔާންގެ ލޮލުގެ ކެމެރާގައި ރައްކާކޮށްފި އެވެ. މުޅި ހަފްލާގައިވެސް އެފަދަ ރީތިކަމުގެ ދެވަނަ މިސާލެއް ދެއްކޭނެ އެންމެ ޒުވާނެއްވެސް ޝައްޔާންއަށް ނުފެނުނެވެ.

ނުތަނަވަސްކަމާއެކު ނިއްކުރި ފޮހެލެވުނީ ކިތައްފަހަރުކަމެއް ނޭގެ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް