ads
ވީއައިއޭގެ ޓެކްސީވޭ ޗާލީ ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ - ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ "ޓެކްސީވޭ ޗާލީ" ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ
ވެލާނާ އެއާޕޯޓުގެ ކުރީގެ ރަންވޭ، ޓެކްސީވޭ ޗާލީގެ އަލުން ތަރައްޣިކުރުމުގެ ފިޔަވަހީގެ މަސައްކަތް ނިންމާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާ ހަވާލުކޮށްފި އެވެ.
Advertisement

މިހާރު ޓެކްސީ ވޭއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ "ޓެކްސީވޭ ޗާލީ" އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާގެ ބީޔޫސީޖީއާ ހަވާލުކުރީ މިދިޔަ 15 އޮކްޓޯބަރުގަ އެވެ. އެ މަސައްކަތް ފެށީ މިދިޔަ 10 އޭޕްރީލްގަ އެވެ.

އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ، ޓެކްސީވޭ ޗާލީ ތަރައްގީ ކުރަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އިއްޔެ ހަވާލުކޮށްފައި ވަނީ ޝެޑިއުލްއަށް ވުރެ 84 ދުވަސް ކުރިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ނިމުން ފާހަގަކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި އިއްޔެ ހާއްސަ ރަސްމިއްޔާތެއް ބޭއްވި ކަމަށާއި އެ ރަސްމިއްޔާތުގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމުނުކަމުގެ ލިޔުން އެމްއޭސީއެލުން ބީޔޫސީޖީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ލިޔުން އެމްއޭސީއެލްގެ ފަރާތުން ބީޔޫސީޖީއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފެވެ. އަދި ބީޔޫސީޖީގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގަތީ ޕްރޮޖެކްޓް ޑިރެކްޓަރު ކަންގް ގުއަންގް ބޯ އެވެ.

your imageއެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗެއާޕާސަން ނޫރައިން ވިދާޅުވީ ޓެކްސީވޭ ޗާލީ ތަރައްގީކުރުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސަފުހާއެއް ކަމަށާއި އެ މަޝްރޫއު ނިމުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓްކުރާ ހުރިހާ އެއާލައިނަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގައި ބީޔޫސީޖީއަކީ މުހިންމު އަދި އިތުބާރު ކުރެވޭ ބައިވެރިއެއް ކަމަށާއި އެކަމަށްޓަކައި އެ ކުންފުންޏަށް ޗެއާޕާސަން ޝުކުރު އަދާކުރެއްވި އެވެ.

ވީއައިއޭގެ 3200 މީޓަރު ދިގު ޓެކްސީވޭ-ޗާލީ އަކީ 1976 ވަނަ އަހަރު ހެދި, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެންމެ ފުރަތަމަ ރަންވޭ އެވެ. މި ރަންވޭއަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭ ވަރަށް ތަރައްގީ ކުރީ 1981 ވަނަ އަހަރު އެވެ. އެއަށްފަހު ރަންވޭ ދިގުކޮށް, އެތައް ފަހަރެއްގެ މަތިން މަރާމާތު ކޮށްފައިވެ އެވެ. 

ހާއްސަކޮށް 2004ގެ ސުނާމީ ކާރިސާއަށްފަހު ރަންވޭ ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އަވަސް އަވަހަށް މަރާމާތު ކުރަން ޖެހުނެވެ. މި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރީ އޮކްޓޯބަރު 2022ގަ އެވެ. އެއީ މިހާރު ބޭނުން ކުރަމުން އަންނަ ކޯޑް އެފް ރަންވޭ ހުޅުވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް