އާރުޓީއެލް ލޯގޯގައި އިންނަ ރީނދޫ ކުލަ ބަދަލުކޮށް އެތަނުގައި އަޅި ކުލަ ބޭނުން ކުރަން ވަނީ ފަށާފައެވެ. މިކަން އެނގުނީ މިދިޔަ މަހު 29 ގައި ބ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ފެށިކަން ހާމަކޮށް ސަރުކާރުގެ ތަރުޖަމާނު ހިނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓުންނެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
މިކަމާއި ގުޅިގެން މިނިސްޓްރީންވެސް އަދި އެމްޓީސީސީންވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވެއެވެ.
އެހެންނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ގާނޫނީ ވަކީލު އަހްމަދު މައުރޫފް ކުރި ސުވާލުތަކަށް ޖަވާބު ދެމުން އެމްޓީސީސީން ބުނީ ޓްރާންސްޕޯޓު މިނިސްޓްރީން ކަމަށެވެ.
އާރްޓީއެލްއާ ގުޅޭ ހުރިހާ ނިންމުމެއް ނިންމަނީ ޓްރާންސްޕޯޓު މިނިސްޓްރީގައި އޮންނަ އާރްޓީއެލް ސްޓިއަރިން ކޮމިޓީއަކުން ކަމަށާއި ލޯގޯއިން ރީނދޫ ކުލަ އުނިކުރަން ނިންމީ އެ ކޮމިޓީގެ ބައްދަލުވުމަކުން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ނިންމުން ނިންމީ ކީއްވެކަމެއް އެމްޓީސީސީއަކުން ނުބުނެއެވެ.
އާރުޓީއެލް ލޯގޯގައި ހިމެނޭ ރީނދޫކުލަ ބުނެދެނީ އެއްގަމު ދަތުރުކަމަށާއި އެ ކުލަތަކަކީ އެއްވެސް މާނެއެއް ނެތި ހިމަނާފައިވާ އެއްޗެއް ނޫންކަމަށް ކުރީގެ ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.