
ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ފަހުކޮޅު މަޖިލީހަށް ހުށަހަޅައި ފާސްކުރި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިއްޔެ ވަނީ އަމަލުކުރަން ފަށާފަ އެވެ.
މި ގާނޫނުގައި އޮންނަ ގޮތުން، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ކުށެކެވެ. މިފަދަ ކުށްކުރާ މީހުންނާއި އެކަމުގައި ބައިވެރިވާ މީހުންނަށް ވެސް ހަރުކަށި އަދަބުތަކެއް މި ގާނޫނުގައި ވަނީ ކަނޑައަޅާފައިވާއިރު، މިފަދަ ކުށްތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ވަނީ ދީފަ އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމުުގެ ގޮތުން ހައިކޯޓު މެދުވެރިކޮށް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި، އެފަދަ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުގެ މައްޗަށް މޮނިޓާކޮށް، ކޮންޓްރޯލް ކުރުމުގެ އަމުރު ނެރުމާއި އަދި އެފަދަ ގްރޫޕުތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން ރައްކާތެރި ކުރުމަށް، އެ ކުދިންގެ މައްޗަށް ރައްކާތެރި ކުރުމުގެ އަމުރު ނެރުމަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުންދާ ކަމަށެވެ.
އަދި ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގްރޫޕުތަކުގެ ރިޕޯޓުތައް ތައްޔާރުކޮށް ޕްރޮސިކިއުޓާ ޖެެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އިންތިޒާމު ވެފައިވާ ކުށްކުރާ ގްރޫޕުތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކޮށް އެ ސަރަހައްދުތަކުގައި ތިބޭ ފަރާތްތައް ބަލައި ފާސްކުރުމުގެ މަސައްކަތާއި، އިންތިޒާމުވެގެން ހިންގާ ކުށްކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރަމުންދާތީ އެފަދަ ތަންތަނަށް ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ގޭންގު ބިލު ތަސްދީގު ކުރެއްވުމަށްފަހު މިދިޔަ މެއި 25، ގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބިލާއެކު ގޭންގު ކުށްތައް ހުއްޓުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސްކޮށް، ގެނައި އިސްލާހުތަކާ އެކު މެއި 15، ގައި މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކު އެވެ.