
މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިއްޔެ ނޫސްވެރިން އެއްވެފައިވަނީ ސެކިއުރިޓީ ޒޯންތަކެއްގެ ތެރޭގައި ކަމަށާއި އެއީ ގާނޫނާ ހިލާފަ ކަމެއް ކަމަށެވެ.
އެ މަނިކުފާނު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ފުލުހުން ވަނީ އެ ނޫސްވެރިންނައް ނަސޭހަތް ދީ އަދި އިންޒާރު އެތަންތަނުން ދުރަށް ދިއުމަށް އެދިފައި ކަމަށާއި ނަމަވެސް ނޫސްވެރިން ވަނީ އެ ނަސޭހަތްތަކާއި އިންޒާރުތައް އަޑުނާހާ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައި ކަމަށެވެ.
އިހުސާންގެ ޓްވީޓްގައި އިތުރަށް ވާގޮތުގައި ރައްޔިތުންނަށް މައުލޫމާތު އޮޅޭ ގޮތަށް ޒިންމާދާރު ނޫން ގޮތަށް ދޮގު ވާހަކަ އެއްވެސް ބޭފުޅަކު ނުފެތުރުމަށް އެދިފައި އެވެ.
އިހުސާން މިހެން ވިދާޅުވެފައި މި ވަނީ ކުރީގެ ރައީސް މުހައްމަދު ނަސީދު ވަނީ ލިޔުންތެރިއެއްގެ ހައިސިއްޔަތުން އަދި ކުރީގެ ޒަމީރުގެ ގައިދީއެއްގެ ހައިސިއްޔަތުން، މީޑިއާ ބިލް ތަސްދީގު ނުކުރެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފާ ވަނިކޮށެވެ. .
މީޑިއާ ބިލް ތަސްދީގު ނުކުރެއްވުމަށް، ރައީސް މުއިއްޒުގެ އަރިހުން، ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ ހިލާލު ފާޅުކުރުމުގެ މިިނިވަންކަމުގެ ހައްގު ހަނިކުރާ ކޮންމެ ފަހަރަކު، އެކަމުގެ ސަބަބުން ގައުމުގެ މިިނިވަންކަން ކުޑަވެ، އަދި ތަނަވަސްކަންވެސް ކުޑަވެގެންދާ ކަމަށެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ރައްޔިތުންގެ މަޖިލީހުން އިއްޔެވަނީ ބަލައިގަނެ ދިރާސާކުރަން ކޮމިޓީ އަށް ފޮނުވާފައެވެ.
ނޫސްވެރިން ބިލު ބޭރުކުރަން ގޮވާލައި އިހުތިޖާޖުކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން ބިލު ބަލައިގަންނަން ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 މެންބަރުންނެވެ.
މި ބިލްގެ ބަހުސް މަރުހަލާގައި، ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ވެރިކަން ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވުމުން އެތައް ބަޔަކު އެކަމާ ނުރުހުންވެ ފާޑުކިޔަންވެސްވަނީ ފަށައިފަ އެވެ.