ads
ނޭނގި ހިތް ގެއްލުނީ - 21 ވަނަ ބައި
އެޕިސޯޑް 21
Advertisement

ހުރިފިޔަވަޅު މަތީގައި ހަރު ހިލައަށް ވެއްޖެކަމެއް އަމާރާއަށް ނުވެސް އެނގުނެވެ.

ރާފީގެ މޭދަށުގައި ދެއަތް ހުރަސްކޮށްލި އެވެ. ޝައްކުގެ ނަޒަރަކުން އަމާރާއާއި ދިމާއަށް ބަލައިލާފައި ނިއްކުރިއަށް ރޫ އަރުވާލި އެވެ.

"ދޮންތާ..! ދޮގެއް ހެދިފައި އޮތްކަމަށްވަންޏާއި މައާފަށް އެދުމަކީ ރަގަޅުކަމެއް!" ދިމާކުރުމުގެ ރާގުގައި ބުނެލި އެވެ.

ރާފީގެ ބުނެލުމާއެކު އަމާރާ ކަރުކެހެލި އެވެ. ނުތަވަސްކަން އޭނާގެ ނިއްކުރި ހިސޯރުކުރުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ.

"ނޯ... އައި... ޖަސްޓް... ފޮގޮޓް ޓު ޓެލް .. ޔޫ!" ވަރަށް އުނދަގުލުން އަމާރާ ބުނެލި އެވެ.

"ލަޔަރ...!" އެއްމިޔަކަނުން ހިނިއައިސްފައި ރާފީ ބުނެލި އެވެ.

"ދެއާ އިޒް ނަތިންގ ބިޓްވީން އަސް..!"އަވަސް އަވަހަށް އަމާރާއަށް ބުނެވުނެވެ.

ރާފީގެ ދެ ލޯ ބޮޑުވެ އަނގަހުޅުވުނެވެ. ޝައްޔާން އާއި ދޮންތައާއި ދެމެދު 'ގުޅުމެއް' ނެތިއްޔާ ކުށްލިޔަކަށް އެހެން ބުނަންޖެހުނީ ކީއްވެ ހެއްޔެވެ؟ ދެމީހުންގެ ގުޅުން، ސާފްކޮށްދިނުމަށް އެދި ރާފީ ހުށަހެޅީއެއް ނޫނެވެ. ތުހުމަތެއްވެސް ނުކުރެ އެވެ. ދެމީހުންގެ ގުޅުމާމެދު ފާޅުގައި ރާފީ ސުވާލު އުފެއްދީއެއްވެސް ނޫނެވެ. 

"ދެން ދޮގުހެދީ ކީއްވެ؟" ރާފީ ފާޅުގައި އަމާރާއާއި ކުރިމަތިލި އެވެ.

ބުނާނެ އެއްޗެއް ނޭގުނީ އަމާރާ އަށެވެ. ޝައްޔާންގެ ތޫނު ނަޒަރު އަމާރާއަށް އިހްސާސްވެ އެވެ. އެކަމަކު، ޝައްޔާންއާއި ދިމާއަށް ވައްކަޅިންވެސް ބަލައިލުމަށް އޭނާއަށް ނުކެރުނެވެ.

އަމާރާގެ ނުތަނަވަސްކަމުގެ ހާލަތުން އެންމެ ފުރިހަމައަށް ޝައްޔާން ދިޔައީ މަޖާ ނަގަމުންނެވެ.

"އަވަހަށް ސަލާމަތްވެގެން މިތަނުން ދެވޭތޯ ބަލަންހިނގާ.. އެހެން ނޫނީ ހަގީގަތުގައިވެސް ރޭލުގައި ދަތުރުކުރަންޖެހިދާނެ!" އަމާރާގެ ކަންފަތްދޮށުގައި ޝައްޔާން ބުނެލި އެވެ.

ދެލޯ ވައްކޮށްފައި ނިއްކުރިއަށް ރޫ އަރުވާލާފައި ޝައްޔާންއާއި ދިމާއަށް އަމާރާ ބަލައިލި އެވެ. 

"މުމްބާއީއަށް ދެވުނުހާ އަވަހަކަށް ރާފީއަށް ދޮންތަ ގުޅާނަން.. ދެން އަވަހަށް ގެއަށްދޭ.. މިއަދު ކޮލެޖަށް ދާންވެސް އެބައޮތެއްނުން..!" ރާފީއާއި ދިމާއަށް އެނބުރިލާފައި އަމާރާ ބުންޏެވެ. 

ދެ ލޯ ވަށްކޮށްފައި ކަޅި އަނބުރާލަމުން ރާފީ ހިނިތުންވި އެވެ. 

"އެންމެ ރަގަޅު.. އެންމެ ރަގަޅު! ހޭވް ފަން އޮން ޔޯ ނޮޓް- ސޯ- ރޮމެންޓިކް ޓްރިޕް!" އެއްމިޔަކަނުން ހިނިއައިސްފައި ހުރެ، ރާފީ ބުނެލި އެވެ.

އަމާރާގެ މޫނާއި ކޯތާފަތް ރަތްވެ، ހޫނު އަރަންފެށި އެވެ. ލަދުން ގޮސް ވަންނާނެ ހޮރެއް ފެނުނު ނަމަވެސް، މިވަގުތު އަމާރާ އެކަންވެސް ވޭތޯ ބަލާނެ އެވެ.

...............

ކާރަށް އަރަން ދިޔަދިއުމުގައި އަމާރާގެ ކަންފަތްދޮށަށް ޝައްޔާން ގުދުވީ ކުއްލިޔަކަށެވެ.

"ދޮގުހަދަން ތިހާމޮޅުކަން މީގެކުރިން އެނގިފައި އޮތްނަމަ އަހަރެންގެ 'ނިންމުން' ނިންމާނެތާ ކިތަންމެ ދުވަހެއް، ޑޮކްޓަރ ފުށްގުޑީ..! ކޮންމެއަކަސް މިއަދުގެ ފަހުން، ތިފަދަ ކިތަންމެ ހާލަތެއް ކުރިމަތިވާނެ..!"

ކަނދުރާމަތީން ގޯނާކުރަމުންދިޔަ އިސްތަށިތައް އެއްފަރާތްކޮށްލަމުން ކުރިއަށްވުރެންވެސް ޝައްޔާން ގާތްވެލި އެވެ. އޭނާގެ ތުންފަތް ސީދާ އަމާޒުވެފައިވަނީ އަމާރާގެ ކަންފަތު ފޫޅުދަނޑިއަށެވެ. އަޑުގައި ހުރީ ސަމާސާ މިޒާޖެވެ. 

"އެފަދަ ކިތަންމެ ހާލަތަކަށް ކުރިމަތިލާން ތައްޔާރުވައްޗޭ އިނގޭ!.. އެކަމަކު ކުރިން ވައުދުވެފައިވާ ފަދައިނން، އަހަރެންގެ އެއްވެސް ކަމަކަށް ސުވާލު އުފައްދައި، އަމާރާ  ފަހަތަށް ނުޖެހޭނެކަމަށް ޔަގީންކުރަން.." ޝައްޔާންގެ އަޑު ކުއްލިޔަކަށް ސީރިއަސްވެގެން އެދިޔައީ ކީއްވެކަން އަމާރާއަށް ނުވިސްނުނެވެ. 

ޝައްޔާން ބުނަން އުޅުނު އެއްޗެއްވެސް، އަދި ކުރިމަތި ވެދާނެ ހާލަތަކާއި އެފަދަ ކަމެއްވެސް ވިސްނައިގަންނާން އަމާރައަށް ނޭގުނެވެ.

"އަރަތެއްހެން ވާހަކަދެއްކިޔަސް އޭގެ މާނަކުރާކަށް އެހެން މީހުންނަކަށްނޭގޭނެ.. ޝައްޔާން ބޭނުންކަމެއް ކުރަންވީ..! ކީއްކުރަން އިންޒާރުދެނީ!" އަމާރާގެ ގައިގައި ތަތްވެގެން ހުރި ޝައްޔާން ދުރަށް ޖެއްސީ ގަދަކަމުންނެވެ.

ނަމަވެސް އަމާރާގެ މޭގައި އުފެދުނު ތުރުތުރު މައިތިރިއެއް ނުވި އެވެ. ތާޒާ ފިނިފެންމަލެއް ފަދައިން ކުލަބަދަލުވަމުންދިޔަ ދެ ކޯތާފަތުގައި އަމާރާއަށް ފިރުމާލެވުނެވެ. ވާންއުޅޭ ގޮތެއް ނޭގުނަސް، ޝައްޔާންގެ ވާހަކަތަކާއި އޭނާގެ އަމަލުން މިއަދު އަމާރާގެ ހިތް ހަލަބޮލިކޮއްލައިފި އެވެ. 

........... 

ކާރަށް އަރަން އަމާރާއަށް ދޮރު ހުޅުވައިދިނީ ޝައްޔާން އެވެ. ޕެސެންޖަރ ސީޓްގައި އަމާރާ ހަމަޖެހިލުމުން، ޑްރައިވަރ ސީޓަށް އަރައި ޝައްޔާން ހަމަޖެހިލި އެވެ.

ފަހަތު ސީޓަށް ބަލައިލާފައި އަމާރާގެ ދެ ލޯ ކުޑަކޮށްލި އެވެ.

ދެއަތުން ހިފޭ ވަރުގެ ބޮޑު ރަތް ފިނިފެންމާ ބޮނޑިއަކާއި ދެތިން ފައިލް އޮތެވެ. 

އަދި ދަތުރަކަށް ތައްޔާރުވެފައިވާފަދަ ކުޑަ ފޮއްޓެއްވެސް ހުއްޓެވެ.

އަމާރާގެ ހިތުގައި ސުވާލު އުފެދުނެވެ. ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟

ޝައްޔާންގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟

ފާއިތުވެ ދިޔަ ރޭތަކުގައި ފެނުނު ހުވަފެނާއި މި 'ކާރު ދަތުރާއި' ގުޅުމެއް އެބަހުރި ހެއްޔެވެ؟ 

މޭދަށުގައި ދެއަތް ހުރަސްކޮށްފައި ޝައްކުގެ ނަޒަރަކުން ޝައްޔާންއާއި ދިމާއަށް އަމާރާ ބަލައިލި އެވެ. 

"ހާދަ ވަރަކަށް ތައްޔާރުވެފައި..؟" އަމާރާ ކުރީ ތުހުމެތެކެވެ.

އަޅައިގެން އިން އަވިއައިނު ހަމަޔަކަށް އަޅުވާލާފައި އެއްމިޔަކަނުން ޝައްޔާން ހިނިއައުމުން އަމާރާގެ ނިއްކުރިއަށް ރޫ އެރި އެވެ.

"ހީކުރަނީ އަހަރެން، އަމާރާ ކިޑްނެޕްކޮށްގެން ގެންދަނީކަމަށްތަ؟" މަގާއި ދިމާއަށް ނަޒަރު ހުއްޓާލާފައި ޝައްޔާން ބުނެލި އެވެ.

"އެހެނެއް ނޫންތަ މިވަނީ..؟" އަނެއްކާވެސް އަމާރާގެ ސުވާލެކެވެ.

"ކިޑްނެޕްވެގެން އަހަންނާއެކު ދަތުރަށް އަރަން ބޭނުންވިނަމަ، ކުރިން ބުނެލިނަމަ..!؟" ދިމާކޮށްލުމުގެ ގޮތުން ޝައްޔާން ބުނެލި އެވެ. 

ނަމަވެސް އަމާރާއަށް ފާހަގަކުރެވުނީ ޝައްޔާންގެ އަޑާއި ރާގުގައި ހުރި ތަފާތު ގޮތްތަކެވެ. އަދި ހިތްގައިމު ދެ ލޮލުން ފެންނަމުންދިޔަ އުއްމީދާއި ތަފާތު ވިދުމެއް، މާނަކުރާން މިއަދު އަމާރާއަކަށް ނޭގުނެވެ.

ކާރު ދުއްވާލުމާއެކު އަމާރާ އެނބުރުނީ މަގާއި ދިމާއަށެވެ. ސްޓޭޝަންގައި ހުރެ، ރާފީގެ ދިމާކުރުން އަދިވެސް އަމާރާގެ ލޯކުރިމަތީން ނުދެ އެވެ. އެނގުމެއްނެތި ހިނިތުންވެވުނީ ކޮއްކޮގެ ވިސްނުން ތޫނުކަމާއި އެކުވެރި މިޒާޖަށް ޝުކުރުވެރިވަމުންނެވެ.

ހިތުގެ އަޑިން އަމާރާ އިހްސާސްކުރަމުންދިޔަ އުފާވެރިކަން ހިއްސާކުރުމަށް އޭނާ މިއަދު ނުކުޅެދުނެވެ. ހަގީގަތަކީ، އިންޑިއާއަށް އައީއްސުރެންވެސް މިފަދަ ހިތްގައިމު ވަގުތަކަށް އަމާރާ ކުރަމުންދިޔަ އިންތިޒާރެވެ. ޝައްޔާންއާއެކކު ހޭދަކޮށްލެވޭނެ އެކަހެރި ވަގުތަކަށް އޭނާގެ ހިއްސުތައް އެދޭ އެދުމެވެ. އެއްބަސް ވެވެން ނެތަސް، ޝައްޔާންގެ މި 'ސަޕްރައިޒް'އަކީ އަމާރާގެ ހިތް އެދި އާދޭސްކުރަމުންދިޔަ 'ބޮޑު ސިއްރެވެ'!

...........

ބާރު ސްޕީޑްގައި ދުއްވަމުންދިޔަ ކާރުގެ މިސްރާބަކީ ކޮބައިކަން ނޭގެނީ އަމާރާ އަށެވެ. ވިލާ މަދުވެފައިވާ ސާފު އުޑުމަތީގެ ކުދިކުދި ވިލާކޮޅުތަކާއި ހިއްގައިމުކަން، އެ މަންޒަރު ބަލަމުންދިޔަ ހިއްތަކަށް ހަމަޖެހުން ގެނުވަމުންދިޔަ އެވެ.

...........

މުމްބާއިގެ ހިއްގައިމު ޖައްވުން ގުދުރަތީ މަންޒިލްތަކުގެ ރީތި މަންޒަރުތަކަށް އަމާރާ އިނީ ގެއްލިފަ އެވެ. ފެހިކުލައިގެ މަހްމަލުގެ ދޫލައެއްފަދަ ހިތްގައިމު ވާދީގެ މަންޒަރުތައް އަމާރާގެ ލޮލުގެ ކެމެރާގައި ދިޔައީ ރެކޯޑްކުރަމުންނެވެ.

މެންދުރުގެ އިރުގެ ރަން އަވި އޭގެ އެންމެހިއްގައިމު ފިނިހޫނުމިނުގައި  ފަތުރާލާފައިވަނީ ގުދުރަތުގެ ފުރިހަމަކަމުން އިންސާނެއްގެ ހިތް ދީވާނާކޮއްލާހައި ފުރިހަމަ އަށެވެ.

ދުއްވަމުންދިޔަ ސްޕީޑާއެކު ހިތްގައިމު މިއުޒިކެއްގެ އަޑު ކާރުތެރޭގައި ވި އެވެ. ލޯބީގެ އަސަރުތަކުން ފުރިފައިވާ އެ މިއުޒިކާއި އެއްހަމައެއްގައި ޝައްޔާން ދިޔައީ މަޑުމަޑު ރާގަކަށް ތުނބުން ފުމެމުންނެވެ. ދޭތެރެއަކުން ހާއްސަ ނަޒަރަކުން އަމާރާއަށް ބަލާލަ އެވެ.

"އަދިވެސް ހިތްހަމަ ނުޖެހިފަތަ..؟" ސާދާ ރާގެއްގައި ޝައްޔާން ސުވާލުކޮށްލި އެވެ.

"ހިތްހަމަނުޖެހިފަ އެއް ނޫން.." ޖަވާބު ކުރެވެ. ނަމަވެސް ނުރުހުމެއް އެ ބުނެލުމުގައި ނެތެވެ.

"ކާރަށް އެރީއްސުރެން މި އިންނަނީ ވިސްނަން..!" މަޑުމަޑުން އަމާރާ ބުންޏެވެ.

"ކޮންކަމަކާ..؟" 

"ސުވާލަކާއި ނުލައި ޝައްޔާންގެ 'ކޮންމެ ކަމަކަށް'ވެވުނު އެއްބަސްވުމާ މެދުގައި..! އަދި މި ދަތުރާއިމެދު މަންމައާއި ރާފީއަށް ހެދުނު ދޮގާއި، ދަތުރުގެ މަގުސަދާ މެދު..!" ހިތުގައި އޮތްގޮތަށް އަމާރާ ބުންޏެވެ.

"އައުޗް..!!!" މޭގައި އަތުން ޖަހާލާފައި ޝައްޔާން ބުންޏެވެ.

"މިތަނުގައި އިނދެގެން އަހަރެން ހިތަށް މިއަރަނީ އަހަރެން ކަހަލަ، ހިއްގައިމު، ހޮޓް، ސްމާޓް، ދުނިޔޭގައި ނަން މަޝްހޫރު ސްޕާސްޓާރަކާއެކު، ލޯންގް ޑްރައިވްއަކަށް އެރުނީތީ، އެކަމުގެ އުފަލުގައި ވިސްނާން އިނީކަމަށް..!" ޑްރާމާ ގޮތަކަށް ޝައްޔާން ބުނެލި އެވެ. އަދި ގުދުވެލާފައި އަމާރާއާއި ކައިރިވެލާން އުޅުނެވެ.

"ހިތަށްވެސް ނާރުވާތި... އައްޓަމަސް..!!" އަތުގެ ޝަހާދަތްއިނގިލި ހަރަކާތްކޮށްލަމުން އަމާރާ ބުނެލީ އިންޒާރެއްގެ ގޮތުގަ އެވެ. (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް