
މީރުމާގައި މި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވާދެއްވީ އެފްޕީއޭގެ ސީއީއޯ އައިމިނަތު ސިރާނީ ނައީމް އަދި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެޑްވަޑް އަޑާއީއެވެ. މި ރަސްމީޔާތުގައި މިކަމާއި ގުޅުން ހުރި އެކި ދާއިރާތަކުން ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
މި ކެމްޕެއިން ކުރިޔަށް ގެންދަނީ ގެވެށި އަނިޔާ އިން ކުދިން ރައްކާތެރިކޮށް އެ ކުދިންނައް ރައްކާތެރި އަދި އުފާވެރި މާހައުލެއް ބިނާ ކޮށް ދިނުމަށް ކަމަށް އެފްޕީއޭ އިން ބުނެ އެވެ.
ސިރާނީ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެފްޕީއޭއަށް ހުށައަޅާ ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކަށް ބަލާ އިރު މައްސަލަތަކުގެ %50 އިންސަތަ މައްސަލައަކީ ކުޑަކުދިންނަށް ލިބޭ އަނިޔާތަކާ ގުޅޭ މައްސަލަތައް ކަމަށާއި މި ކެމްޕޭން އިން އެ ކުދިންނައް ރައްކާތެރި އަދި އުފާވެރި މާހައުލެއް ބިނާ ކޮށްދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެފްޕީއޭ އަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިން ކޮށްފައިވާ ޖިސްމާނީ، ނަފްސާނީ، ބަހުގެ އަދި ޖިންސީ އަނިޔާގެ މައްސަލަ ހިމެނޭކަމަށާއި މީގެ ތެރެއިންވެސް އެންމެ ގިނައީ ކަނޑައެޅިގެން އެފަދަ މަންޒަރުތައް ދެއްކުން ނުވަތަ އަޑު އިއްވުމުގެ މައްސަލަތައް ކަމަށް ސިރާނީ ވަނީ ފާހަގަ ކުރައްވާފައި އެވެ.
މި ކެމްޕޭނުގެ ދަށުން އެކި އުމުރު ފުރާތަކުގެ މީހުންނައް ހާއްސަކޮށްގެން އެކި އެކި ހޭލުންތެރި ކަމުގެ ޕްރޮގްރާމް ތަކާއި އެހެން ހަރަކާތްތައް ވެސް ކުރިޔަށް ގެންދާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑްވަޑް އަޑާއީ ވިދާޅުވީ %70 ކުދިންނަކީ ހަޔާތުގެ ކޮންމެވެސް ހިސާބަކުން ކޮންމެވެސް އަނިޔާއެއް ތަހަންމަލް ކޮށްފައިވާ ބައެއްކަމަށެވެ.
އެ ގޮތުން ގިނަ ކުދިންނަކީީ ޖިސްމާނީ އަނިޔާ ކުރިމަތިވެފައިވާ ކުދިން ކަމަށާއި އަނެއް ބައި ކުދިންނަކީ ނަފްސާނީ އަނިޔާ ލިބިފައިވާ ކުދިން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.