
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ.
މި މަޝްރޫއުގެ މަގްސަދަކީ އައްޑޫގައި މަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްގެ ހިދުމަތް ފުޅާކުރުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދެކުނުގެ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެން ދާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން އެ މަޝްރޫއުގެ ތަފްސީލީ މާސްޓާ ޕްލޭނާއި، މާލީ އަދި އިގްތިސޯދީ ފައިދާގެ ދިރާސާތަކުގެ އިތުރުން، މަޝްރޫއު ހިންގާނެ ވިޔަފާރި މޮޑެލްއާއި، ފައިނޭންސްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ އެވެ.
މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ދެކުނުގެ އިގުތިސާދު އާލާކޮށް، ގިނަ ފުރުސަތުތަކެއް އުފެއްދުން ކަމަށެވެ.
ރާއްޖޭގެ މެރިކަލްޗާ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމުގެ މަގުސަދުގައި، ޗައިނާގެ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާ އެކު ވެސް ދިވެހި ސަރުކާރުން ވަނީ އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފަ އެވެ