މި ޕްރޮމޯޝަންގެ ދަށުން މާލެއިން ޝަންހާއި، ޗެންގްޑޫ އަދި ބެއިޖިންއަށް ދަތުރުކުރާ ދިވެހިންނަށް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފައެވެ. މި ފުރުސަތަކީ ޗައިނާއަށް ދަތުރުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަރަށް ފަސޭހަ އަދި އިގްތިސާދީ ގޮތުން ފައިދާހުރި ފުރުސަތެކެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށްކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ. މި ޕްރޮމޯޝަންގެ ދެކޮޅު ޓިކެޓްގެ އަގުތަކުގެ ތެރޭގައި ޝަންހާއި އަދި ބެއިޖިންއަށް 499 ޔޫއެސް ޑޮލަރު، އަދި ޗެންގްޑޫއަށް 449 ޔޫއެސް ޑޮލަރު ހިމެނެއެވެ. މޯލްޑިވިއަނުން ބުނީ މި ދަތުރުތަކުގެ ތާވަލު ރޭވިފައިވަނީ އާއިލާތަކަށާއި، ވިޔަފާރި ބޭނުންތަކުގައި ދަތުރުކުރާ ފަރާތްތަކަށް އެންމެ ފަސޭހަވާނެ ގޮތަށް ކަމަށެވެ. އެގޮތުން މާލެއިން ފުރާ ފްލައިޓްތައް ރޭގަނޑު ފުރައިގެން ޗައިނާއަށް ހެނދުނު ދެވޭ ގޮތަށް ރޭވިފައިވާއިރު، އަނބުރާ އަންނަ ދަތުރުތައްވެސް މާލެއަށް އާދެވޭނީ ހެނދުނުގެ ވަގުތެއްގައެވެ.
މި ޕްރޮމޯޝަންގެ މުހިންމު ފައިދާއެއްގެ ގޮތުން ޗައިނާއަށް އެތެރެވާ ދިވެހިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެކަމަށް މޯލްޑިވިއަނުން ބުނެފައެވެ. އަދި ޗައިނާގެ މި ތިން ސިޓީއަށްވެސް ދަތުރުކުރަނީ އެ އެއާލައިނުން އެންމެ ފަހުން ގެނެސްފައިވާ އެއަރބަސް އޭ330 ވައިޑް ބޮޑީ މަތިންދާބޯޓުގައެވެ. މިކަމުގެ ސަބަބުން ދަތުރުގެ ތެރޭގައިވެސް ފަސިންޖަރުންނަށް ފަސޭހަކަމާއި ހިތްފަސޭހަކަން ލިބިގެންދާނެއެވެ.