ads
ލަންކާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ދިވެހި ކުޅުންތެރިން އުފާފާޅު ކުރަނީ: ގައުމީ ކޯޗު މޯހަން ފާޙަގަ ކުރީ ކުޅުންތެރިން ކުރި މަސައްކަތް - ފޮޓޯ: ފުޓްބޯލް ޝްރީ ލަންކާ
ގައުމީ ފުޓް ބޯޅަ ޓީމަށް ރައީސް މަރުހަބާ ދަންނަވައިފި
ސްރީލަންކާގައި މިހާރު ކުރިއަށްދާ ''ސައުތު އޭޝިއަން ސުޕަ ކަޕް 2025'' ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ގައުމީ ފުޓް ބޯޅަ ޓީމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވެ ހިތްވަރުދެއްވައިފި އެވެ.
Advertisement

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ރައީސް މިއަދު ހެނދުނު ފޯނުން ގުޅުއްވާ މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ޓީމް ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް މެޗްތަކުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާއިއެކު މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ފުޓްބޯޅައިގައި ދިވެހި ގައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ގައުމީ ޖޯޝާއި އެކު މަސައްކަތް ކުރެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

މޯހަން ބުނީ ރައީސް ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާ ހިތްވަރެއް ކަމަށެވެ.

އަދި އެ މަނިކުފާނު އެދިވަޑައިގެންނެވިގޮތަށް ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗްގައި އިތުރަށް ހިތްވަރުކޮށް، ޓީމްގެ އުއްމީދަކީ ތަށި ކާމިޔާބުކުރުން ކަމަށްވެސް ކޯޗް ބުނި އެވެ.

ދެކުނު އޭޝިއާގެ ސުޕަ ކަޕްގެ ނަމުގައި ލަންކާއިން އިންތިޒާމު ކުރި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ރާއްޖޭން 3-0 ން ލަންކާގެ މައްޗަށް ކާމިޔާބު ހޯދާފައިވެ އެވެ. 

ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ލަނޑު ޖެހީ އިބްރާހިމް އައިސަމް ނެގި ކޯނަރަކުން ނާއިޒު ހަސަން (ދާދު) ބޮލުންނެވެ. އަދި، އޭގެ ފަހުން، ލަންކާގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ދާދު ދިން ބޯޅައަކުން ދެ ވަނަ ލަނޑު ޖެހީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން ލަންކާއިން ވަނީ ރާއްޖޭގެ ގޯލަށް ގާތްގާތުގައި ހަމަލާތައް އަމާޒުކޮށްފަ އެވެ. އަދި މެޗުގެ 61 ވަނަ މިނިޓްގައި ލަންކާއަށް ލިބުނު ޕެނަލްޓީއަކުން ތާޕަރަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް ފަހުން ރެފްރީ ނިންމާފައިވަނީ އެއީ ގޯލެއް ނޫން ކަމަަށެވެ.

މެޗުގެ 91 ވަނަ މިނިޓްގައި އިލާންގެ އެސިސްޓަކުން އަލީ ފާސިރު (ސެންޓޭ) ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މިއީ ބަދަލަކަށް ކުޅެން އެރި، 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ދިން ބޯޅައަކުން ސެންޓޭ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ 

ލަންކާގެ ފަސްގަނޑުގައި އެ ގައުމާ ދެކޮޅަށް ރާއްޖޭން އެންމެ ފަހުން މެޗެއް ކުޅުނީ ޑިސެމްބަރު 2021 ގަ އެވެ. އެއީ ގައުމުގައި ބޭއްވި ރާޖަޕަކްސަ އިންވިޓޭޝަނަލް މުބާރާތުގަ އެވެ. އެ މެޗުގައި ރާއްޖޭން ހަތަރު ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ލަންކާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. 

އިއްޔެގެ މެޗަކީ، ރާއްޖޭގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެެވެ. ރާއްޖެ ލަންކާ ބައްދަލުކުރާ ދެ ވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. މި މެޗުން ރާއްޖެ ތިން ލަނޑުގެ ފަރަގަކުން ބަލިނުވެއްޖެނަމަ ރާއްޖެއަށް ސުޕަ ކަޕްގެ ޗެމްޕިއަންކަން ލިބޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް