ads
އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން
ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ބައިވެރިނުވާން އިދިކޮޅުން ނިންމައިފި
ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލި ނަމަވެސް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއަށް އަމަލު ކުރާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ބުނެ އެ ޕްލޭން އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިނުވުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ނިންމައިފި އެވެ.
Advertisement

ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމަށް، "ވިލުންތެރި ރާއްޖެ 2045"ގެ ނަމުގައި ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ. 

އިދިކޮޅު އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ކަންކަން ކުރަމުން ދަނީ ހިތުހުރި ގޮތަކަށް ކަމަށެވެ.

އެގޮތުން ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފެށުމުގެ ކުރިން ވެސް އެކަށީގެންވާ މިންވަރަށް އެކި ފަރާތްތަކާ މަޝްވަރާ ކޮށްފައި ނުވާ ކަމާއި ކުރިން ފަށާފައި ހުރި އެތައް މަޝްރޫއެއްގެ މަސައްކަތް ހުއްޓާފައި ބޭއްވުމަށްފަހު އެއްވެސް ޕްލޭނެއް ނެތި އެހެން މަޝްރޫއުތައް ހިންގަމުންދާކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ ގައުމީ ތަރައްގީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް މި ޕާޓީން ގަބޫލު ކުރަމެވެ. އެހެންނަމަވެސް ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އަދި އެ ސަބަބުތަކުގެ ތެރޭގައި ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވަައިލާނެކަން މުއިއްޒު އިއުލާނު ކުރެއްވި ފަހުން ވެސް އެއްވެސް ރޭވުންތެރިކަމެއް ނެތި ރާއްޖޭގެ އެކި ކަންކޮޅުގައި އެއާޕޯޓު އެޅުމާއި އުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާނު ކުރުމާއި ފަށާފައި ނުނިމި ހުރި އެތައް މަޝްރޫއުއެއް ހުއްޓައި އަލުންބަލުން އެހެން މަޝްރޫއޫތައް ފެށުން ހިމެނޭ ކަމަށް އެމްޑީޕީން ބުންޏެވެ.

އެހެންކަމުން ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތްކަމަށް ނުދެކޭ ކަމަށާއި އެކަމުގައި، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަކަށް ވެސް ނުދެކޭ ކަމަށް އެމްޑީޕީ އިން ބުންޏެވެ. އެމްޑީޕީ އިން އިތުރަށް ބުނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތައް ސަރުކާރުން އަމަލު ކުރަމުން ނުދާ ކަމަށެވެ. 

ކުރިއަށް އޮތް 20 އަހަރު ދުވަހަށް ރާއްޖޭގެ "ގައުމީ ތަރައްގީގެ ޕްލޭން" އެކުލަވާލުމަށް ސަރުކާރުން ބަޔަކާ ހަވާލުކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ދަތުރުތަކެއް ކުރަން ފަށަން ތައްޔާރުވިއިރު، އަދި އެ މަސައްކަތުގައި ބައިވެރިނުވުމަށް އިދިކޮޅު އެމްޑީޕީ އިން ނިންމިއިރު، ގައުމުގެ މިސްރާބު އެއް އަމާޒަކަށް ގެންދިއުމަށް މިފަހުން "އެދޭ ރާއްޖޭ" ނަމުގައި ހަރަކާތެއް ފަށައި، އެ ހަރަކާތުން ވަނީ ގައުމީ ޑައިލޮގްއަކަށް ގޮވާލާފަ އެވެ.

ކުރާ ހޭދަ އާ އެއްވަރުގެ ތަރައްގީއެއް ނުލިބި ގައުމު ދަރުވާލާފައި ދަރަންޏަށް ޒިންމާވާން ނުޖެހޭ ރައީސުން ގައުމު ހަލާކުގެ މަގަށް ގެންދާ ގެންދިއުން ނިމުމަކަށް ގެންނަށް ޖެހެނެ އެވެ. އެ މަގަށް ރާއްޖެ ގެންދެވޭނީ ރާއްޖެ އޮންނާނެ ގޮތެއް ކަނޑައަޅައިގެންނެވެ. އެކަން ކުރަން ޖެހޭނީ އެކަކު ނުވަތަ އެއް ރައީސަކު ނުވަތަ އެއް ޕާޓީއަކުންނެތް ނޫނެވެ. އެކަން ކުރަން ޖެހޭނީ ހުރިހާ ފިކުރަކާއި އެންމެންގެ ބައިވެރިވުމާއެކު އިލުމީ ދިރާސާތަކާއި ތަޖުރިބާކާރުންގެ ތަޖުރިބާއަށް ވެސް ބަލައިގެންނެވެ.

އެކަން އެ މަގަށް ރާއްޖެ ގެންދިޔުމަށް މިދިޔަ މަހު ފެށި އެދޭ ރާއްޖެ ހަކަރާތުން ވަނީ ގައުމީ ތަރައްގީގެ ތަސައްވަރަކާއި ގައުމީ ތަރައްގީގެ ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައިގެން ނޫން ގޮތަކަށް ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ގޮވާލާފަ އެވެ. ގައުމީ ތަސައްވަރަކާއި ދުރު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް "އެދޭ ރާއްޖެ" ހަރަކާތުން ހުށަހަޅާފައިވަނީ ތިރީގައިވާ ހުށަހެޅުމެވެ.

ގައުމީ ތަސައްވުރު

މައްސަލަ: 

ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު، ކޮންމެ ފަސް އަހަރަކުން ސަރުކާރާއިއެކު ބަދަލުވަމުންދެއެވެ. ގައުމީ ތަރައްގީގެ ތަސައްވުރެއް ނެތި، ދިގުރާސްތާގެ ޕްލޭނެއްނެތި، ހަރަދު ބޮޑު ބިޔަ މަޝްރޫއުތައް ސިޔާސީ ބޭނުމަށް ސަރުކާރުތަކުން ތަންފީޒު ކުރެއެވެ. އަދި އަތޮޅުތަކުގައި ސިޔާސީ ބޭނުމަށް ބައެއް މަޝްރޫއުތައް ސަރުކާރުތަކުން ދަނީ ހިންގަމުންނެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ވަސީލަތްތައް އިސްރާފުވެ، ދައުލަތުން ކުރާ ހޭދައިން ގައުމަށް ލިބެންޖެހޭ ކުރިއެރުން ނުލިބެއެވެ.

އެދޭ ރާއްޖޭގެ ހުށަހެޅުން:

  1. ކައުންސިލްތަކާ، މަދަނީ މުޖުތަމައު އާއި، ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު ފަރުމާކޮށް ގައުމީ ތަރައްގީގެ ތަސައްވުރާ ޕްލޭންއެއް އެކުލަވާލާ، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން.
  2. މިގޮތަށް އެކުލަވާލާ ޕްލޭންއަކަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދައިގެން.

ނަތީޖާ: 

މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ފިކުރެއްގެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހިވާނެއެވެ. ހަމަ އެހެންމެ، ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހަނި ކުރެވިގެންދާނެއެވެ.

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް