ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އުފަލުގައި އެއާޕޯޓުގެ މަތީގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯ
ތަރައްގީ ކުރާނެގޮތުގެ އެއް ކުރެހުމަކާ މެދު އެއްބަސްނުވި ލީޑަރުންގެ 60 އަހަރު!؟
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރަން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކި މީހުން އެކި ދިމާލަށް ގޮސްގެން ގައުމެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ މިނިވަންކަން ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެހެން ނޫނީ މިނިވަންކަމެއް ނޯންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
Advertisement

ތެދެކެވެ. "އެކި މީހުން އެކި ދިމާލަށް ގޮސްގެން ގައުމެއް ނޯންނާނެ" އެވެ. މިއަދު ދިވެހި ގައުމުގެ ކޮންމެ ސަރަހައްދަކުން ފެންނަ ކޮންމެ މަންޒަރެއް ވެސް ބުނެ ދެނީ މި ހަގީގަތެވެ. ދިވެހިންގެ މިނިވަން ކަމުގައި 60 އަހަރު ވެގެން ދިޔައިރު ދިވެހި ގައުމާއި ހަވާލުވި ރައީސުންނަށް ކުރަން ނުކެރުނީ ނުވަތަ ނުކުރީ ވެސް ގައުމު އެއް މިސްރާބަކަށް ގެންދިއުމެވެ. ދިވެހި ރައީސުންނަށް ނުވަތަ ސިޔާސީ ލީޑަރުންނަށް މިސްރާބަކަށް އަބަދު ވެސް ވަނީ ދެ ވަނަ ދައުރެކެވެ. ނުވަތަ އެއަށްވުރެ ވެސް ގިނަ އަހަރުތަކެއްގައި ވެރިކަމުގައި ހުންނެވުމެވެ.

މި ހަގީގަތުގެ މައްޗަށް ބުރަވާއިރު ފެހި ގާނޫނު އަސާސީން ލިބުނު "ފުޅާ މިނިވަން" ކަމާ އެކު ވެސް ފާއިތުވި 16 ވަރަކަށް އަހަރުގައި ވެސް ރާއްޖޭ ގެންދިއުމަށް ސިޔާސީން މަސައްކަތް ކުރީ އެމީހުންނަށް ނުވަތަ އެމީހަކަށް މޮޅުވާނެ ދިމާލަށެވެ. އެ މޮޅުގައި ގައުމަށް ދައުލަތައް އަދި ރައްޔިތުންނަށް ލިބޭނެ މޮޅެއް އޮތިއްޔާ ވެސް އޮތީ ސަފުގެ އެންމެ ފަހަތުގައި އެވެ.

މިހާރުގެ ސިޔާސީ ވެރިން ގައުމީ މުހިންމު ކަންކަމުގައި ވެސް ގޮތް ނިންމަނީ ސިޔާސީ ހަރުގެ ޖަލްސާތަކުން ނެވެ. ބައެއް ފަހަރު އެއް ސިޔާސީ ވިސްނުމުގެ ގިނަ މީހުން އަރާ އުޅޭ ރެސްޓޯރެންޓް މޭޒުމަތިން ނެވެ. މިހެން ކަންކުރުމުގެ ގޯސް ނަތީޖާ މިއަދު މިދަނީ ފެންނަމުން ނެވެ. ގައުމީ ތަރައްގީގެ ދުރު ރާސްތާ ޕްލޭންއެއް ނެތެވެ. އެމީހަކާ އެ މީހެކެވެ. ގާނޫނު އަސާސީގެ މާއްދާ ހަތަރެއް ގައި ބުނާ "ރައްޔިތުންގެ ބާރު" ވެސް އޮތީ "ޕެރެލައިޒް" ކޮށްލައިފަ އެވެ.

ނަތީޖާ އަކީ މިނިވަން ކަމަށް 60 އަހަރު ފުރުނު އިރުވެސް ދިވެހިން ތިބީ އަދި ވެސް ސިޔާސީ އިސްތިއުމާރެއްގައި އެވެ. އިގްތިސޯދީ މިނިވަން ކަމެއް ނެތެވެ. ކާބަފައިން ދެއްކި ގައުމީ ޖޯޝެއް ފޯރިއެއް މިއަދު ނުފެނެ އެވެ. ގައުމު ބައިބައިވީލެއް ބޮޑުކަމުން އެއްގެއެއްގެ ވަށާފާރު ބޯޑަރުގައި ވެސް ހުރީ ސާފު ދެކުލައިން ފަވާފަ އެވެ.

"ގައުމީ ލޯބި އިސްކުރެވޭނީ ވެސް ފަރުދީ ގޮތުން ތިމަންނަ މަސައްކަތްކޮށްފިއްޔާ އެކަނިކަން ގައުމުގެ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށް ފޯރިކޮށްދޭނީ ގަބޫލުކޮށްގެން، އަޅުގަނޑުގެ މައިގަނޑު މެސެޖަކީ، އިލްތިމާސްއަކީ، ދެންނެވުމަކީ އެއީ،" ގާތްގަނޑަކަށް ހަތް މިނެޓަށް ދެއްވި ތަގުރީރުގައި ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ.

މިއަދުގެ ސިޔާސީ ހަގީގަތަކީ ގައުމީ ލޯބީގެ ކުރިމަތީ ސިޔާސީ ލޯބި ގަދަ ކުރުވީ އެވެ. ސިޔާސީ ބޭނުމަށް ގައުމު ހަވަރަށް ދިނީ އެވެ. ވެރިކަން ހޯދުމަށް ފިތުނަ އާއި ދޮގު ވާހަކަތަކުން ގައުމު ހަރާބު ކުރީ އެވެ. އެއް މިސްރާބަކީ ޕާޓީގެ މިސްރާބު ކަމަށް ކަނޑައެޅީ އެވެ. ރައްޔިތުންނަކީ ޕާޓީ މީހުން ކަމަށް ނިންމީ އެވެ. ވެރިކަން ކުރަނީ ޕާޓީ މީހުނަށްޓަކާ ކަމަށް ފާޅުގައި ކަރަށް ބާރުލާ ބުނަން ފެށީ އެވެ. މިއަދު މި ފެންނަނީ މި ސިޔާސީ ހަގީގަތުގެ ކަޅުވިލާގަނޑުގެ ދަށުގައި ރާއްޖެ ތާށިވެފައި އޮތް ތަނެވެ.

ގައުމީ ފިކުރަކާއި ގައުމީ ތަރައްގީއެއް ނެތި އަދި ރައްޔިތުންނަކީ މާލީ މިނިވަންކަމެއް ނެތް އަދި ސިޔާސީ ބާރުވެރިކަމެއް ނެތް މަގުމަތިވެފައިވާ ބަޔަކަށްވެ، ސިޔާސީން ހަރުމުދަލަކަށް ގައުމު ހަދާލައިގެން އުޅޭ އުޅުން ބަދަލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ ސީދާ ބާރުވެރިކަމެއް ލިބިދޭގޮތަށް ދައުލަތުގެ އޮނިގަނޑު ބަދަލުކޮށް، ފަސް އަހަރުން އެއް ފަހަރު ލިބޭ ފަޅި ސިކުންތުގެ ބާރުގެ ބަދަލުގައި ރައްޔިތުންގެ ބާރު ދާއިމަށް ހޯދައި، ގައުމަށް ކުރިމަތި ކުރަމުންދާ އެ ފަދަ ކަންކަން ހައްލުކޮށް ގައުމުގެ މިސްރާބު އެއް އަމާޒަކަށް ގެންދިއުމަށް މިފަހުން "އެދޭ ރާއްޖޭ" ނަމުގައި ހަރަކާތެއް ފަށައި، އެ ހަރަކާތުން ވަނީ ގައުމީ ޑައިލޮގްއަކަށް ގޮވާލާފަ އެވެ. 

އެންމެން އެއް ވިސްނުމެއްގައި ތިބެގެން ގައުމުގެ ވާހަކަ ދެއްކުމަށެވެ. ގައުމުގެ ދުލުން ގޮވާލާ ގޮވާލުންތަކުގެ އަޑު އެހުމަށެވެ. ގައުމީ ނައުގެ ހުންގާނު އެއް މިސްރާބަކަށް ހިފުމަށެވެ. ގައުމީ އެކުވެރިކަން މަތީ ތިބެގެން ސަލާމް ކުރުމަށެވެ.

ބޭނުމަކީ ކޮންމެ ވަގުތަކު ވެސް ރައްޔިތުންގެ ބާރު ބޭނުން ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައި ދިނުމެވެ. އެންމެން އެއް ވިސްނުމެއްގައި ތިބެގެން ރާއްޖޭގެ ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށެވެ. އެ ކަމަށް ބޭނުންވަނީ ރާއްޖެ ތަރައްގީކޮށް ހިންގަން އެކަށައަޅާނެ ގައުމީ ތަސައްވަރެކެވެ. އަދި އެ ތަސައްވަރު ހާސިލު ކުރުމަށްޓަކައި ދުރު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެކެވެ. އެ ޕްލޭން ވާން ޖެހޭނީ ހުރިހާ ކުލަ އަކާއި ހުރިހާ ފިކުރަކާއި ހުރިހާ ވިސްނުމަކާއި އިލްމީ އަދި ފަންނީ ތަޖުރިބާކާރުންގެ ބައިވެރިކޮށްގެން ހަދާ އެއްޗަކަށެވެ.

ހިންގުމުގެ ދާއިރާގެ މުހިންމު ތަޖުރިބާކާރެއް ކަމުގައިވާ މުހައްމަދު ނަޒީފު ވިދާޅުވާ ފަދައިން ސަރަހައްދީ ތަރައްގީއަށް ގޮސްގެން ނޫނީ ރާއްޖެ އަށް މުސްތަގުބަލެއް ނެތެވެ. އަދި ތަރައްގީގެ ދުރު ރާސްތާ އަށް ވިސްނާއިރު މިހާރުއޮތް އަތޮޅު ތަކުގެ "އެތުރުން" ބަދަލުވާން ޖެހެ އެވެ. 

"އެއް ބަޔަކު ތިބެގެން ޕްލޭން ހެދީމާ ދިމާވާ މައްސަލަތައް ގިނަކަން ގަބޫލްކޮށް މިކަމަށް ފުޅާ ދާއިރާގައި ފަންނީ މީހުން ބައިވެރިކޮށްގެން މުސްތަގުބަލްގައި ރާއްޖެ އޮންނަށްވީ ގޮތް ކަނޑައަޅަން ޖެހޭ" ނަޒީފު ވިދާޅުވި އެވެ.

ނަޒީފު ވިދާޅުވީ ސަރުކާރުތަކުގެ ވިސްނުން އަދި ވެސް ހުރީ ވަސީލަތްތައް އެއްތަނަކަށް ޖަމާކުރަން ކަމަށާއި ލެގެސީ އަކަށް ކުރާކަމަކީ ތަންތަން ހިއްކުން ކަމަށެވެ. ނަޒީފް އިތުރަށް ވިދާޅުވީ ސަރަހައްދީ ތަރައްގީއަށް ގޮސް ރާއްޖޭގައި ހުރި ރިސޯސްތަކަކީ ކޮބާކަން ދެނެގަނެވެން ޖެހޭ ކަމަށާއި އަދި ކޮންތާކު ހުރީ ކޮންވަސީލަތެއްތޯ ބަލާ މިހުރިހާ ވާހަކަތަކެއް އެއް މޭޒަކަށް ގެނެސް ފުޅާ ދާއިރާއެއްގައި އިލްމީ ބަހުސް ކުރުން މުހިންމު ވެއްޖެ ކަމަށެވެ.

ހަގީގީ ތަރައްގީއަށްޓަކައި އެ މަގުން ހިނގަން މަޖުބޫރެވެ. ބޭކަރު ހަރަދުތައް ހުއްޓާލަން ޖެހެ އެވެ. ކޮންމެ ރައީސަކަށް ގައުމެއް ބިނާ ކުރަން މިހާރު މި ކުރާ ބޮޑު ހޭދަ ހުއްޓާލަން ޖެހެ އެވެ. ކޮންމެ ރައީސެއްގެ ލެގަސީ ދެމެހެއްޓުމުގެ އަޒުމުގައި ރައީސުން ހިންގާ ދެ ކޮޅު ނުޖެހޭ މަސައްކަތްތަކާއި ހޭދަތައް ހުއްޓާލަން ޖެހެ އެވެ. އެހެން ނޫން ނަމަ ގައުމަށް ލިބޭ ގެއްލުން ބިލިޔަނުން ގުނާލަ ގުނާލަ ތިބެން ޖެހޭނެ އެވެ. 

ކުރާ ހޭދަ އާ އެއްވަރުގެ ތަރައްގީއެއް ނުލިބި ގައުމު ދަރުވާލާފައި ދަރަންޏަށް ޒިންމާވާން ނުޖެހޭ ރައީސުން ގައުމު ހަލާކުގެ މަގަށް ގެންދާ ގެންދިއުން ނިމުމަކަށް ގެންނަށް ޖެހެނެ އެވެ. އެ މަގަށް ރާއްޖެ ގެންދެވޭނީ ރާއްޖެ އޮންނާނެ ގޮތެއް ކަނޑައަޅައިގެންނެވެ. އެކަން ކުރަން ޖެހޭނީ އެކަކު ނުވަތަ އެއް ރައީސަކު ނުވަތަ އެއް ޕާޓީއަކުންނެތް ނޫނެވެ. އެކަން ކުރަން ޖެހޭނީ ހުރިހާ ފިކުރަކާއި އެންމެންގެ ބައިވެރިވުމާއެކު އިލުމީ ދިރާސާތަކާއި ތަޖުރިބާކާރުންގެ ތަޖުރިބާއަށް ވެސް ބަލައިގެންނެވެ.

އެކަން އެ މަގަށް ރާއްޖެ ގެންދިޔުމަށް މިދިޔަ މަހު ފެށި އެދޭ ރާއްޖެ ހަކަރާތުން ވަނީ ގައުމީ ތަރައްގީގެ ތަސައްވަރަކާއި ގައުމީ ތަރައްގީގެ ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައިގެން ނޫން ގޮތަކަށް ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ގޮވާލާފަ އެވެ.

"އެދޭ ރާއްޖެ" ހަރަކާތުން ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ކަށަވަރު ކުރުމަށް ގާނޫނުއަސާސީގައި ހިމެނުމަށް ހުށައަޅާ ކަންކަމަކީ:

  • ރައްޔިތުންގެ ބާރު
  • ރައްޔިތުންގެ މަޖިލީސް ތަރުތީބު ކުރުން
  • ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ދިގުރާސްތާގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުން
  • އަތޮޅު ހިންގުމަށް މިހާރަށްވުރެ އިތުރަށް ބާރުތައް ދޭން ލިޔުން
  • އަދުލު އިންސާފުގެ ދާއިރާ އިތުރަށް މިނިވަން ކުރެވޭނެ ގޮތެއް ގާނޫނުއަސާސީގެ ތެރެއިން ހޯދުން
  • އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުން
  • އަތޮޅު ހިންގުން ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުން
  • ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުން
  • މިނިވަން ބަންޑާރަ ނައިބެއް ހޯދުން
  • ސިޔާސީ ޕާޓީތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުން
  • ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުމުގެ އިންތިޒާމެއް ހަމަޖެއްސުން 
  • ސަރުކާރު ރޯލް ސާފުކޮށް ލިޔުން
  • ގާނޫނުއަސާސީ އާ ހިލާފުވާ ދައުލަތުގެ އިސް ހިންގުންތެރިން ކަމަށްވާ ހުވާކޮށްގެން މަގާމާ ހަވާލުވާ މީހުންނަށް ހާއްސަ އަދަބެއް ކަނޑައެޅުން
  • ސިޔާސީ މަގާމަށް މީހުން އައްޔަނު ކުރެވޭނެ އަދަދު ކަނޑައެޅުން
  • ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމު އަލުން ތަރުތީބުކޮށް، ސަރުކާރާއި މުޅިން ވަކިން މިނިވަންކަމާއިއެކު ދައުލަތުގެ އެސެޓްތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުން
  • ހިންގުން ހަރުދަނާވާނެ އޮނިގަނޑެއް ގާނޫނުއަސާސީން ބާރު ލިބިގެން އުފެއްދުން

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.  

އެދޭ ރާއްޖޭގެ ހުށަހެޅުން އާންމުކޮށް އެކަމަށް ގޮވާލާފައިވާ އިރު، ރައީސް މުއިއްޒު މިއަދު ދެއްވީ ތަގުރީރުގައި ހަމަ އެ ބީދައިން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. ނަމަވެސް ސުވާލަކީ ގައުމީ ތަސައްވަރާއި ދުރު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް ހެދުމުގެ މަސައްކަތް މިދިޔަ 17 އަހަރު ތެރޭގައި ނުކޮށް، ފަސް ޖެހެނީ ކީއްވެތޯ އެވެ. ހުރިހާ ބައެއްގެ ބައިވެރިވުމާ އެކު އެކަން ކުރާނެ ވަރުގެ ހިތްވަރު ހުރި ރައީސަކާއި ސިޔާސީ ލީޑަރުން ނެތީތޯ އެވެ. ނުވަތަ އެ ފަދަ ކަމެއްގެ މައްޗަށް ބިނާ ކުރަން ފަށައިފިނަމަ ވެރިކަން ކުރަން އަންނަ މީހުންނަށް ލިބޭ ކަމަށް ރަށު ތެރޭގައި ގޮވާ ނުހައްގު މުއްސަނދި ވުމަށް އޮތް ފުރުސަތު ގެއްލެނީތޯ އެވެ. ނުވަތަ ރައްޔިތުންގެ ވަސީލަތް ބޭކާރުގޮތުގައި ހޭދަ ކުރުމުގެ ޝައުގުވެރިކަން ވެރިކަމަށް އަންނަ ބޭބޭފުޅުންގެގައިގައި ހުންނަނީތޯ އެވެ.

ސިޔާސީ ލީޑަރުންނާއި ވެރިކަމަށް އަންނަ މީހާއަށް މިހާރު އެނގެންވި ކަމަކީ ރާއްޖެ ތަރައްގީ ކުރަން ޖެހޭނީ އެއް މިސްރާބަކަށް އެއް ލަނޑުދަނޑިއެއް ހާސިލު ކުރެވޭނެ ގޮތަށް ކަމެވެ. އެކަންކަން ހާސިލު ކުރުމަށް މަސައްކަތް ހިންގާނެ މަގު ތަފާތުވުމަކީ މައްސަލައަކަށް ނުވާނެ އެވެ.

މިހާރު ގެންދާ އުސޫލުން އެއް ފަސް އަހަރު މާލެ އަށް ބިލިޔަނުން ހަރަދުކޮށް ހަދާއިރު ޖެހިގެން އަންނަ ފަސް އަހަރު މުޅި މަންޒަރު ބަދަލުވާނެ އެވެ. ނަތީޖާ އަކަށް ވަނީ ދިވެހި މީހާ އަށް ތަރައްގީ ލިބުން ލަސްވެ އެމީހުންގެ ވަސީލަތުން އެންމެ ފުރިހަމަ މަންފާ ރައްޔިތުންނަށް ހޯދައި ނުދެވުމެވެ. އެއީ މިދިޔަ މިނިވަންކަމުގެ 60 އަހަރުގެ ވެސް ތަޖުރިބާ އެވެ. ނަތީޖާ އަކަށްވެގެން މިދަނީ 60 އަހަރުގެ މިނިވަންކަން ފާހަގަ ކުރާއިރު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށްވެފައިވުމެވެ. އެ ކަމުގެ ސަބަބުން މިނިވަންކަމުގެ އުފާވެރިކަން އިހްސާސް ކުރާނެ ހިތްވަރު ނެތި ހާސްކަމުގައި އުޅެން ޖެހުމެވެ.

މިނިވަން ކަމުން އަޅުވެތިކަމަށް ދާނަން ހޭ ނުދާނަމޭ ބުނާނެ ސިޔާސީ ލީޑަރުން މަދު ވުމުގެ ހިތި ރަހަ މިއަދު ދިވެހި ގައުމުގެ އަރުތެރޭ އެހުރީ ލާފަ އެވެ. މިކަމުން ސަލާމަތްވެ ދިވެހިން "އެދޭ ރާއްޖެ" ހޯދުމަށް އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކަށް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އެދޭ ރާއްޖެ ޓީމުން އަންނަނީ ގޮވާލަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް