ads
ސައިން ލޭންގުއޭޖް ބޭނުންކޮށްގެން ބަޔަކު ވާހަކަ ދައްކަނީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިން ލެންގުއޭޖްގެ ސެޓްފިކެޓް ލެވެލް ކޯހެއް ފަށަނީ
ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް އިޝާރާތް ބަސް (ސައިން ލެންގުއޭޖް)ގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފަށަން ތައްޔާރުވެއްޖެ ކަމަށް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ
Advertisement

އެ މިނިސްޓްރީން ބުނީ މި ކޯހަކީ އެ މިނިސްޓްރީގެ އިސްނެގުމުގެ މަތިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެ ޔުނިވާސިޓީއިން ފަށާ ކޯހެއް ކަމަށެވެ. 

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުވެ އުޅޭ، އަދި ހިދުމަތް ހޯދުމުގައި ވެސް އެ ފަރާތްތަކަށް ފަސޭހަކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ.މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައި ކަމަށް އެ އިދާެރާއިން ފަހަގަ ކޮށްވެފައިވެ އެވެ.  

އެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުއާމަލާތުކުރުމަށް ބޭނުންކުރާ ސައިން ލޭންގުއޭޖް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމާއި، ސައިން ލެންގުއޭޖް މުއާމަލާތުކުރުމަކީ އަހުލުވެރި ކަމަކަށް ހެދުމުގެ އަމާޒުގައި މިނިސްޓްރީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށާއި އެގޮތުން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުއާމަލާތުކުރުމަށާއި، އެހެން ފަރުދުންނެކޭވެސް އެއްގޮތަށް ސަރުކާރުގެ އިދާރާތަކުން ހިދުމަތް ހޯދުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީއިން ވަނީ އޮންލައިން ސައިން ލެންގުއޭޖް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ކަމަށް އެ މިނިޓްރީން ވަނީ ހާމަކޮށްފައި އެވެ.

މި ޕްރޮގްރާމުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުންނާއި، މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 130 އަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވެ ކޯސް ފުރިހަމަކޮށްފައި ވެއެވެ.

އެ މިނިސްޓްރީން ބުނީ އޮންލައިން ސައިން ލޭންގުއޭޖް އެޑްވާންސް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ތައްޔާރީތައް ވަމުންނެވެ. 

ސައިން ލެންގުއޭޖް ސެޓްފިކެޓް ލެވެލް 3 ގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ގައުމީ ޔުނިވާސިޓީން ވަނީ ހުޅުވާލާފައި ކަމަށާއި 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ޖީސީއޯލެވެލް ހަދާފައިވާ އަދި ސެޓްފިކެޓް ލެވެލް 2 ފުރިހަމަކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.  

ސައިން ލެންގުއޭޖް ކޯސް ފުރިހަމަކޮށް، ގިނަ ބަޔަކު ސައިން ލޭންގުއޭޖަށް އަހުލުވެރިވަމުން އަންނަކަމުގައި ވާނަމަ، ސައިން ލޭންގުއޭޖަކީ ހަމައެކަނި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާ މެމްބަރުން ބޭނުންކުރާ އެއްޗަކަށް ވެފައި އޮތުން ނިމުމަކަށް އައިސް، މުޖުތަމައުގެ އެހެން މީހުންނެކޭ ވެސް އެއްގޮތަށް އަޑުއުވިއުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުއާމަލާތުކުރުމުގަޔާއި، ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވެ އުޅުމާއި، ހިދުމަތްތައް ހޯދުމުގައި އަދި މުޖުތަމައުގެ ކަންކަމުގައި ބައިވެރިވެ އުޅުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށާއި އެއްވެސް ފަރުދަކު ބާކީނުވެ އެންމެން ޝާމިލުވާ، އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ވެސް މިފަދަ ކަންކަމުން ވަރަށް ބޮޑަށް ބާރުލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް