
އެ މައްސަލައާއި ގުޅިގެން ޔާމީން އެޗްޑީސީން ކަނޑާލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުންވަނީ އެޗްޑީސީއަށް އަންގާފައެވެ. އެކަމަކު އެޗްޑީސީން، އޭނާއަށް ވަޒީފާ ނުދީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. އެކަމަކު ހައިކޯޓުން އެ މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ކަނޑަނާޅައެވެ.
ހުޅުމާލެއިން، ބިންވެރިޔާ ސްކީމުގެ ދަށުން ނުހައްގުން ގޯތިތަކެއް ދިން ކަމުގެ ތުހުމަތުތަކެއް ފެންމަތިވީ މިދިޔަ އަހަރު ފަހުކޮޅުއެވެ. އެ މައްސަލަ ފެންމަތިވުމުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެއީ، އޭނާގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ކުރީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދުގެ ޝަރުތު ހަމަނުވި ނަމަވެސް އޭނާއަށް ގޯއްޗެއް ދީފައިވާ ކަމަށް، ސޯޝަލް މީޑިއާގައި އާންމުވެފައިވާ މައްސަލައާވެސް ގުޅިގެންނެވެ.
ނުހައްގުން ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ފެށިއިރު، އެ މައްސަލައިގައި އެޗްޑީސީގެ 15 މުވައްޒަފަކު މަގާމުން ވަކިކުރިއެވެ.
އޭގެ ތެރެއިން، ޔާމީން މަގާމުން ވަކިކުރީ، މި އަހަރުގެ ކުރީކޮޅެވެ. އޭނާއާއެކު އެ ކުންފުނީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދުވެސް މަގާމުން ވަކިކުރިއެވެ. އެ މައްސަލަވެސް އޮތީ ޝަރިއަތުގައެވެ.