
2022 ވަނަ އަހަރުތެރޭގައި، ރަން ކުލައިގެ އެޕަލް މެކްބުކް އެއަރއެއް ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ސ. ހިތަދޫ ބްލޫކްރެސްޓް ހުސެއިން ޝާހްގެ މައްޗަށެވެ.
އެއީ، 2022 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު، މެންދުރު ފަހު، ފަރީދީމަގުގައި ހުންނަ ފޯކަސް ކޮމްޕިއުޓަރސް ފިހާރައިން، ރަން ކުލައިގެ މެކްބުކް އެއަރއެއް ވަގަށް ނެގި މައްސަލައިގައެވެ. ދައުލަތުން ހުސެއިން ޝާހްއާ ދެކޮޅަށް އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރީއަތުގައި ޝާހްވަނީ މެކްބުކް އެއަރއެއް ވަގަށް ނެގި ކަމަށް އިއުތިރާފުވުމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މި މައްސަލައިގައި ޝާހުގެ މައްޗަށް އިއްވަން އޮތް ހުކުމަކީ، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ކުށަށް އިއުތިރާފުވުމުން، އަދަބުގެ އެއް ދަރަޖަ ލުއިކޮށް، ޝާހުގެ މައްޗަށް އިއްވާފައިވަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.