
އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ހެންވޭރު ދަނޑުގައި ސްޓާފް ޑިނާ ނައިޓެއް ވަނީ ބާއްވާފައި އެވެ. މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ އިސްވެރިންނާއި ކުންފުނީގެެ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރ މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންފައިވާއިރު، މި ރަސްމިއްޔާތުގައި ކުންފުނީގެ ސީއީއޯ ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާންގެ އިތުރުން، އެމް.ޕީ.އެލްއަށް ކުރިން ހިދުމަތް ކޮށްދެއްވާފައިވާ ބައެއް ކުރީގެ ސީއީއޯއިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ރަސްމީޔާތުގައި އެ ކުންފުނިން އަލަށް ތައާރަފުކުރާ ކޯޕަރޭޓް މެގަޒިން "އުޅަނދު ޖަރނަލް" ލޯންޗުކޮށްފައިވެ އެވެ. މި މެގަޒިނަކީ ކޮންމެ ތިން މަހަކުން އެއްފަހަރު ނެރޭ، ރާއްޖޭގެ މެރިޓައިމް ދާއިރާއާ ގުޅޭ ތަފާތު މުހިންމު މައުލޫމާތުތައް ހިމެނޭ މެގަޒިންއެއް ކަމަށާއި އާންމުންނަށްވެސް ހުޅުވާލައިގެން ލޯންޗުކުރެވުނު މި މެގަޒިން ކިޔުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެމް.ޕީ.އެލްގެ ވެބްސައިޓް މެދުވެރިކޮށް މި މެގަޒިން ކިޔާލުމުގެ ފުރުސަތު ވަނީ ހުޅުވިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޕީއެލްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން
އެ ރަސްމިއްޔާތުގައި ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ މުވައްޒަފުންނަށް ހާއްސަ އެވޯޑުތަކެއް ދީފައިވާ ކަމަށާއި އެގޮތުން ރައިޒިން ސްޓާފް އެވޯޑް، އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރޝިޕް އެވޯޑް އަދި ޓޮޕް 10 ސްޓާފް އެވޯޑް ހިމެނޭ ކަމަށް އެ އެމްޕީއެލުން ބުނެފައިވެ އެވެ.
މީގެއިތުރުން ބެސްޓް ޑްރެސްޑް އަންހެން އަދި ފިރިހެން ސްޓާފަށް އެވޯޑް ދީފައިވާ ކަމަށް އެ ކުންފުނިން ފާހަގަ ކޮށްފައިވެ އެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ބައިވެރިވެވޭނެހެން ލަކީ ޑޮރޯ ވަނީ ހުޅުވި އިރު މި ލަކީ ޑްރޯއަށް، އެކި ކުންފުނިތަކުން އަގުހުރި ބޮޑެތި އިނާމުތަކެއް ހުށަހެޅި ކަމަށާއި އެގޮތުން ދެ މުވައްޒަފަކަށް ހިލޭ އުމްރާ ދަތުރު، އަދި ވިލާ ނޯޓިކާގެ ފަރާތުން ދެ ފަރާތަކަށް އެއްރޭގެ ސްޓޭއި، ސްރީލަންކާއަށް ދެކޮޅު ޓިކެޓް އަދި މިނޫންވެސް އަގުހުރި ގިނަ އިނާމްތަކެއް ހިމެނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.