ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މ. މުލަކަށް ވަޑައިގެން އެ މަނިކުފާނު ވަނީ، "މޯލްޑިވްސް 2.0"އާ ގުޅޭ ގޮތުން ވާހަކަދައްކަވައިފަ އެވެ.
"މޯލްޑިވްސް 2.0"އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސްގެ ގައުމީ ތަސައްވުރެވެ. އެއީ ސަރުކާރުން ހިދުމަތްކުރާ ގޮތާއި އިގްތިސާދު ކުރިއަރަމުންދާ ގޮތާއި އާންމު ހިދުމަތާއި ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެއް ކަމަށް ސަރުކާރުން ބުނެއެވެ.
ކުރިން ރައީސް ވިދާޅުވީ، ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ނިމުމުން ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ވަޒީފާ އަދާކުރާނީ އެ މުވައްޒަފަކު ހުރި ތަނެއްގައި ހުރެ، "ވޯކް ފްރޮމް ހޯމް" އުސޫލުން ކަމަށެވެ.
ރައީސް ވިދާޅުވީ އެ ތަސައްވުރުގެ ބޭނުމަކީ ދައުލަތުން ރައްޔިތުންނަށް ޚިދުމަތް ދެނީ ދެފުށް ފެންނަ ގޮތެއްގައިކަން ޔަގީންކުރުމާއި ކޮރަޕްޝަން ނައްތާލުން ކަމަށެވެ
ރައީސް މިރޭ އިތުރަށް ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނުމަށް ޓަކައި ކޮންމެ ރަށެއް ތަރައްގީވާން ޖެހޭނެ ކަމަށެވެ. ތަރައްގީ ވާންޖެހޭނީ ހުރިހާ ދާއިރާއަކުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޑިޖިޓަލައިޒްކުރުމުގެ އެއް ބޭނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރުކުރުމެވެ. ހިދުމަތްދެނީ އެންމެ ހަލުއި މިނުގައި ކަން ކަށަވަރުކުރުމާ އެކު އެފިޝަންޓްކޮށް، ކޮރަޕްޝަން ހުއްޓުވުމުގައި ޑިޖިޓަލައިޒް ކުރުމުގެ ބޭނުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.