މޭދަށުގައި ދެއަތް ހުރަސްކޮށްފައި ފުން ނޭވާއަކާއެކު އަމާރާގެ ދެލޯ މަރައި ތަގުޅިކޮށްލި އެވެ.
ކަނދުރާގެ އިސްތަށިތައް ކޮޅަށް ޖެހިގެންދިއުމަށް ސިކުންތެއްވެސް ނުނެގި އެވެ.
ކަންފަތުގައި ޖެހުނީ، ފޯނުގެ 'ބަޒް'އަޑެވެ.
ހުރި ފިޔަވަޅުމަތީން ފުންމައިގެން ދެވެވުނު އިރެއްވެސް ނޭގުނެވެ.
އަތުގައި ފޯނު އޮތީ 'އަންލޮކް' ކުރެވިފަ އެވެ.
ލިބިފައިވަނީ އިންސްޓާ ނޮޓިފިކޭޝަނެކެވެ.
ޝައްޔާންގެ ފޮޓޯގައި، ހުދުކުލައިގެ ތައްޓެއްގެ ތެރޭގައި އިނީ 'ކަޕްކޭކް'އެކެވެ.
'މިސިންގ މައި ފޭވަރިޓް ސްނެކް' ޝައްޔާން ލިޔެފައިވޭ އެވެ.
ޕޯސްޓްކޮށްފައިވާ ފޮޓޯއާއި ލިޔެފައިވާ ލިޔުމަށް ތަކުރާރުކޮށް ބަލައިލެވުނެވެ. ދެބުމަ ދޭތެރެއަށް ރޫއަރުވާލާފައިވެސް ބަލައިލެވުނެވެ. ވަގުތު ބޭކާރުނުކޮށް ޝައްޔާން އަށް އަމާރާ މެސެޖްކޮށްލި އެވެ.
އަމާރާ:'ކަޕްކޭކް ޝައްޔާންގެ ފޭވަރިޓް ސްނެކް'އަށް ބަދަލުވީ ކޮން އިރަކު..؟'
ސިކުންތެއް ތެރޭގައި ޖަވާބުވެސް ލިބިއްޖެ އެވެ.
ޝައްޔާން:'އަހަރެންގެ އަމާރާ، އަހަރެންގެ ކަޕްކޭކްއަށް ބަދަލުވި ދުވަހުން ފެށިގެން!"
އަމާރާ:'ވަޓް!؟'
ޝައްޔާން:'ހެޔޮވަރު ވަރަކަށް ފޮނި، މަޑުކަމުން ސްޕޮންޖްކޮޅެއްފަދަ..! އަބަދުމެ އެންމެ ތާޒާ..! ގަޔާއި ދުރަށްލުމަށް ހިތް ނޭދޭ..!'
ޝައްޔާންގެ ޖަވާބު، އަމާރާއަށް ކިޔުނީ ކިތަށް ފަހަރުކަމެއް ނޭގެ އެވެ.
ބުނަން އުޅެނީ ކީކޭކަމެއް، މާނަ އެކުރީ ކާކުގެ ކޮން ހާލަތަކަށްކަމެއް އަމާރާ ނިންމާނީ ކިހިނެއް ހެއްޔެވެ؟
ދެފައި ވައްކޮށްފައި އެނދުމަތީ އިށީނެވެ. ބާރަށް ތެޅެމުންދިޔަ ހިތުގައި އަތް އެޅުނީ ކީއްވެކަމެއް ނޭގެ އެވެ.
ޝައްޔާންގެ އެ ސިފަކުރުމަށް، ރުޅިއަންނާންވެސް އަމާރާ ބޭނުމެވެ. އިތުރަށް ތަފްސީލަށް އެދެންވެސް ބޭނުމެވެ. ދުވަހެއްގައިވެސް އަމާރާއާއެކު ޝައްޔާން 'ކަޕްކޭކް' ކެއި ހަނދާނެއް ނެތެވެ! ހިތާއި ސިކުނޑީގައި އުފެދުނީ ނުތަނަވަސް އިހްސާސެއްކަމެއް ނުވަތަ ގަޑުބަޑު އޮއެވަރެއްކަމެއް ނޭގެ އެވެ.
މޮޔައެއް ފަދައިން ހިނިތުންވެވިއްޖެ އެވެ. ޝައްޔާންގެ މާނަ، އެހެން މިސްރާބަކަށް ނުދާނެކަން ޔަގީންކޮށްފަ އެވެ!
އަމާރާ:"ސްޕޮންޖްކޮޅެއްފަދަ މަޑުމަޑު ކަޕްކޭކް ކާލާ! މާނައެއް ނެތް ޑްރާމާއެއްގައި މިފަދަ ގަޑިއެއްގައި ޒުވާންހިއްތަށް ތަޅުވަން ނޫޅޭ!"
ޝައްޔާން:"ޔޫ މިސް މީ، ޑޯންޓް ޔޫ؟"
ކީބޯޑްގައި އަމާރާގެ އިނގިލިތައް ތައްލެވީއެއް ނޫނެވެ. ހިނިއައިސްފައި ފޯނަށް ބަލަހައްޓައިގެން އިނީ ޝައްޔާންގެ ޖުމުލައިގައި އިނގިލިތަކުން ފިރުމާލާށެވެ.
ހިތަށް އެރި އެވެ. ތެދެކެވެ! 'މިސް'ވުމަކީ މިއީ ހެއްޔެވެ؟ ކެއުމެއް ބުއިމެއްނެތި، ރޭދުވާ އެމީހެއްގެ ހަނދާންތަކުގައި ހޭދަވެ ނިމެނީ އެވެ. އަމިއްލަ އިހްތިޔާރެއް ނެތެވެ. ހިނިތުންވެލާނެ ހަކަތައެއްވެސް ނެތެވެ. މިއަށް ކިޔަނީ ދީވާނާ ވުމެއް ނޫންބާ އެވެ؟ ޝައްޔާންގެ ކުރު އެ ސުވާލަށް ދޭނެ ޖަވާބެއް އަމާރާގެ ނެތެވެ.
ލޮލުގެ ކުރިމަތީގައި ދައުރުކޮށްލީ ޝައްޔާންގެ ލުއި ހިނިތުންވުމެވެ. ޝައްޔާންގެ ލަދުގެ ފަރުދާއިން ނިކުމެގެން އަންނަ، 'ބަސްތަކެވެ' ހިތަށް އެރި ކޮންމެ ވަގުތެއްގައި އަމާރާއާއި މުހާތަބްކުރާ، ލޯބި 'ވަނަން'ތަކެވެ.
ޝައްޔާންގެ ހިލަމެއް ނެތްނަމަ އަމާރާ ވަށައިގެންވާ ހިމޭންކަން، އަމާރާގެ ހިޔާލަށް ފެނަން ފެށި އެވެ.
'ފުރާނައިގެ އަމާންކަމާއި ހިތުގެ ހަމަޖެހުން ބޭނުން' އަމާރާ ޓައިޕްކޮށްލި އެވެ.
ނަމަވެސް މެސެޖް ފޮނުވުމަށް އޭނާ ޖެހިލުންވި އެވެ.
ތެދެކެވެ. މިސް ވެ އެވެ. ވަރަށް ބޮޑަށެވެ. މަންމައާއި ކޮއްކޮ އަމާރާއާއި ދުރުގައި އުޅޭތާ އެތަށް ދުވަހެކެވެ. އެމީހުން ނެތްކަމުގެ އިހްސާސުން ލޮލުގެ ތެތްކަން އިހްސާސްނުވާއިރު، ޝައްޔާން ނެތް ކަމުގެ ހުސްކަން އަމާރާގެ 'އަމާންކަން' ގެއްލުވާލަނީ ކީއްވެ ހެއްޔެވެ؟
..............
ދިހަ ދުވަސް ފާއިތުވީ އެވެ. ޝައްޔާން އަދިވެސް ލަންޑަނުގަ އެވެ.
ހަބަރެއް ނުވާތާ ދެ ދުވަހާއި ހަތަރުގަޑީރާއި ވިހި މިނެޓް ފާއިތުވެއްޖެ އެވެ.
ލިބެންވީ ހިތްހަމަޖެހުމެވެ. އިހްސާސްކުރެވެންވީ މިނިވަންކަމެވެ. ހޮސްޕިޓަލުގެ ޑިއުޓީގަޑީގައި 'ދައުވަތު ނުދޭ މެހެމާނެއްގެ' ގޮތުގައި އަމާރާގެ ކެބިންތެރެއަށް މީހަކު ނުވަދެ އެވެ. ޑިއުޓީ ނިމިގެން ސައިކަލަށް އަރަން އަންނައިރުގައި އަވިއައިނު އަޅައިގެން ހޫޑީގައި ނިވާވެގެން ހުންނަ މީހަކު ނުފެނެ އެވެ. ބޯން ހުންނަ ކޮފީތަށި ޖަހައިގަންނާނެ މީހަކު ނެތެވެ. އިރުއިރުކޮޅުން ފޯންކޯލެއް ނާދެ އެވެ. މެސެޖްގެ އަޑުން ބަލިމީހުންގެ މޫޑު ހަރާބުވާކަށް ނުޖެހެ އެވެ. ގެއަށް ދިއުމާއެކު އަމިއްލަވަންތަކެމެވެ. އިތުރު މީހެއްގެ ޒިންމާއާއިމެދު ވިސްނާކަށް ނުޖެހެ އެވެ.
މިއަށްވުރެން ބޮލަށް ފަސޭހަ އުޅުމެއް ލިބޭނެ ހެއްޔެވެ؟
އެކަމަކު އަމާރާއަށް ހިތް ހަމަޖެހުން ނުލިބިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ ވަށައިގެން ހިމޭންކަމާއި ފަޅުކަންވަނީ ކީއްވެ ހެއްޔެވެ؟ ނުތަނަވަސްކަމާއި އެކަނިވެރިކަމުގެ ޖަޒްބާތުން ދެ ލޯ ފެންކަޅިވަނީ އެވެ. ސަބަބު ހިއްސާކުރުމުގެ އިޒްނައެއް ނެތެވެ!
މޭޒުމަތީގައި އޮތް ފޯނަން ބަލައިލެވުނެވެ. އުފެދޭ ސުވާލުތައް ގިނަ އެވެ. ނަމަވެސް ލިބޭނެ ޖަވާބެއް ނެތެވެ. ވިސްނާލާފައި މަޑުމަޑުން ފޯނު އުފުލާލީ އެވެ.
ދެމީހުންގެ އެންމެ ފަހުގެ 'ޗެޓް' ހުޅުވާލީމެވެ.
ސަމާލުކަމަށް އައީ އަމާރާގެ ކުށެކެވެ. ޝައްޔާންގެ ސުވާލަށް އަދިވެސް ޖަވާބެއް ނުދެ އެވެ.
ލިޔުނު ޖަވާބުވެސް އަމާރާ 'ސެންޓް' ނުކުރެ އެވެ!
ލިބެނީ ނުތަނަވަސްކަމަށްވިޔަސް، އެ ސުވާލުގެ ޖަވާބު ފޮނުވަން އަމާރާއަށް ފަސޭހަ ނޫނީ އެވެ. އާއެކޭ ނުވަތަ ނޫނެކޭ ބުނަމަށްވުރެން ޖަވާބު ބޮޑީ އެވެ.
ލިބެމުންދިޔަ ނުތަނަވަސްކަމަށް ނިމުމެއް ނެތެވެ. ފޮނުވި މެސެޖެއްގެ ޖަވާބު ނުލިބިގެން ބަދަލުހިފާ ފިރިހެނުންގެ ތެރޭގައި ޝައްޔާން ނުހިމެނޭނެ އެވެ. އެއީ ޝައްޔާންގެ މިޒާޖެއް ނޫނެވެ.
ވިސްނަމުން، ނުތަނަވަސްކަން އިތުރުވަމުންދިޔަވަރަކަށް ހިތުގެ ތެޅުން ގަދަވަނީ އެވެ. އަމާރާ ހާސްވަނީ އެވެ. ކަންކަން ރަގަޅު ނޫންކަން އޭނާގެ ހިތް ބުނަންފެށީ އެވެ. ޝައްޔާންގެ ހަބަރެއް ލިބޭނެ ގޮތެއް އަމާރާ ވިސްނި އެވެ. މަސައްކަތުގެ ވަގުތުގައި ޝައްޔާންއަށް އުނދަގޫކުރުމަކީ އަމާރާގެ މިޒާޖެއް ނޫނެވެ.
ނަމަވެސް ހިތުގެ ރިހުމަށް ތަސައްލީއެއް ނުލިބިއްޖެނަމަ އޭނާ މޮޔަވެދާނެ އެވެ.
ތުރުތުރުއަޅަމުންދިޔަ އިނގިލިތަކުން ފޯނުގައި ހިފަހަށްޓާލާފައި ޝައްޔާންއަށް ޑައިލްކޮށްލި އެވެ.
ދެތިން ފަހަރަކު ރިންގުވުމުން، ފޮނު ނަގައިފި އެވެ.
"ހެލޯ؟"
ނަމަވެސް އިވުނީ ޝައްޔާންގެ އަޑެއް ނޫނެވެ.
އަމާރާގެ ދެފައި ބިމުގައި ތަތްވީ އެވެ! އަތުގެ އިނގިލިތަށް ގަނޑުވެއްޖެ އެވެ. ކަންފަތުން ހޫނު ނިކުންނާން ފަށައިފި އެވެ.
"ތަސްކީން؟" މުޅިގައިން ހޫނު އަރަން ފަށައިފި އެވެ.
"ޔެއާއއއ..؟؟ އަމާރާ...؟؟" ނުތަނަވަސްކަމުން ފުރިގެންވީ އަޑެކެވެ.
އަތުގެ މުށުގެ ތެރޭގައި ނުހަނު ބާރަށް އަމާރާ ފޯނުގައި ހިފެހެއްޓި އެވެ.
"ކޮބާ ޝައްޔާން..؟ ކީއްވެ ޝައްޔާން ފޯނު ނުނެގީ؟" މަޑުމަޑުން އަމާރާ ސުވާލުކޮށްލި އެވެ.
ޖަވާބެއްގެ ބަދަލުގައި އިވުނީ، މާނޭވާއެއްގެ އަޑެވެ.
"ޝައްޔާން ޝޫޓިންގެ ތެރޭގައި، އުޅެނިކޮށް ކުޑަ އެކްސިޑެންޓެއްވެގެން މިއުޅެނީ..!" ޖެހިލުންވެ ހުރެ ތަސްކީން ބުންޏެވެ.
އަމާރާގެ މެއަށް ތަދެއް އެރުމުން ދެ ލޯ މަރާލާފައި މޭގައި އަތް އެޅި އެވެ. ހިއްސުތަކުގައި ހުޅުހިފިޔަސް އެވަރު ތަދެއް އޭނާއަށް ނުވާނެ އެވެ. ކަރުގައި ނޭވާ ތާށިވީ އޮކްސިޖަން ނުލިބުމުންނެވެ. އަރި އަޅައިލުމުން ހަށިގަނޑު ބެލެންސްކުރެވުނީ އުނދަގުލުންނެވެ.
"ވަޓް..؟!! ކިހިނެއްވީ..؟" އަމާރާގެ އަޑުގައި އެކުލެވުނު ވޭނާއި ރިހުން، ތަސްކީންއަށް ސިއްރެއްނުވި އެވެ.
"ޝޫޓް ކުރަމުންދިޔައީ، އެކްޝަން ސީންއެއް..! ހާދިސާ ދިމާވީ، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން... ގެއްލުން ލިބުނީ ޝައްޔާންގެ އަތަށް..! ހުޅުން ނެއްޓުނީތޯ ނުވަތަ ކަށިގަނޑު ބިންދައިގެން ގޮސްފައިތޯ، ޑޮކްޓަރުން ޗެކްކުރައްވަމުންދަނީ.." ޖެހިލުންވެ ހުރެވެސް ތަސްކީން ތެދު ހެދި އެވެ.
އަމާރާގެ ވަށައިގެން، ހަތަރުފާރު އެނބުރިގަތެވެ. (ނުނިމޭ)