
އެލިއާއިން ބުނީ އެ ބްލަޑް ކޭމްޕް ކުރިއަށްދާނީ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން އިރުއޮއްސި 6:00 ޖަހަންދެން ކަމަށެވެ.
މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެން އެލިއާއިން ބާއްވާ އެ ހަރަކާތުގެ މަގްސަދަކީ ލޭ ހަދިޔާކުރުމަކީ ދިވެހިންނަށް އަހުލުވެރި ކަމަކަށް ހެދުމާއެކު، އެކަކު އަނެކަކަށް އަޅާލާ، ބޭނުންޖެހޭ ހިނދު ތައްޔާރަށް ތިބޭ މުޖުތަމައުއެއް ބިނާ ކުރުމެވެ.
ބްލަޑް ސާވިސް އިން ބުނި ގޮތުގައި، ލޭ ހަދިޔާކުރާ މީހުންގެ އަދަދު މަދުވެފައިވުމުގެ ސަބަބުން، ލޭ ހޯދުމަށް ބޮޑެތި ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެ އެވެ. އަދި ފުރަތަމަ ފަހަރަށް ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަދަދު ވެސް ވަނީ މަދުވެފަ އެވެ.
މިފަދަ ހާލަތެއްގައި، މިފަދަ ހަރަކާތްތަކަކީ ލޭގެ ބޭންކަށް ދިމާވެފައިވާ ދަތިކަން ލުއިކުރުމަށް ވަރަށް ބޭނުންތެރި ހަރަކާތެކެވެ. ލޭ ހަދިޔާކުރުމުގެ މައިގަނޑު މަގްސަދަކީ އެހެން މީހުންނަށް އެހީތެރިވުން ކަމުގައިވީ ނަމަވެސް، ލޭ ހަދިޔާކުރާ ފަރާތަށްވެސް ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބެ ކަމަށް ސިއްހީ މާހިރުން ވިދާޅު ވެއެވެ.